އަރަބިއަން ކަނޑުން އުފެދިގެން އިންޑިއާގެ ހުޅަނގާ ދިމާލަށް ދަތުރުކުރަމުންދާ ތޫފާން މިހާރު ސައިކްލޯން އަކަށް ބަދަލުވެ އިންޑިއާގެ ފައިނޭންޝަލް ކެޕިޓަލް މުމްބާއި އަށް އެރުމަށް މިސްރާބު ޖަހައިފި އެވެ.
ސައިކްލޯން ނިސާރުގާ އާއެކު ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެގޮތުން އެ ސައިކްލޯނުގައި ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި އެ ތޫފާނު މުމްބައި އެއްގަމަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން ބުނާގޮތުގައި އެ ތޫފާނު، ކެޓަގަރީ ހަތަރެއްގެ ސައިކްލޯނެއްގެ ގޮތުގައި ދަރަޖަކޮށްފައިވާއިރު މުމްބާއި އަށް އަރާއިރު ގަޑިއަކު 98 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.
އެ ތޫފާނާ ގުޅިގެން މިހާރު މުމްބާއިގެ 20 މިލިއަން މީހުންގެ އާބާދީގެ 100،000 މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އެ ފަރާތްތަކަކީ އެންމެ ބޮޑަށް ތޫފާނު އަރާ ހިސާބާ ގާތް މީހުންނެވެ. އޭގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންވެސް ހިމެނެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސައިކްލޯން ނިސާރުގާ އަކީ އިންޑިއާށް ގަރުނެއްގެ ތެރޭގައި އަރާ ތޫފާނެވެ.