ބިލު ތަސްދީގުކުރުމުން އެލްޖީއޭގެ ބޯޑު އުވިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެލްޖީއޭ ހާޒިރުކޮށް ސުވާލު ކުރަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު މިހާއޮތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އުވިއްޖެ އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. ބިލު ގާނޫނަކަށް ވުމުން މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވޭގޮތަށް ބިލަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއެކު މިހާރު އޮތް އެލްޖީއޭގެ ބޯޑު ވަނީ އުވިފަ އެވެ. މިހާރު އެލްޖީއޭގެ ބޯޑުގައި ތިބެނީ ހަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ދެ ވަޒީރަކު ހިމެނޭގޮތަށެވެ.

ބިލުގައި ބުނެފައިވަނީ އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ ހަތް މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެލްޖީއޭއަށް އައްޔަން ކުރާ މެމްބަރުން ނަކީ މިހާރު ދައުލަތުން މުސާރަދޭ މަގާމެއްގައި ހުރި މީހެއް ނަމަ އެނާއަށް އިތުރު މުސާރައެއް ދޭން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު ކައުންސިލަރުންގެ ދައުރު ދިގުވި ނަމަވެސް ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބޮޑެތި ބާރުތަކެއް ވަނީ ހަނިކޮށްފަ އެވެ.

ބިލުގައި އެލްޖީއޭއަށް ގިނަ ބާރުުތަކެއް ވަނީ ދީފައެވެ. އެގޮތުން ވަގުތީ އިންތިޒާމްގެ ސަބަބުން ކައުންސިލް އިދާރާ ހިންގާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ކައުންސިލް އިދާރާ ހިންގާނެ އުސޫލުތައް ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އެކުލަވާލާ ކައުންސިލްތަކަށް ފޮނުވަން ޖެހޭނެއެވެ.

އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެލްޖީއޭ އިންނެވެ.

އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ.

އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ތިނެއް ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ހިދުމަތްތައް ދިނުމުގައާއި ކައުންސިލްތަކަށް ލިބޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގައި މެނުވީ، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް ތަބާވާންވާނެ ކަމަށް ބިލުގަައި ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއްނެތި ދޭން ޖެހޭނެއެވެ.

ބިލުގައިވާ ގޮތުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާ ތާރީިހުގެ ދެ ހަފްތާ ކުރިއަށް، ކައުންސިލުތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ހިސާބު، ކޮންމެ ކައުންސިލަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.

އެއްވެސް ސަބަބަކާހުރެ، ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލެއްގައި މެންބަރުން ނެތްނަމަ، އެ ކައުންސިލެއް މަސައްކަތްކުރާނެ އުސޫލު އެލްޖީއޭއިން އެކުލަވާލައި އެ ކައުންސިލަކަށް އަންގަންވާނެއެވެ. ނަމަވެސް ހުސްވާ މަގާމަށް އިތުރު މީހަކު އިންްތިހާބެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް