ބަދަލުގެގޮތުގައި 14 ޓްރިލިޔަން ޑޮލަރު ހޯދަން އެމެރިކާގެ ކަޅުނަސްލުގެ މީހުން ދައުވާކުރަނީ

އެެމެރިކާގައި ހިނގަމުންދާ ހަމަނުޖެހުންތައް

ވޮޝިންޓަން (3 ޖޫން 2020) : އެމެރިކާގެ ދޮންނަސްލުގެ ބައެއްމީހުންގެ ފަރާތުންނާއި ސަރުކާރުގެ މުއައްސަސާތަކުން ޒާމާނުއްސުރެ ކަޅު މީހުންނަށް ދެމުން ގެންދާ އަނިޔާތަކާއި ލާއިންސާނީ ޖަރީމާތަކަށް 14 ޓްރިލިޔަން ޑޮލަރުގެ ބަދަލެއް ހޯދުމުގެ މަސައްކަތް ކަޅު މީހުން ފަށައިފިއެވެ.

ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކާބޭހޭ ގާނޫނީ ވަކީލުންގެ އެހީތެރިކަމާއެކު މި ބަދަލު ހޯދުމަށް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާގެ ކަޅު ނަސްލުގެ މިލިޔަނަރެއްކަމަށްވާ ރޮބަޓް ޖޯންސަންއެވެ.

ޖޯންސަންއަކީ އެމެރިކާގެ ދޮންމީހުން އަޅުންގެ ގޮތުގައި އެފްރިކާއިން ގެނައި ކަޅު ނަސްލުގެ ޖީލަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ ބަދަލު ހޯދުމުގެ މައްސަލަ އެމެރިކާގެ ކޯޓުތަކަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި ދޮންނަސްލުގައި ހިމެނޭ އިންސާނިއްޔަތަށް ލޯބިކުރާ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔަތަކުންވެސް މިކަމުގައި އެހީތެރިވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގައެވެ.

ޔޫރަޕުން އެމެރިކާގެ ބައްރަށްހިޖްރަކުރި ދޮންމީހުން އަޅުންގެ ގޮތުގައި އެފްރިކާއިން ކަޅު ނަސްލުމުގެ މީހުން ގެނައުމަށް ގިނަ ދަތުރުތަކެއް ކުރިއެވެ. "ސްލޭވް ޓްރޭޑް އެކްރޮސް ތަ އެޓްލާންޓިކް" ގެ ނަމުގައި ދޮން ނަސްލުގެ މީހުން މި ލާއިންސާނީ ދަތުރުތައް ކޮށްފައިވަނީ ސޯޅަ ވަނަ ގަރުނުން ފެށިގެން ނަވަރާވަނަ ގަރުނާ ހަމައަށެވެ. އެދަތުރުތައްކުރި ބޯޓުތައް އެޓްލާންޓިކް ގަދަވާ ހާލަތްތަކުގައި ބޯޓު ލުއިކުރުމަށްޓަކައި ކަޅުނަސްލުގެ މީހުން ކަނޑަށް އުކާލުމުގެ ޖަރީމާތައްވެސް ދޮން ނަސްލުގެ މީހުން އެތަށްފަހަރަކު ހިންގާފައިވާކަން ތާރީޚު ހެކިދެއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހުންނަކީ މި ލާއިންސާނީ އަނިޔާވެރި ދަތުރުތަކުގައި ހިލހިލާ ޖަހައިގެން އެފްރިކާއިން އަޅުންގެ ގޮތުގައި އާގު ބޯޓުތަކުގެ ތައްޓުތަކުގެ ދަށުގައި މުދާ ގެންނަން ގޮތަށް އެމެރިކާއަށް ގެނައި މީހުންނެވެ. އެމީހުން އެމެރިކާއަށް ގެނައުމަށްފަހު ދޮންމީހުން އަޅުން ގަނެވިއްކުމުގެ މުޑުދާރު ވިޔަފާރި ފުޅާދާއިރާއެއްގައި ވަރަށް އަނިޔާވެރިގޮތެއްގައި ކުރިއެވެ.

ޖޯންސަން ވިދާޅުވީ ކަޅު ނަސްލުގެ މީހުން އަޅުން ގެގޮތުގައި ގަނެ ވިއްކުމުގެ ވިޔަފާރި ކުރިދުވަސްވަރު ދޮން މީހުން ހިންގި ޖަރީމާތަކަށް ބަދަލު ހޯދުމުގައި ބަރޯސާވާނެ ގާނޫނުތަކެއް ނެތެވެ. ނަމަވެސް އެމެރިކާގައި އަޅުންގެ ވިޔަފާރި މަނާކޮށް އެމެރިކާގެ ދަސްތޫރުގައި ނަސްލީ ތަފާތު ކުރުންމަނާކޮށް އެއީ ޖަރީމާއެއްކަމަށް ގާނޫނީ ގޮތުން ހެދިފަހުން ދޮންނަސްލުގެ މީހުންގެ ފަރާތުންނާއި އެމެރިކާ ސަރުކާރުގެ މުއައްސަސާތަކުން ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގި ނަސްލީ އިމްތިޔާޒުގެ ޖަރީމާތަކަށް ބަދަލު ހޯދޭނެ ގާނޫނުތައް އެބަހުރިކަން އޭނާ ފާހަގަ ކުރިއެވެ.

މި ގަޒިއްޔާ އެމެރިކާގެ ކޯޓުތަކުގައި ކާމިޔާބު ކުރެވިއްޖެނަމަ ބަދަލުގެ ގޮތުގައި ލިބޭ ފައިސާ ޚަރަދު ކުރާނީ ކަޅު ނަސްލުގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުކޮށް އެމީހުން ވިޔަފާރީގެ ގޮތުން ކުރިޔަށް ދާނެ ފުރުސަތުތައް ހޯދައި ދިނުމަށް ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ސީއެންބިސީ އަށް ދެއްވި ބަސްދީގަތުމުގެއްގައި ޖޯންސަން ވިދާޅުވީ އެމެރިކާގެ ހުރިހާ ސަރުކާރުތަކަކީވެސް އެމެރިކާގެ ހަޑިފަރާތާއި ފަތިފުށް ފޮރުވުމަށްފަހު މަތިއޮމާންކޮށްގެން އިންސާނީ ހައްގުތަކުގެ ނަމުގައި އެހެންގައުމުތަކުގެ ކުށްދައްކަމުން ގެންދިޔަ ސަރުކާރުތަކެއްކަމަށާ ދުނިޔޭގެ ގިނަ ގައުމުތަކަށްވުރެ އިންސާނީ ހައްގުތަށް ނިގުޅައިގަތުމުގެ ޖަރީމާތައް އެމެރިކާގައި ބޮޑުކަމުގައެވެ.

އެމެރިކާގެ ދޮން ނަސްލުގެ މީހުން ކަޅުނަސްލުގެ މީހުން އަޅުވެތިކޮށްގެން އަޅުން ގަނެ ވިއްކުމުގެ މުޑުދާރު ވިޔަފާރި 200 އަހަރުވަންދެން ކުރިކަމަށާ އެމެރިކާ އަކީ އެ ލަދުވެތި އަނިޔާވެރި ތާރީޚު އޮތްގައުމެއްކަމުގައެވެ. އެހެންކަމުން އެމެރިކާ ސަރުކާރަށް އޮތީ އެހަގީގަތް ގަބޫލުކޮށް ކަންކަން އިސްލާހުކޮށް ނަސްލީ އިމްތިޔާޒު އެމެރިކާގެ މުޖްތަމައުން ނައްތާލުން ކަމަށް ޖޯންސަން ވިދާޅުވިއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް އެމެރިކާގެ ފުލުންގެ އަނިޔާވެރިކަމުގައި މަރާލުމާ ގުޅިގެން އިންސާފަށް ގޮވާލައި އެމެރިކާގެ އާންމުން ކުރަމުން ގެންދާ މުޒާހަރާތަކަށް ހަފްތާއެއް ވެފައިވާއިރު އެ މުޒާހަޜާތަކުގައި މިހާތަނަށް 7 މީހުން މަރުވެ 5 ހާހަށްވުރެ ގިނަމީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމެރިކާގެ ބޮޑުބައަކަށް ވަނީ މުޒާހަރާތައް ފެތުރި ފަސޭހައިން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފައެވެ. (ސީއެންބިސީ)

ގުޅޭ ޓެގު
comment ކޮމެންޓް