މިއަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވަން އިންޑޮނީޝިއާ އިން ނިންމައިފި

އިންޑޮނީޝިއާގެ ދީނީ ކަންތައްތަކާބެހޭ ވަޒީރު ފަޚްރުއްރާޒީ

ޖަކާޓާ (3 ޖޫން 2020) : މި އަހަރު ޙައްޖުގެ އަޅުކަން ބޭއްވި ނަމަވެސް އެ އަޅުކަމުގައި ބައިވެރިވުމަށް އިންޑޮނީޝިއާގެ ރައްޔިތުން ސައޫދީއަށް ނުފޮނުވަން އެގައުމުން ނިންމައިފިއެވެ.

މިކަން އިޢުލާނު ކުރައްވަމުން އިންޑޮނީޝިއާގެ ދީނީކަންތައްތަކާބެހޭ ވަޒީރު ފަޚްރުއްރާޒީ ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އިންޑޮނީޝިއާގެ ރައްޔިތުން ބައިވެރިނުކުރަން ނިންމީ ކޮވިޑް-19 ރޯގާ ފެތުރުން ހުއްޓުމަކަށް ނާންނާތީ ހައްޖަށް މީހުން ފޮނުވައިފިނަމަ އެރޯގާ ޖެހުމުގެ ނުރައްކާ އެމީހުންނަށް އޮންނާނެކަން ކަށަވަރު ވާތީއެވެ. މި އަހަރު ޙައްޖުގެ އަޅުކަން ބޭއްވުމާމެދު ސައޫދީ އަރަބިއާއިން އަދިވެސް ގޮތެއްނިންމާފައިނުވާއިރު ހައްޖުގެ ކަންތައް އިންތިޒާމުކުރާނެ މުއްދަތު މިހާރު ނެތްކަމަށްވެސް ރާޒީ ވިދާޅުވިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އިންޑޮނީޝިއާގެ ރައްޔިތުން ބައިވެރިނުކުރަން ނިންމާފައި މިވަނީ އެގައުމުގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންޑޮނޭޝިއާގެ އިސްލާމީ ފިޤްހާބެހޭ މަޖިލިސް (މަޖްލިސުލްޢުލަމާއު)ގެ މެންބަރުންނާ މަޝްވަރާކުރުމަށް ފަހު އެމަޖިލީހުން ދިން ރައުޔާ އެއްގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު މުހައްމަދު ސާލިޙް ބިންތަން މިދިޔަ މާޗް މަހުވަނީ ކޮވިޑް-19 ބަލި ފެތުރެމުންދާތީ ހައްޖުގެ ޕްލޭންތައް ފަސްކޮށްލުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. ހައްޖުގެ އަޅުކަން މިއަހަރު ބޭއްވުމާމެދު ސައޫދީ ސަރުކާރުން ގޮތެއްނިންމާނީ ކޮވިޑް-19 ފެތުރޭ މިންވަރާއި އޭގެ ނުރައްކާ ހައްޖުވެރިންނަށް އޮތް މިނަވަރު ބެލުމަށްފަހުގައިކަން ދޭހަވާގޮތަށް ބިންތަންވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް ސައޫދީން މިކަމާމެދު ވަކި ގޮތެއް ނިންމައި އެކަން އިޢިލާނުކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ބޭއްވި ނަމަވެސް އިންޑޮނީޝިއާގެ ރައްޔިތުން ބައިވެރި ނުކުރުމަށް އެގައުމުން ނިންމާފައިމިވަނީ ހައްޖުގެ އަޅުކަން ބޭއްވުމާމެދު ގޮތެއް ނިންމައި އެކަން އަންގައި ދިނުމަށް ތަންކޮޅެއް ކުރިން ސައޫދީ އަށް ގޮވާލުމަށްފަހުގަ އެވެ. ހައްޖުގެ އަޅުކަމަކީ ގާތްގަނޑަކަށް 2.7 މިލިޔަން މުސްލިމުން ބައިވެރިވާ ވަރަށް ބޮޑު އަޅުކަމެކެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުން އުޅެންޖެހޭ ގައިގޯޅި ކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އެމީހުންގެ ތެރޭގައި ފެތުރުމަކީ އާންމު ކަމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމަކީ އިންޑޮނީޝިއާ ކަމަށްވާއިރު އެގައުމުން އެއްލައްކަ އެކާވީސް ހާސް މީހުން ހައްޖަށް ދެއެވެ. މިއީ ހައްޖުގެ އަޅުކަމަށް ސައޫދީން ދޭ އެންމެ ބޮޑު ކޯޓާއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް