ސޯޝަލް މީޑިއާގައި ރައީސް ސޯލިހާއި ނަޝީދަށް ފާޑުކިޔުމުން ވަޒީފާއިން ވަކިކޮށްފި

ފެބްރުއަރީ 17، 2020: މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ތަކުރާރުކޮށް ފާޑުކިޔާކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ފުރަތަމަ ފޮނުވި ޗިޓުގައި، ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުގައި ލިޔަމުން ދިއުމެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން ވެސް އެ މައްސަލައިގައި އެ މުވައްޒަފަށް ވަނީ އިންޒާރުދީފައެވެ. އަދި ވަޒީފާއިން ވަކިކުރީ، އެންމެ ފަހުން ދިން އިންޒާރުގައި ބުނެފައިވާ އިސްލާހީ ފިޔަވަޅުތަކަށް އަމަލުކޮށްފައިނުވާތީ ކަމަށް ވެސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއިކުރައްވައި ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.

އެ މުވައްޒަފަކީ ނޮވެމްބަރު 2014 އިން ފެށިގެން ހިތަދޫ ޕޯޓް ލިމިޓެޑުގައި އެސިސްޓަންޓް އޮޕަރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ވަޒީފާއިން ވަކިކުރީ މިދިޔަ މޭ މަހުގެ ދެވަނަ ދުވަހުއެވެ.

މުވައްޒަފަށް އިންޒާރުގެ ސިޓީ ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ އިންޒާރުގައި ބުނެފައި ވަނީ ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުން ތަކުރާރުކުރާނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

އަދި ވަޒީފާއިން ވަކިކޮށް ފޮނުވި ފުރަތަމަ ލިޔުމުގައި ވެސް ބުނެފައި ވަނީ އެހެންނެވެ. ނަމަވެސް ފަހުން ވަނީ އެ ލިޔުން އަނބުރާ ގެންގޮސް، އިބާރާތްތައް ބަދަލުކުރުމަށް ފަހު ޗިޓު ފޮނުވައިފައެވެ.

އެ ޗިޓުގައި ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔާ ވާހަކަ ވަނީ އުނިކޮށްފައެވެ. އަދި ވަޒީފާއިން ވަކިކުރާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ކޯޑް އޮފް ކޮންޑަކްޓާ މުވައްޒަފު ހިލާފުވެފައިވުމެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔުމުން މީހެއްގެ ވަޒީފާ ގެއްލިފައިވާއިރު، އެއީ މި ސަރުކާރުން ނުކުރާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވެސް އަދި ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހާއި ނަޝީދު މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރެއްގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް