819 ސާމްޕަލް ޓެސްޓް ކުރުމުން 12 މީހަކު ޕޮޒިޓިވްވެއްޖެ

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އަށް 819 ސާމްޕަލެއް ޓެސްޓް ކުރުމުން ޕޮޒިޓިވްވީ 12 މީހަކު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ މިއަދު ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަކީ ދިވެހީން ކަމަށާއި އެކަކީ އިންޑިއާ މީހެއް ކަމަށެވެ.

ވައިރަސް އަށް މިއަދު 06:00 ޖެހުމާ ހަމައަށް ޕޮޒިޓިވްވި 12 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1،841 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހި އެ ބަލިން މިއަދު ވަނީ 120 މީހަކު ރަނގަޅުވެފައެވެ. އެއާއެކު އެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު 608 އަށް ވަނީ އަރާފައެވެ. ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،224 އެވެ.

އެ ވައިރަސް ޖެހިގެން މިއަދު ވަނީ އުމުރުން 85 އަހަރުގެ އަންހެނެއް މަރުވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ހަތަކަށް އަރައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް