ޔަމަނަށް އެހީވުމަށް ބައިނަލްއަގުވާމީ އެއްބާރުލުމަށް މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

މިނިސްޓަރު ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޔަމަނުގައި ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތުން އދގެ ހިއުމެނިޓޭރިއަން އެފެއަރޒް އާއި ބެހޭ އަންޑަ ސެކްރެޓަރީ ޖެނެރަލް އަދި އިމަޖަންސީ ރިލީފް ކޯޑިނޭޓަރު މާކް ލޯކޮކް އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށްވެފައިވާކަން ފާހަގަކުރައްވައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

އަސާސީ ހިދުމަތްތަކާ ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޔަމަނުގައި ސުލްހަ ގާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޔަމަނުގައި ބައިނަލްއަގުވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ޙާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭކަމަށެވެ.

އަދި ޔަމަގނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަގުވާމީ މުޖްތަމައު ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޔަމަނުގެ ހާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދ.ގެ މެމްބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފަ އެވެ.

comment ކޮމެންޓް