ކޮރޯނާވައިރަހަށް 133 ވެކްސިނެއް ދަނީ ޓެސްޓު ކުރަމުން: ޑަބްލިޔުއެޗްއޯ

ކޮވިޑް-19 ފެތުރުން މުޅިން ހުއްޓުވަން ވެކްސިނެއް ބޭނުންވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ -- ފޮޓޯ: އޭޕީ

ޖެނީވާ (ޖޫން 3): ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 133 ވެކްސިނެއް އެކި ގައުމުތަކުގައި ޓެސްޓު ކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ލިޔެކިޔުންތަކުގައިވާ ގޮތުން މިހާރު ޓެސްޓު ކުރަމުންދާ ވެކްސިންގެ ތެރެއިން 10 ވެކްސިނެއް ދަނީ އިންސާނުންނަށް ދީގެން ޓެސްޓު ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާގައި ކުރިއަށްގެންދާ ތަހުލީލުތައް ހިމެނެ އެވެ. އަދި ބާކީ 123 ވެކްސިން އިންސާނުންނަށް ދޭން ރައްކާތެރިތޯ އާއި ދޭންވީ މިންވަރު ސައިންސުވެރިން ދަނީ ހޯދަމުންނެވެ.

މިދިޔަ މަހު އެޖަމްއިއްޔާއިން ވަނީ ކޮރޯނާވައިރަހަށް ޓެސްޓު ކުރަމުންދާ 100އަށް ވުރެ ގިނަ ވެކްސިންގެ ތެރެއިން ކާމިޔާބު ވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އަށް ވެކްސިނެއްގެ މަސައްކަތް އަވަސް ކުރެވޭތޯ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި މީގެ ތިން މަސް ކުރިން ލަފާ ކުރެވިފައި އޮތީ ވެކްސިނެއް ލިބެން 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށެވެ. ނަމަވެސް އެއަށް ވުރެ އަވަހަށް ވެކްސިނެއް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާތަނަށް 6.3 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 2.7 މިލިއަން މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލީގައި 380,580 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް