އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާއަށް: މަބްރޫކް

އޭޑީކޭ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ އަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭޑިކޭ ހޮސްޕިޓަލުން ޓެސްޓަކަށް 675ގެ ރޭޓޫން ބިލު ކުރާނީ އައިޖީއެމްއެޗް އަށް ކަމަށާއި އެހާ ހިސާބުން ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް 19 އަށް އޭޑީކޭ ހޮސްޕިޓަލުން ޓެސްޓްކުރާއިރު އާސަންދަ ލިބޭނެކަމަށް މަބްރޫކް ވަނީ މީގެކުރީން ވިދާޅުވެފަވެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހި އެ ހޮސްޕިޓަލުން ބައްޔަށް ޓެސްޓުުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ގައެވެ.

އޭޑީކޭއިން ހޮސްޕިޓަލުން ދޭ ހިދުމަތްތަކުން އާސަންދަ ލިބެނީ ވަކި ޕަސެންޓެކެވެ. އަދި ބާކީ ބައި ދައްކަން ޖެހެނީ އަމިއްލައަށެވެ.

މިރޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ. އަދި ރައްޔިތަކު އޭޑީކޭ ހޮސްޕިޓަލަށް ދިޔަޔަސް ޓެސްޓް ނުކުރެވޭނެ ކަމަށާއި އެ ހޮސްޕިޓަލުން ޓެސްޓް ކުރާނީ ހަމައެކަނި ސަރުކާރުން ދޭ ސާމްޕަލްތައް އެކަނި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްކުރުމުގައި އިސްކަންދެނީ ތަރުތީބަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ދުވަސްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން އެއްގެއެއްގައި އެތައް ބަޔަކާ އެކީ އުޅޭ މީހުންނަށް އިސްކަންދޭ ކަމަށެވެ.

"ސާމްޕަލްތައް ލަސްވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކުރެވުނު ވަރަކަށް އިތުރުކުރަމުންދަނީ، ޕޮލިސް ލެބޯޓަރީގައިވެސް މިހާރު މަސައްކަތް ކުރަމުން އެބަދޭ. އަދި އޭޑީކޭގައިވެސް އެފެށެނީ. އެހެން ހޮސްޕިޓަލްތަކުގައިވެސް އެކަން ކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުންދަނީ،" މަބްރޫކް ވިދާޅުވިއެވެ.

comment ކޮމެންޓް