ރާއްޖެއިން ކޮވިޑް ޖެހުނު ކުޑަކުދިންގެ އަދަދު 100 އިން މައްޗަށް

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް19 ޖެހުނު 1,841 މީހުންގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ކޮވިޑް19 ޑޭޝްބޯޑުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް 102 ކުއްޖަކު ވަނީ ވައިރަހަށް ޕޮޒިިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 55 ފިރިހެން ކުދިންނާއި، 47 އަންހެން ކުދިންނެވެ.

ރާއްޖެއިން ޕޮޒިޓިވްވި ކުޑަކުދިންގެ ތެރޭގައި ސްރީލަންކާގެ ހަތަރު އަހަރުގެ ކުއްޖަކު ހިމެނޭއިރު، ދެން ހިމެނެނީ މުޅިންވެސް ދިވެހި ކުދީންނެވެ.

ޕޮޒިޓިވްވެފައިވާ ކުދީންގެ ތެރޭގައި މަހެއް ނުފުރޭ ދެކުދީންނާއި، ހަތް މަހުގެ ދެ ކުދިން ހިމެނެއެވެ. މީގެ އިތުރުން އެއް އަހަރާ 10 އަހަރާ ދެމެދުގެ 50 ކުދިން ހިމެނެއެވެ. ދެން ހިމެނެނީ 11 އަހަރާ 17 އަހަރާ ދެމެދުގެ ކުދީންނެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެފައި ވަނީ އެހެންގައުމުތަކާ ބަލާއިރު ނިސްބަތުން ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު ގިނަ ކަމަށެވެ.

އުމުރުން ދުވަސްވީ 53 މީހަކަށް ބަލިޖެހިފައިވޭ

ކޮވިޑް ޑޭޝްބޯޑުގައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ 53 މީހަކު ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 20 އަންހެނުންނާއި 33 ފިރިހެނުންނެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި އުމުރުން 62 އަހަރުގެ ލަންކާ މީހަކާއި 60 އަހަރުގެ ބަންގްލަދޭޝް މީހަކު ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. ބަލި ޖެހިގެން ރާއްޖެއިން މަރުވި ހަތް މީހުންގެ ތެރޭގައި 89 އަހަރުގެ މީހަކާއި، 80 އަހަރުގެ މީހަކާއި 83 އަހަރުގެ މީހަކާއި 88 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

ކޮމިއުނިޓީ ސްޕްރެޑް ފެށުމުގެ ކުރިން އުމުރުން 60 އަހަރުން މަތީގެ ފަސް ފަތުރުވެރިޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ އެންމެން ވެސް ބަލިން ރަނގަޅުވެ މިހާރު ވަނީ ދޫކޮށްލާފައެވެ.

ރާއްޖެއިން މިހާތަނަށް 1,841 މީހަކަށް ބަލި ޖެހިފައި ވާއިރު، 608 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް