ވައިގެ ދަތުރުތައް ފަށަން އައިކާއޯގެ ގަވާއިދުތަކަށް އަމަލުކުރަން އެދިއްޖެ

ރަޔާންއެއާގެ ބޯޓަކަށް ފަސެންޖަރުން އަރަނީ ----

ވައިގެ ދަތުރުތައް އަލުން ފެށުމަށްޓަކައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ގަވާއިދުތަކަށް އަމަލުކުރަން ފެށުމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)އިން އެދިއްޖެ އެވެ.

ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ކުރުން މެދުކެނޑިފައިވާއިރު، ދަތުރުތައް އަލުން ފެށުމާ ގުޅޭގޮތުން "ޓޭކް އޮފް: ގައިޑެންސް ފޮ އެއާ ޓްރެވަލް ތްރޫ ދަ ކޮވިޑް19 ޕަބްލިކް ހެލްތު ކްރައިސިސް" ގެ ނަމުގައި ހާއްސަ ގަވާއިދުތަކެއް އައިކާއޯގެ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ގަވާއިދުތަކަށް އަމަލުކުރުމަށް އަޔާޓާއިން ވަނީ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ. އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް އަދި ސީއީއޯ އެލްގްޒެންޑާ ޑި ޖޫނިއަކް ވިދާޅުވީ ހުރިހާ ގައުމުތަކުން ވައިގެ ދަތުރުފަތުރު ކުރުން އެއް ހަމައެއްގައި ރައްކާތެރިކަމާއެކު ހިފެހެއްޓިފައި އޮތީ މިހާރު ވެސް އެއް ގަވާއިދަކަށް އަމަލު ކުރުމުގެ ސަބަބުން ކަމަށެވެ.

"އިގްތިސާދާއި ބޯޑަރުތައް ހުޅުވާލަން ތައްޔާރުވަމުންދާއިރު، އައިކާއޯގެ ޓޭކްއޮފް ގައިޑެންސްއަށް ހުރިހާ ގައުމުތަކުން ވެސް އަމަލުކުރުމަކީ މުހިންމު ކަމެއް. މިގަވާއިދަކީ މި ދާއިރާއާއި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ތަޖުރިބާއާއެކު އެކުލަވާލާފައިވާ ގަވާއިދެއް. އަދި ގިނަ އެއާލައިންތަކުން ވެސް މި ގަވާއިދު ބަލައިގަނޭ." ޖޫނިއަކް ވިދާޅުވި އެވެ.

އެ ގަވާއިދުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން؛

  • އިޖުތިމާއީ ގައިދުރުކުރުން
  • މާސްކު އެޅުން (ފަސިންޖަރުންނާއި މުވައްޒަފުން)
  • ޑިސްއިންފެކްޓު ކުރުން (ފަސިންޖަރުން އުޅޭ އަދި އަތްލާ ތަންތަން)
  • ހެލްތު ސްކްރީނިން (ދަތުރުގެ ކުރިންނާއި ފަހުން، ޓެމްޕަރޭޗާ ބެލުން)
  • ކޮންޓެކްޓް ޓްރޭސިން
  • ސިއްހީ މައުލޫމާތު ފޯމު
  • ޓެސްޓުކުރުން
comment ކޮމެންޓް