ދަތުރެއް ނެތް، އާމްދަނީއެއް ނުލިބޭ، ގޮތް ހުސްވެއްޖެ

ޓެކްސީތަކެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަތުރެއް ނެތް. މިހާރު ދުވާލަކަށް 100 ރުފިޔާ ވެސް ނުލިބޭ،" މިއީ މާލޭގައި ޓެކްސީ ހިދުމަތްދޭ ޑްރައިވަރުންގެ މިހާރުގެ ވާހަކަ އެވެ.

މީގެ ދުވަސްކޮޅެއް ފަހަތަށް ދާއިރު މާލެއިން ޓެކްސީއެއް ހޯދުމަކީ ބޮޑު ވޭނެކެވެ. އެތައް ސަތޭކަ ޓެކްސީއަކުން ހިދުމަތްދޭއިރު ޓެކްސީއެއް ހޯދަން ދައްޗެވެ. ދަތުރުތަކަށް ބާރުބޮޑެވެ. އާންމުކޮށް ޓެކްސީއެއް ހޯދަން ޖެހެނީ މަގުމަތިން އަތްނަގައިގެން، ކޮންމެވެސް އެހެން މީހެއްގެ ދަތުރެއްގެ ތެރެއިންނެވެ.

އެހެން ނަމަވެސް ކޮވިޑް19 އައިސް، ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުން އެފުށް މިފުށަށް ޖެހިއިރު ޓެކްސީ ޑްރައިވަރުންގެ ޖީބުވެސް ހުސްކޮށްލައިފި އެވެ. އާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔެއްގެ ހާލަކީ މިއެވެ. އަމިއްލަ މަސައްކަތް ކޮށްގެން ބަނޑުފުރާނަ މުއްތިކުރި މީހުންނަށް މިވަގުތު މަސައްކަތް ކުރެވޭކަށް ނެތެވެ. ކޮވިޑާއެކު އައި ހާއްސަ ހާލަތުގެ ސަބަބުން ތިބެން ޖެހިފައި މިއޮތީ ގޭބަންދުވެގެންނެވެ. އާންމުކޮށް ބޭރަށް ނިކުމެ އުޅުމެއް، އާންމު ދަތުރުފަތުރެއް ނެތެވެ.

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ޑްރައިވަރުންނަކީ ދުވާލެއްގެ މައްޗަށް 500 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެދުގެ އާމްދަނީ އެއް އެވްރެޖުކޮށް ހޯދާ ބަޔެކެވެ. ބައެއް ފަހަރު އެއަށްވުރެވެސް ގިނައިންނެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރަކުން 25 ރުފިޔާ ނަގާއިރު އެއާޕޯޓަށް ދަތުރު ކުރަނީ 60 ރުފިޔާއަށެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު 75 ރުފިޔާ އަށެވެ.

ކޮވިޑާއެކު ގެއިން ބޭރަށް ނިކުުތުން ހުއްޓި އެއްތަނުން އަނެއްތަނަށް ދިޔުން މަދުވެފައިވާއިރު ޓެކްސީ ޑްރައިވަރުންނަށް ދަތުރު ލިބޭނެ މަގުތައް ވަނީ މަދުވެފައެވެ. މީގެ ކުރިން އެތައް ގަޑިއެއް ވަންދެން އެއާޕޯޓު ޓެކްސީ ކިޔުގައި މީހުން ތިއްބަސް ވައިގެ ދަތުރުތައް ހުއްޓި، އެއާޕޯޓަށް ކުރާނެ ދަތުރެއްވެސް ނެތެވެ.

މިހާރުގެ ހާލަތާއެކު ޓެކްސީ ޑްރައިވަރުންނަށްވެސް ކުރިން ދަތުރަށް ނިކުމެ އުޅޭހެން މަސައްކަތަށް ނިކުމެވޭކަށް ނެތެވެ. ކޮންމެ ޓެކްސީ ސެންޓަރަކަށްވެސް ހުއްދަ ދޫކުރަނީ ވަކި އަދަދަކަށެވެ. 10 ހުއްދަ ދޫކުރާއިރު އެދުވަހަކު މަސައްކަތަށް ނިކުންނާނެ ޑްރައިވަރުން ކަނޑައަޅަނީ ގުރުއަތު ނަގައިގެންނެވެ.

ކޮންމެ ދަތުރެއްގައިވެސް ގިނަވެގެން އުފުލޭނީ ދެ ފަސިންޖަރުން ކަމަށް އެޗްޕީއޭގެ ގައިޑްލައިން އަކުން ވަނީ ކަނޑައަޅައިފައެވެ. ކުރީ ސީޓުގައި އެއްވެސް ފަސިންޖަރަކަށް ނީނދެވޭނެއެވެ.

"މިހާރު ދަތުރަކަށް މި އެރުވެނީ ދެ މީހުން. ދަތުރަކަށް 25 ރުފިޔާ ލިބުނަސް މިހާރު މިނޫން ގޮތެއް ނެތް،" ޑްރައިވަރަކު ބުންޏެވެ.

"އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފި. ދަތުރެއް ނުލިބޭ. ދުވާލަކަށް 100 ރުފިޔާ ލިބުނަސް މަސައްކަތަށް ނިކުންނަނީ، އޭރުންވެސް ޖީބަށް ލާނެ އެއްޗެއް އެބަ ލިބޭތާ،" އޭނާ ބުންޏެވެ.

އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ހާލަތާ ގުޅިގެން ލިބޭ މާލީ ދަތިކަމުން އަރައިގަންނަން ލޯނު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެ ލޯނަށް އެދުނު އެއްވެސް ޓެކްސީ ޑްރައިވަރަކަށް ލޯނު ލިބިފައި ނުވާކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް ވިދާޅުވިއެވެ.

މާލޭ މަގެއްގައި ދުއްވާފައިދާ އުޅަނދުތަކެއް-- ސަން ފޮޓޯ: މުއާވިއަތު އަންވަރު

"ލޯނު ދޭނެ ކަމަށް ސަރުކާރުން ބުނި. ސަރުކާރުން ދޭންބުނި އިންކަމް ސަޕޯޓުގެ އެއްވެސް އެލަވންސެއް ނުލިބޭ.އަމިއްލަ މަސައްކަތް ކުރާ މީހުންނަށް 18،000 ދޭން ފުރަތަމަ ބުނީ. ފަހުން 30،000 އަށް އިތުރުވެސް ކުރި. އެކަމަކު އޭގެން އެއްވެސް އެހީތެރިކަމެއް އަދި ނުލިބޭ،" އެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

"ހާލަތު ވަރަށް ދަށް. މިމަހުގެ ފަހުންވެސް މިހާރު މިއޮތް ހާލަތު އިތުރަށް ދަންމާލަންޏާ އިތުރަށް ދަތިވާނެ،" އޭނާ ބުންޏެވެ.

comment ކޮމެންޓް