ކެންސަރު ޖެހުނު މީހަކު މަރުވުުމުގައި އިހުމާލުވެފައި ނުވާނެ: އައިޖީއެމްއެޗް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެންސަރު ޖެހިގެން އައިޖީއެމްއެޗްއަށް ގެންދިޔަ ބަލި މީހަކު މަރުވުމުގައި ހޮސްޕިޓަލުން އިހުމާލުވި ކަމަށް ބުނާ ވާހަކަތައް އައިޖީއެމްއެޗްއިން ދޮގުކޮށްފި އެވެ.

މިދިޔަ މަހު ފަހުކޮޅު ކެންސަރު ޖެހިގެން އިތުރު ޓެސްޓުތައް ހަދައި، ފަރުވާ ކުރުމަށް އައިޖީއެމްއެޗްއަށް ފޮނުވާލި ޏ. ފުވައްމުލައް، ދިގުވާޑު، ސިންދު، އަލީ މުހައްމަދު، 62، މަރުވީ އައިޖީއެމްއެޗްއިން އޭނާގެ އެފްއެންއޭސީ ބައޮޕްސީ ޓެސްޓު ނަހަދައި ފަސް ކުރަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ފަސް ކުރި ކަމަށާއި، އެއީ ވެވުނު އިހުމާލެއް ކަމަށް އެ އާއިލާއިން ބުނެއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްއިން މިރޭ "ސަން"އަށް ބުނީ، އަލީ ނިޔާވީ އުފެދުނު "ކްލޮޓް" ނުވަަތަ ގަނޑު ލޭކޮޅެއްގެ ސަބަބުން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެއީ ދިމާވެދާނެކަން މީހަކަށް ކުރީބައިގައި ބުނަން އެނގޭނެ ކަމެއް ނޫން ކަމަށާއި، ކެންސަރަށް ފަރުވާ ފެށިޔަސް އެކަން ދިމާވެދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"އެ މީހާ މަރުވީ އެކިއުޓް ތްރޮމްބޮލިކް އިވެންޓަކުން. ކެންސަރަށް ފަރުވާ ނުދެވިގެންނެއް ނޫން،" އައިޖީއެމްއެޗްއިން ބުންޏެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި، ލޭގައި ގަނޑު ލޭކޮޅު އުފެދުމަކީ ކެންސަރުގެ ސަބަބުން ނުވަތަ، ފިޓު ޖެހުމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. އަދި އެ ގަނޑު ލޭކޮޅު ހިތަށް ނުވަތަ ސިކުނޑިއަށް ނުވަތަ ފުއްޕާމެއަށް ދިއުމަކީވެސް މީހާގެ ފުރާނައަށް ނުރައްކާވާ ކަމެއް ކަމަށް ބުންޏެވެ. "އެކިއުޓް ތްރޮމްބޮލިކް އިވެންޓް" އަކީ މިއިން ކަމެއް ދިމާވެއްޖެ ނަމަ އެއަށް ކިޔާ ނަމެވެ.

"މި ޕޭޝަންޓަށް ވީ ގޮތަކީ ކުއްލިއަކަށް ސީޒާއެއްވީ. އެއީ ވެދާނެ ބްރެއިންގައި ހުރި ކެންސާއެއްގެ ސަބަބުން ބްރެއިން ސީޒާާއެއްވެފައި އެ ސީޒާގެ ސަބަބުން ލޭގެ ކްލޮޓެއް އުފެދެނީ ކަމަށް. ލޭގެ ކްލޮޓެއް ވެއްޖެއްޔާ އޭގެ ގޮސްދާނެ ބޮޑެތި ކްލޮޓުތައް ހިތަށް ގޮސްދާނެ. އެހެންކަމަށް ވެއްޖެއްޔާ އެއަށް ކިޔަނީ މަޔޯކާޑިއަލް އިންފާކްޝަން. ނޫނިއްޔާ ފުއްޕާމެއަށް ހިނގައިދާނެ. އެއަށް މި ކިޔަނީ ޕަލްމޮނަރީ އެމްބޮލިޒަމްއޭ. ނޫނީ އެ ގޮސްދާނެ ސިކުނޑިއަށް. ސިކުނޑިއަށް ގޮސްފިއްޔާ މި ކިޔަނީ އެކިއުޓް ސްޓްރޯކް،" އައިޖީއެމްއެޗްއިން ބުންޏެވެ.

މީގެ ކުރިންވެސް، ހީވެސް ނުކުރާ ގޮތަކަށް ލޭ ގަނޑުވެ، ދިމާވާ ކަންކަމުގެ ސަބަބުން މީހުން މަރުވެފައި އެބަ ހުރި ކަަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

އައިޖީއެމްއެޗްއިން ބުނީ އެފްއެންއޭސީ ޓެސްޓު ހެދިޔަސް އެ ޓެސްޓުން ލިބޭ ނަތީޖާއަކަށް ބަލާފައި އަދިވެސް އިތުރު ޓެސްޓުތައް ހަދަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ޓެސްޓުތަކުގެ ނަތީޖާ ލިބެން ދެތިން ހަފްތާވެސް ނަގާފާނެ ކަމަށް ބުންޏެވެ. އެހެންވެ، އަވަސް އަރުވާލައިގެން ޓެސްޓު ހެދުމުގެ ބޭނުމެއް ނެތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިކަމުގައި އާޖެންސީއެއް ނެތް. ވަގުތުން ވަގުތަށް އޭގެ ނަތީޖާ ބޭނުމެއް ނުވޭ. އަޅުގަނޑުމެންނަށް މި އެނގުނީ އެފްއެންއޭސީ ހަދައިގެން މިވެނި މައުލޫމާތެއް ލިބިއްޖެއޭ. ދެން އިތުރު މައުލޫމާތު ހޯދުމަށް ޓަކައި އިތުރު މޮލިކިއުލާ ޓެސްޓުތައްވެސް ހަދަން ޖެހޭނެ. އެކަމަކު އޭނަގެ ޓްރީޓްމަންޓަކަށް ނާންނާނެ ބަދަލެއް. އަޅުގަނޑުމެން މިސާލަކަށް އެފްއެންއޭސީ ހަދައިގެން ކެންސަރަށް ފަރުވާ ކުރަން ފެށީ، ކީމޯތެރަޕީ ދިނީ މިސާލަކަށް. އެކަމަކު އެއްކަލަ ތްރޮމްބޮލިކް އިވެންޓެއް އަޅުގަނޑުމެންނަށް ޕްރިވެންޓެއް ނުކުރެވޭނެ،" އައިޖީއެމްއެޗްއިން ބުންޏެވެ.

މީގެ ކުރިން އަލީގެ މަރާ ގުޅޭ ގޮތުން ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ވާހަކަދެކެވެން ފެށުމުން އައިޖީއެމްއެޗްއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އައިޖީއެމްއެޗްއިން ބުނީ އަލީ ނިޔާވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަ ދުވަަސް ފަހުން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އޭނާ މަރުވީ އެނދުމަތިކުރިތާ ދެ ދުވަސް ފަހުން ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން އިހުމާލުގެ ތުހުމަތަށް އައިޖީއެމްއެޗްއިން ސީދާ ޖަވާބެއް ދީފައި ނުވެ އެވެ.

އަލީގެ ދަރިފުޅު "ސަން"އަށް ބުނި ގޮތުގައި، އަލީގެ ބަޔޮޕްސީ ޓެސްޓު ހަދަން އެންމެ ފުރަތަމަ ހޮސްޕިޓަލުގައި ތާވަލު ކުރީ މެއި 27 ވަނަ ދުވަހަށެވެ. ނަމަވެސް، އެ ފަހުން 28 ވަނަ ދުވަހަށް ފަސް ކޮށް، އަދި 28 ވަނަ ދުވަހު 31 ވަަނަ ދުވަހަށް ޓެސްޓު ފަސް ކުރި ކަމަށް ދަރިފުޅު ކިޔައިދިނެވެ. އަލީ ނިޔާވީ މެއި 28 ވަނަ ދުވަހު ކުއްލިއަކަށް ފިޓު ޖެހިގެން ފަރުވާދެމުން ދަނިކޮށެެވެ.

ބައްޕަ ނިޔާވެގެން ދިޔައީ، ޓެސްޓު ނަހަދާ ފަސް ކުރަނިކޮށް!

comment ކޮމެންޓް