ޑޮކްޓަރުން ތައްޔާރު، ރައްޔިތުން ހޭލުންތެރި، ރާއްޖެ ހުޅުވާލުން ގޯހެއް ނޫން: ޑރ. ބްރޫސް

ޑރ. ބްރޫސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ ---

ރާއްޖޭގެ 600 އަށްވުރެ ގިނަ ޑޮކްޓަރުންނާ ނަރުހުން ކްރިޓިކަލް ކެއާއަށް ތަމްރީނު ކުރެވިފައިވާ ކަމަށާއި އަދި ރައްޔިތުންގެ މެދުގައި ކޮވިޑް19 އަށް ހޭލުންތެރިކަން ބޮޑު ކަމަށާއި އެހެންކަމުން މިވަގުތު ރާއްޖެ އަލުން ހުޅުވާލުމަކީ ގޯހެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް، ދެކުނު އެފްރިކާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ޑޮކްޓަރު ބްރޫސް ސްޓޯވާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާ ދެކޮޅަށް ރާއްޖޭގެ ކެޕޭސިޓީ ބިލްޑުކުރުމަށް، ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ދެކުނު އެފްރިކާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސްފަ އެވެ. އަދި އައިޖީއެމްއެޗް އާއި އޭޑީކޭ އާގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ޑޮކްޓަރުންނާ ނަރުހުންނަށް ވަނީ ކްރިޓިކަލް ކެއާއަށް ތަމްރީނު ކުރުވާފަ އެވެ.

މިއަދު އަޖީއެމްއެޗްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ބްރޫސް ވަނީ ގައުމެއްގެ ގޮތުގައި ރާއްޖެއިން ކޮވިޑް19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފަ އެވެ.

އެގޮތުން ރާއްޖޭގެ އައިސީޔޫތަކުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި، ރާއްޖޭގައި ހޭދަވި އަށް ހަފްތާގައި ބައްދަލުވި ފަދަ ފެންވަރު ރަނގަޅު ނަރުހުންނާ އަދި ހަޔާތުގައި ވެސް ބައްދަލުވެފައި ނުވާކަމަށް ވިދާޅުވެ، ރާއްޖޭގެ ނަރުހުންނަށް ވެސް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.

ރާއްޖެއިން މި ބައްޔަށް ތައްޔާރުވެފައި އޮތް މިންވަރާއި، އަދި އަލުން ރާއްޖެ ހުޅުވާލުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުްނ ޑރ. ބްރޫސް ވިދާޅުވީ މިހާރު ހުރިހާ ރަށެއްގައި ތިބި ޑޮކްޓަރުންނަށް ވެސް ކޮވިޑާ ކްރިޓިކަލް ކެއާގެ ތަމްރީނު ދީފައިވާ ކަމަށެވެ. އަދި ފަރުވާއަށް ވެސް ހޭލުންތެރިކުރުވާފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު ރާއްޖޭގެ އޮކްސިޖަން ސްޓޯރޭޖް ކެޕޭސިޓީ ވެސް ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން ގިނަ މީހުންތަކެއް ކްރިޓިކަލް ހާލަތަށް ދިޔަ ނަމަވެސް، އެމީހުންނަށް އޮކްސިޖަން ތެރަޕީ ދެވޭ ވަރަށް އޮކްސިޖަން ހުރިކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބައްޔާމެދު އޮތް ހޭލުންތެރިކަން ވެސް ޑރ. ފާހަގަކުރެއްވި އެވެ. ޑރ. ބްރޫސް ވަނީ އެންމެ ކުރިން ފެށިގެން ފްލޫ ކްލިނިކްތައް ގާއިމުކޮށް ބިދޭސީންނާ އާންމުން ހޭލުންތެރިކުރުވުމަށް ރާއްޖެއިން ކުރަމުން އައި މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.

ޑޮކްޓަރު ވިދާޅުވި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވާއިރު، އަބަދު ރާއްޖެ ބަންދުކޮށްފައި ނުބޭއްވޭނެ ކަމަށާއި، ކޮންމެސް ގޮތަކުން ގައުމަށް އާންމުދަނީ ވަންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މިހާރު އަޅާފައިިވާ ފިޔަވަޅުތަކާ އެކު އަދި ރައްޔިތުންގެ މެދުގައި އޮތް ހޭލުންތެރިކަމާއެކު ރާއްޖެ ހުޅުވާލުން ގޯސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުބުނާނަން ރާއްޖެ ހުޅުވާލަން އަދި މާ އަވަހޭ ނުވަތަ މާ ލަސް ވެއްޖޭ. އަޅުގަނޑަށް ހީވަނީ މިއީ އެންމެ ރަނގަޅު ވަގުތު ހެން،" ޑޮކްޓަރު ވިދާޅުވި އެވެ.

އަލުން ގައުމު ހުޅުވާލި ނަމަވެސް، އަދިވެސް މީހުން އިތުރަށް ހޭލުންތެރިކުރުވައި، އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުގެ މުހިންމުކަން ޑރ. ބްރޫސް ފާހަގަކުރެއްވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، އަންނަ މަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން 1841 މީހަކަށް ބަލި ޖެހިފައިވާއިރު، 608 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. އަދި ހަތް މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް