ކުލާސްރޫމްތަކަށް 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދަނީ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތަކުގެ ކުލާސްރޫމްތަކަށް ބޭނުންވާ އަތްދޮންނަ ސައިބޯނި ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޔުނިސެފްގެ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އަދި އެ ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500 އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދަން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރާއިރު، ރަޖިސްޓްރީކުރަން ހުށަހަޅާ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެހާއި ގުޅޭނެ މޯބައިލް ނަންބަރު ހިމަނަން ޖެހޭނެ އެވެ.

ބީލަން ފޮނުވަން ޖެހޭނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

ކޮވިޑް19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ވީ އެންމެ އަވަހަކަށް ސްކޫލުތައް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް