އިންޑިއާގެ މަތީ ފަންތީގެ ފަތުރުވެރިން ބޭނުންވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން

އެއާރ ޕޯޓް، އެރައިވް ކައުންޓަރުން ފަތުރުވެރިންގެ ޕާސްޕޯޓް ބަލަނީ ފޮޓޯ/ފަޔާޒު

ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް އިންޑިއާގެ މަހުޖަނުން ބޭނުންވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

"ދަ އިންޑިއަން ލަގްޒަރީ ޓްރެވެލާ ރިޕޯޓް: ކޮވިޑް އެޑިޝަން" ގެ ނަމުގައި ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގެ ނަތީޖާ ބުނާގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 37 ޕަސެންޓު މީހުން، ކޮވިޑަށް ފަހު އެންމެ ބޭނުންވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލާށެވެ.

ދިއްލީ، ބެންގަލޫރު، މުމްބާއީ، ކޮލްކަތާ، ހައިދްރައާބާދު ފަދަ ބޮޑެތި ސިޓީތަކުގެ މަތީ ފަންތީގެ ފަތުރުވެރިން ބައިވެރިިކޮށްގެން ކުރިއަށްގެންދިޔަ ދިރާސާ ގައި ބައިވެރިވެފައިވަނީ 25 އަހަރާ 55 އަހަރާ ދެމެދުގެ މީހުންނެވެ.

މީގެ ތެރޭގައި ވަޒީފާ އަދާކުރާ މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ އިތުރުން ކޮންސަލްޓެންޓުންނާއި ވިޔަފާރިވެރިން އަދި ރިޓަޔާޑް މީހުންވެސް ހިމެނެ އެވެ.

ދިރާސާގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ކޮވިޑަށްފަހު ހޮޓެލްތަކާއި ރިސޯޓުތަކުން ސާފުތާހިރު ކަމާއި ރައްކާތެރިކަމަށް އިތުރަށް އަހަންމިއްޔަތުކަން ދޭނެ އެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 53 ޕަސެންޓު މީހުން ބުނެފައިވާގޮތުން އެމީހުން ތިބޭ ހޮޓެލް ރޫމު އިތުރަށް ޑީޕް ކްލީން ކުރުމަށް ފައިސާ ދައްކަން ޖެހުނަސް މައްސަލައެއް ނެތެވެ. 37 ޕަސެންޓް މީހުން ބުނެފައިވާގޮތުން ޗުއްޓީ ހޭދަކުރުމަށް ރިސޯޓަށް ނުވަތަ ހޮޓަލަށް ދިޔުމުގެ އެއްދުވަސް ކުރިން އެތަން ތައްޔާރުކޮށް، އެހެން މީހަކު ނުވަންނާނެހެން ބެހެއްޓުމަށް އިތުރު ފައިސާ ދައްކަންވެސް އެމީހުން ތައްޔާރެވެ.

އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. މިދިޔަ 2019 ވަނަ އަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ.

comment ކޮމެންޓް