ހާސިލް - 2

އަމިއްލަ މީހާގެ ނަފުސު ހަމައަކަށް އަޅުވައިލަމުން އަރްޒަން ކަރުކެހިލިއެވެ.

ހަމަހޭވެރިކަންވި ޒީޝާން, އޭނާގެ ހަށިގަނޑު ސީދާ ކޮށްލަމުން އެއްފަރާތް ވެލި ނަމަވެސް، އަރްޒަންއާއެކު އެ ހޭދަވި ވަގުތު ކޮޅު އިތުރަށް ދިގު ދެމިގެން ދާން އޭނާގެ ހިތް އެދުނެވެ. އެ ޚިޔާލާއެކު، ލަދުވެތިކަން އޭނާގެ އެތެރެހަށި ހިޞާރުކުރަން ނެގީ މަދު ސިކުންތުކޮޅެކެވެ. އިސްޖަހައިލެވުނީ އަރްޒަންގެ ފަހަތުގައި ތިބި މީހުން ފެނިފައެވެ.

"ސޮރީ..." އަރްޒަންއާ ހަތަރު ކަޅި ހަމަ ކުރަން ނުކެރިފައި ހުރި ޒީޝާން ބުނެލީ މަޑުމަޑުންނެވެ. ތުންފަތުގައި ދަތް އަޅައިލަމުން އޭނާ އިޙްސާސްތައް ހިންދައިލަން މަސައްކަތް ކުރި ނަމަވެސް، އަރްޒަން އެހާ ކައިރީގައި ހުރުމުން އެ ހަށިގަނޑުގައި ފާޑެއްގެ ފިނިކަމެއް ދައުރުކޮށްލިއެވެ. ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ.

ޒީޝާންއަށް ބަލައިލަމުން އަރްޒަން ވެސް މާފަށް އެދުނެވެ. އެއަށްފަހު އޭނާ ހިނގައިގަތެވެ. ފަހަތުގައި ތިބި ކުރޫއިން ވެސް އަރްޒަންގެ ފަހަތުން ހިނގައިގަތެވެ.

ޒީޝާންގެ މޫނުމައްޗަށް އެރި ކުލަވަރާއި، އެ ދެމީހުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބި މަންޒަރު އެވަގުތު އޮފީސްތައް ހުންނަ ބަޔަށް ވަދެގެން އައި ރާކިންގެ ލޮލުގައި ރީތިކޮށް އަޅައިގަތެވެ. އެ މަންޒަރު ފެނި އޭނާގެ ފިޔަވަޅުތައް ވެސް މަޑުޖެހުނެވެ. ހިތުގައި ހިނގައިގަތީ ބުނެދޭން ނޭނގޭ ޖަޒުބާތުތަކެކެވެ. އަރްޒަންއާ ޒީޝާންގެ އެ ގާތް ކަމުން އޭނާއަށް އުނދަގޫ ވެއްޖެއެވެ. ޒީޝާން އަރްޒަންއަށް ބަލަހައްޓައިގެން ހުރި ގޮތުން އެކަނި ވެސް އޭނާގެ ހިތުގެ ހިނގުމަށް ބަދަލުއައެވެ. ހިފައްޓާފައިވާ ފޮށީގެ އަތްގަނޑަށް ބާރުކޮށްލެވި، ދެބުމަ ވެސް ގޮށްޖަހާލެވުނެވެ. އޭނާއަށް ނޭނގުނު ކަމުގައި ވިޔަސް، ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެސް ހިތުގައި ދައުރުވިއެވެ.

ޒީޝާންގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރު ބަލަން ދުރުގައި ހުރި އާރާއަށް އޭނާގެ ހިނިގަނޑު މަތަކޮށްލެވުނީ ކިރިޔާއެވެ. ހިނިގަނޑު މަތަކޮށްލުމުގެ ބޭނުމުގައި އޭނަ ދުރަށް ވެސް ދެފަހަރަކު ބަލައިލިއެވެ.

އަރްޒަންމެން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، އޭނާ ޒީޝާންއާ ކައިރިވެލިއެވެ.

"އޭތް! އަދި ތިވަރުވާކަށް ނުވެއެއްނު، ތިވަރުން ދަންޏާ އެޑްމިޓް ކުރަން ޖެހިދާނެ..." އާރާ ދިމާކޮށްލަމުން ޒީޝާންގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ.

އިތުރު އެއްޗެއް ބުނަން އުޅެފައި ވެސް އާރާ ފަސްޖެހުނީ އެވަގުތު އެ ހިސާބަށް އަރާ ހަމަވި ރާކިން ފެނިފައެވެ. ރާކިން އަކީ ސީނިއާ ފަސްޓް އޮފިސާއެކެވެ.

"ހައި ގާލްސް..."

ރާކިން ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒީޝާންއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ރައްދުގައި ޒީޝާން ވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރާކިންގެ އެ ތޫނު ނަޒަރު މާނަ ކުރަން އޭނާ ނުކުޅެދުނެވެ. އޭނާގެ ހިތުގައި އޭރު ވެސް ރަސްކަން ކުރަމުން ދިޔައީ އަރްޒަން އެވެ.

ރާކިން އެތެރެއަށް ވަނުމާއެކު އަނެއްކާވެސް އާރާ ވާހަކަދެއްކިއެވެ. އޭނާ ޒީޝާންގެ ކޮނޑުގައި ޖަހައިލިއެވެ.

"ޖޫލިއެޓް ރޯމިއޯގެ އަތުތެރެއަށް ވެއްޓިގަތްއިރު މަށަށް ރެކޯޑްކޮށް ނުލެވުނުކަން ދެރައީ. ހީވީ ހަމަ ފިލްމެއްގެ މަންޒަރުހެން"

"އާރާ. ދެން ކޮންމެހެން ދިމާކުރާނެކަމެއް ނެތް. އެހެންނޫނަސް އަރްޒަން އަހަންނަށް ބަލައިލައިގެންތާ އޭނަގެ ޖޫލިއަޓަށް ވެވޭނީ..." ޒީޝާންގެ މޫނުމަތި ރަތްވީ އަރްޒަންގެ މޭގައި އަތް ޖައްސާލައިގެން އޭނާއަށް އޮވެވުނު ގޮތް ސިފަވެފައެވެ. އަރްޒަންއާ އެހާ ގާތުގައި އޭނާއަށް ހުރެވުނީ ކުޑަ ވަގުތު ކޮޅަކަށް ކަމުގައި ވިޔަސް، އެ ގާތް ކަމުން އޭނާގެ މުޅި އެތެރެހަށީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފައްދައިފިއެވެ.

"ނޭނގެއެއްނު. އެހެން ވުން ހަމަ އެކަށީގެންވޭ.... އަހަރެން އަޑު އެހީމޭ އޭނަ ސިންގަލްއޭ ކިޔާއަޑު... ކިހިނެއް އެނގެނީ ޒީއަށް ނޫންކަމެއް އޭނަ ލިބޭނީ! " އާރާ ބުނެލިއެވެ.

"ހުވަފެނުގަ ކަންނޭގެ އޭނަ އަހަންނަށް ލިބޭނީ... އެކަމަކު ބުނަންތަ؟ ހިތް ވެސް ހީވީ ފުންމާލަފާނެހެން... އަރްޒަން ފެނުނީމަ އަސްލުވެސް ނޭނގެ ވާގޮތެއް. އެހުންނަ މިސްޓީރިއަސް ގޮތެއް ހުވާ..."

"އެހާވަރުވޭތަ؟ އެހެންވެއްޖެއްޔާ ތިހިރީ ހަމަ ހަޤީޤީ ލޯބިވެވިފަ..." އާރާ ދިމާކޮށްލިއެވެ.

"ދެން އާރޫ..." ޒީޝާންއަށް ބުނެވުނެވެ. އަރްޒަން ފެނުމުން އޭނާގެ ހިތުގެ ޖަޒުބާތުތަކުގެ މައްޗަށް ބާރު ނުފޯރުވޭތީ ޚުދު ޒީޝާން ވެސް ހައިރާންވެއެވެ. ދެރައީ އޭނާގެ ހިތުގެ ޙާލު އަރްޒަންއަށް ނޭނގޭތީއެވެ. އަރްޒަންއަށްޓަކައި އޭނާގެ ހިތުގައި ޖަހާ ވިންދުގެ އަޑު އަރްޒަންއަށް ނީވޭތީއެވެ.

"ހޭ!. ހިނގާ ދާން. ރާކިން ވެސް އެތެރެއަށް ވަދެއްޖެ!. ދެން އަރްޒަންގެ ޖާދޫގަ ޖެހިފަ ބްރީފިންއަށް ވެސް ނުދަނީތަ؟" އާރާ ދޮރުގެ ތަޅުގައި ހިފަމުން ވާހަކަ ދެއްކިއެވެ. ޒީޝާން ވެސް ހީގަންނަމުން އާރާގެ ފަހަތުން އެތެރެއަށް ވަނެވެ.

ބްރީފިން ރޫމާ ދިމާލަށް ހިނގައިގަންނަމުން އާރާ އޭނާގެ ފޯނަށް ނަޒަރެއް ދިނެވެ. ފޯނެއް އައީ އެވަގުތެވެ. އަރާފައިވާ ނަން ފެނި އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"އާރޫ! އައި ސީރިއަސްލީ ނީޑް ޓު ޓޯކް ޓު ޔޫ އިނގޭ. މިހާރު އޭނަގެ ކަންތައް މާ މައްޗަށް ދަނީ." ޒީޝާންގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ.

"ލެޓްސް ގޯ..." ބްރީފިން ރޫމުގެ ދޮރު ހުޅުވައިލަމުން އާރާ ބުނެލީ ފޯނު ނިއްވައިލަމުންނެވެ. ފުންނޭވައެއް އޭނާ ދޫކޮށްލީ ހަށިގަނޑުގައި އުފެދިފައި ހުރި އުދާސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ. ސިކުނޑިއަށް ވަރުބަލިކަން އިޙްސާސްވެ އެ އަސަރު ހަށިގަނޑަށް ވެސް ކުރަން ފަށައިފިއެވެ.

ޕްރީ ފްލައިޓް ބްރީފިން ނިންމާލުމަށްފަހު، ބްރީފިން ރޫމުން ނުކުތް އިރުވެސް އާރާގެ މޫނުމަތީގައި ހިސާބަކަށް ނުތަނަވަސްކަމުގެ އަސަރުވެއެވެ. ނުވިސްނަން އުޅުނަސް އޭނާއަށް ވިސްނެނީއެވެ. ހިތާ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން އޭނާ ވަނީ ކަންތައް ބޮޑުވެފައެވެ. ހާސްވެފައެވެ.

"އާރޫ! އާރ ޔޫ އޯކޭ؟" ޒީޝާން އަހައިލިއެވެ. އާރާ ބޯ ޖަހައިލިއެވެ. އެމީހުންނާ ދާދި އެއް ހަމައެއްގައި ހިނގަމުންދިޔަ ޖިނާންއަށް އެ އަޑު ސާފުކޮށްއިވުނެވެ.

ޖިނާންއަކީ ވެސް އެ ދެމީހުންނެކޭ އެއްގޮތަށް ކެބިން ކްރޫއެކެވެ. އޭނާ އާރާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ވީ ގޮތް އެނގެން އޭނާގެ ހިތް ތެޅި ފޮޅުނު ނަމަވެސް، އެ ސުވާލު އިސްވެ އާރާ އާ ކުރާކަށް އޭނާގެ ޟަމީރު ތަނެއް ނުދިނެވެ. އާރާގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން އޭނާއަށް ވެސް ބުނެދޭން ނޭނގޭ އުނދަގުލެއް އިޙްސާސްވެއެވެ. އެ މޫނުމަތިން ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ވެސް ފިނިކަން ލިބެއެވެ. ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވަން މަސައްކަތް ކުރި ޖިނާން ފުން ނޭވާއެއްލިއެވެ. އާރާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އެނގި އޭނާ އާރާގެ ޚިޔާލުތަކާ ދުރުވާން ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު އޭނާގެ ހިތުން އާރާގެ ނަން ފުހެލެވޭ ގޮތެއް ނުވެއެވެ. ހިތުގެ އިޙްސާސްތަކުގެ މަތީގައި އަތް އަޅައިލައިގެން ހުރުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ.

އާރާ ޒީޝާންއަށް ބަލައިލުމަށްފަހު ބޯ ޖަހައިލިއެވެ. ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން އޭނަ ހަމަޖެހެން މަސައްކަތް ކުރިއެވެ. ހިތާ ސިކުނޑީގެ ޖަޒުބާތުތަކުގެ މައްޗަށް މި ވަގުތަށް ބާރު ފޯރުވުން މުހިންމެވެ. އެހެންކަމަކާ ވިސްނާނީ ފަހުންނެވެ. އެ ދަތުރު ނިންމާލާފައި އައިސް ފުރަތަމަ ވެސް އޭނާ ޖެހޭނީ ރަފްހާންއާ ކުރިމަތިލާށެވެ.

ޒީޝާންމެންގެ ކުރީގައި ހުރެ ކެޕްޓަން ޒައުލްއާއެކު ހިނގަމުންދިޔަ ރާކިންގެ ވިސްނުމުގައި އޭރުވެސް ރަސްކަން ކުރަމުން ދިޔައީ ޒީޝާންއެވެ. އެ އަންހެން ކުއްޖާގެ ސަބަބުން އޭނާއަށް އެ އަންނަނީ ކޮންފަދަ ބަދަލުތަކެއް ހެއްޔެވެ؟ އެ އަޅިކުލައިގެ ދެލޮލުގެ ޖާދޫގައި ޖެހިފައި އޭނާއަށް ހުރެވެނީ ކީއްވެހެއްޔެވެ؟ ހިތުގެ ކަނަކުން އެއީ ލޯބި ކަމުގައި އޭނާއަށް ސިގްނަލްދެމުން ދަނީ ކީއްވެހެއްޔެވެ؟

*****

ޖެހިގެން އައި ދުވަހެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާޢު ކިޔުމަށް ތައްޔާރުވަމުން ދަނީއެވެ. މޫދުގެ ލޮނުގަނޑަށް އިރުގެ ރަން ދޯދިތައް އެޅިފައިވާއިރު ވަރަށް ހިތްގައިމެވެ. ކަނޑުން އަންނަ ރާޅުތައް ތޮށިމައްޗަށް ބިންދާލާއިރު މަޑު މަޑު ނާނާއެއް އަޅުވާލާފައިވެއެވެ. ތަފާތު ކުލަތަކުން އުދަރެސް ފަވަމުން ޤުދުރަތުގެ ފިހި އޭގެ ވާޖިބު އަދާކުރަމުން ދެއެވެ. ޖެހިލާ މަޑު ވައިރޯޅިތަކުން ހިތްތަކަށް ދިރުމާ ތަސައްލީ ގެނެސްދެމުން ދިޔައެވެ. އެ މަންޒަރު އިތުރަށް ފުރިހަމަވީ އެ ހިތްގައިމު ވަގުތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސަން އައި ފްލައިޓްގެ ސަބަބުންނެވެ. ބްރިޖާ ހުޅުމާލޭ ހައިވޭ ގުޅޭ ހިސާބުގައި މަޑުކޮށްލައިގެން ޓްރެފިކްގައި ޖެހިފައި ތިބި ގިނަ މީހުން އެ މަންޒަރު އެމީހުންގެ ފޯނުގައި ރައްކާކުރިއެވެ. ބަލައިލަން ހިތްގައިމު ރީތި މަންޒަރެކެވެ.

*****

އެރައިވަލް ގޭޓުން ނުކުތް އަރްޒަންގެ ފޯނު ރިންގުވުމާއެކު، އޭނާ ފޯނު ނަގަމުން ކަންފަތުގައި ޖައްސައިލީ ހިސާބަކަށް ހިނިތުންވެ ހުރެއެވެ.

"ޔާން. އަންހެނަކަށް ވުރެ ކަންތައް ބޮޑޭ ދޯ!. އަންބަކު ފިރިއަކަށް ވެސް އިންތިޒާރު ނުކުރާނެ ކަންނޭގެ ތިވަރަށް. އައިސް އަދި މިއުޅެނީ އެއާޕޯޓުން ނުނިކުމެ ވިއްޔާ ތި ގުޅީ..." ފޯނު ނަގަމުން އަރްޒަން ފުރަތަމަ ވެސް ބުނެލީ އެހެންނެވެ.

" ހަހަ. ތިޔެއް ނޫނޭ... ޒޭން! އެއްކަލަ ކަންތަކުގައޭ މި ގުޅައިލީ. މިއަދު ހަތަރު ދަމު އޭނަ ގުޅާވަރުން ކެތްނުވޭ. އަދި އެބައޮތެއްނު ހަފްތާއެއްހާ ދުވަސް. ދެން އާއެކޭ ބުނެބަލަ. އަހަންނަށް ޖަވާބެއް ނުދީ ފުރައިގެން ދިޔައިމަ ވާނީ މިހެން ދޯ!" އެ ކޮޅުން ވާހަކަ ދެއްކި އަރްޒަންގެ އެންމެ ގާތް އެކުވެރިޔާ އަޔާން ބުނެލިއެވެ.

"ދެންމެ އޭ މިއައީ. ގެއަށް ގޮސް ގުޅާލަންތަ؟" އަރްޒަން ބުނެލިއެވެ.

"އޯކޭ. އެންމެ ރަނގަޅު، އެކަމަކު ހަނދާންކޮށް ޖަވާބެއް ދޭތި. އެހެންނޫނީ އޭނަ އަނެއްކާ އަހަންނަށް އުނދަގޫ ކުރާނީ..." އަޔާން ބުނެލިއެވެ. އަރްޒަން ފޯނު ބާއްވަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

*****

ގެއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން ނުކުތްތަނާ އަނެއްކާ އަޔާން ގުޅައިފިއެވެ. އަރްޒަން ފޯނު ނަގަމުން ވާހަކަދެއްކިއެވެ.

"އޭނަ ކައިރީ ބުނޭ އަހަރެން ބުންޏޭ އާއެކޭ!" އަރްޒަން ވިސްނާލަމުން ބުނެލިއެވެ. ފޯނު ބާއްވަމުން އޭނާ އެނދުގައި ޖައްސައިލުމާއެކު، ނިދިއްޖެއެވެ.

ހޭލެވުނީ ދިހައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ކޮފީއެއް ހަދާލައިގެން ބެލްކަންޏަށް ނުކުތުމާއެކު، ހަށިގަނޑުގައި ބީހިލީ ފިނި ވައިރޯޅިއެކެވެ. ހުސްގަޔާ ހުރުމުގެ ސަބަބުން އަރާމުވިއެވެ. އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ހޭވިފައި ވާއިރު، އޭރުވެސް ކޮންމެވެސް ވަރަކަށް ނިދީގެ އަސަރު އެމޫނުމަތީގައި ވެއެވެ. ފުންނޭވާއެއް ދޫކޮށްލާ އޭނަ އުޑުމައްޗަށް ބަލައިލިއެވެ. އުޑުމަތީގައި ރަސްކަން ކުރަމުންދާ އެތައް ހާސްތަރިތައް ފިޔަޖަހާ މަންޒަރު ބަލަން އެތައް އިރަކު ހުރެވުނެވެ. އިރުއިރު ކޮޅަކާ ކޮފީތަށިން އެތި ފޮދެއް އޭނަ ބޮއިލައެވެ.

ކޮފީތަށި ހުސްވުމުން އެ ދޮވެލުމަށްފަހު އައިސް، ސޯފާގައި އޮށޯވެލާ އަރްޒަން ފޯނު ހުޅުވައިލިއެވެ. ފޭސްބުކަށް ވަދެލާ ނިއުސްފީޑް ހާވަން ފެށިއެވެ. ލޮލުގައި އަޅައިގަތް ޒީޝާންގެ ތަސްވީރާއެކު އޭނާއަށް އަތުގެ ހަރަކާތް މަޑު ޖައްސައިލެވުނެވެ. ފަރުވާތެރިކަމާއެކު ޒީޝާންގެ ސޫރައަށް ބަލައިލެވުނެވެ. މޫނާ ފޯނު ވެސް ކައިރިކޮށްލެވުނެވެ. އިއްޔެގެ މަންޒަރު އޭނާގެ ލޯ މައްޗަށް ސިފަ ވުމާއެކު ބޭއިޚްތިޔާރުގައި އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ކީއްވެގެންކަމަށް ނޭނގެއެވެ. ހީވަނީ ގަދަކަމުން އެ އިޙްސާސްތައް އޮއްބައިލަން މަސައްކަތް ކުރީ ހެންނެވެ.

ފޯނު މޭމަތީގައި ބާއްވަމުން ނިތްމަތީގައި ވާއަތް ނުފުށަށް ވާގޮތަށް ބާއްވައިލިއެވެ. މޭމަތީގައި އޮތް ފޯނުގައި ކަނާއަތުން ހިފައްޓާލައިގެން އޮތުމަށްފަހު، އިރުކޮޅަކުން ފޯނު ނަގާ އޭނާ އެފްބީގައި ކޮންމެވެސް އެއްޗެއް ލިޔެލިއެވެ.

އޭނާ އެ ހޯދާ އެއްޗެއް ފެނުމުން ތެދުވެ ސޯފާގައި އިށީނުމަށްފަހު، ފޯނުގެ ސްކްރީނަށް ވަރަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ދުރު ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލީ މީހާގެ ނަފުސު ހަމައަކަށް އަޅުވަން އުޅޭފަދަ ގޮތަކަށެވެ. އެ ފުން ދެލޮލުން ކޮންމެވެސް ވަރަކަށް ރިހުމުގެ އަސަރު ފެނިލިއެވެ. ފޯތނު ނިއްވައިލަމުން ސޯފާއިން ތެދުވެ ކާ މޭޒު ކައިރިއަށް ޖެހިލިއެވެ.

"އަރްޒަން. ކަމް ބެކް ޓު ޔޯ ސެންސަސް..." އަމިއްލަ ނަފުސާ ވާހަކަ ދައްކާ މީހަކު ފަދައިން އޭނަ ބުނެލިއެވެ.

ޖަގުން ތައްޓަކަށް ފެންއަޅާ އެއް ނޭވާއިން ފެންތަށި ހުސްކޮށްލުމަށްފަހު، ފެންތަށި މޭޒުމަތީގައި ބެހެއްޓުނީ ވެސް ބާރަށެވެ. ތަޅައިގެން ނުދިޔަކަމީ ނަސީބެކެވެ. އަތް މުއްކަވާލުމާއެކު ދެފަރަހަކު ގޮނޑީގައި ޖެހިއެވެ.

"އައި ހޭޓް ޔޫ..." ވައި އަޑުން އެ ބަސްތައް ބުނެލުމާއެކު، ހަށިފުރާ ލީ ނޭވާއާއެކު އޭނާ ހުރީ އެ ނަފުސުގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ބޭނުންވެފައެވެ. (ނުނިމޭ)

comment ކޮމެންޓް