"ހުއްދަނުދިނަސް ބޭނުންވީމަ ގަދަކަމުން ނަގާނީއޭ..." އަރްސަން ހޭންފެށިއެވެ. އާލިޔާ އޭގެ ބޭރުގައިވާ އިންގްރީޑިއެންޓްސްތައް ބަލާފައި ތެދުވެގެންގޮސް މާޒިންއަތަށް ދޭން އުޅުނެވެ. އަރްސަން ޖަހައިގަތެވެ. އާލިޔާ އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ. އަރްސަންއާއި ވާހަކަދައްކަން ކޮންމެހެން އޭނަ ނުޖެހޭނެއެވެ. މާޒިންގެ ބޭބެކަންވެސް ހަދާން ނައްތާލައިގެން ނުވާނެއެވެ.

އާލިޔާ ދޮރުމައްޗަށް ނުކުތީ ތާޒާ ވަޔާއި ބަގީޗާގެ ރީތިކަމުން ހިތް އުފާކޮށްލުމަށެވެ. އަރްސަން ގޮވާފައި ބުނި އެއްޗަކުން އާލިޔާގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ.

"ކޮންމެވެސް ކުއްޖަކު ޝައްކުކުރަނީއޯ އަހަންނަކީ އާލިޔާގެ ޓްވިން ބްރަދާ އިއާން އޯ... ތެދެއްތަ އަހަރެމެން ދެމީހުން އެހާ ވައްތަރުތަ؟ "އަރްސަންގެ ޖުމްލައިން ލިބުނު ހައިރާންކަމުގައި އާލިޔާއަށް އެދިމާލަށް ބަލައިލެވިއްޖެއެވެ. "އަހަރެމެންނަކީ އަވަށްޓެރިންނޯ. ދެމީހުންގެ ކަޅީގައި އެއްކުލައޭ. އެހެންވެގެންނޯ ޝައްކުވަނީ. އިއާން ކޮބާ؟ އަހަރެންގެ މަންމަމެން އިއާން ކިޑްނެޕްކުރީތަ؟ "

"ހީ ހޭޑް ގްރޭ އައިސް. އެކަމަކު އިއާން ގެނބިގެން މަރުވީ. އަރްސަން އިއާންއަށް ވުމުގެ އެއްވެސް ފުރުސަތެއްނެތް........."

"އޯ އައިމް ސޮރީ..." އަރްސަން ބުނެލިއެވެ.

"އާލިއާ. މިއިން އެތިކޮޅެއް ކާލަބަލަ. މިއީ މަގޭ ފެވެރިޓްއެއް......" އަރްސަން ތެދުވެފައި ސަމުސަލަށް ފްރޮސްޓީ ކޮޅެއް އަޅާފައި ދިއްކޮށްލުމުން ދިއްކޮށްލުމުން އާލިޔާ ފަހަތަށް ޖެހުނެވެ.

"މީރާގެ ފެވެރިޓަކީ ވެސް މިއީ. ކޮންމެ ދުވަހަކުހެން ފްރޮސްޓީ ޑޭޓަށް އަހަރެމެން ދިޔައިން. ސްނޯ ވެހޭއިރު ފަޔާޕްލޭސް ކުރިމަތީގައި ތިބެ ކޮފީ ބުއިމާ ރޮމެންޓިކް މޫވީސް ބެލުން ކަހަލަ ކަންތައް. ކިހިނެއް ހިތުން ފިލުވައިލާނީ. އެހާ ރޮމެންޓިކް ލޯބިވެރިއެއް ދުނިޔެއަކު ނުވާނެ........" މާޒިން އެ ވާހަކަފެށީ އާލިއާއަށް އިއްވާށެވެ. މި ކައިވެންޏަށް އޭނަގެ ޝައުގެއްނެތްކަން ހާމަކުރުމަށެވެ. އާލިޔާ ދެރަކޮށް ހިތުގައި ޖެއްސުމަށެވެ. އާލިޔާ އޭނާއަށް ޚާއްސަގޮތެއް ބަހައްޓާކަން އެނގުމުން އޭނާ އެކަމާ ކަންބޮޑުވެއެވެ. އެއްގޮތަކަށްވެސް އާލިޔާ އަށްޓަމަހެއްހެން ތަތްލަވަން އުޅޭނެކަމެއް ނެތެވެ. ކިތަންމެ ރީއްޗަސް އާލިޔާގެ މިޒާޖާއި ދަރުސްތަކުން އޭނަ ބޯ ފަޅައިގެންދާވަރުވެއެވެ. ކޮންމެހެން ދީނަށް ނަފްރަތުކުރަނީއެއް ނޫނެވެ. އާލިޔާމެން ކޮންމެ ކަމެއްގައި މާ ގޮތްބޮޑުކުރަނީ ކަމުގައި އޭނަ ދެކެނީއެވެ. މީރު ކާ އެއްޗެއް ކައިގެން ނުވެއެވެ. ހިތްގައިމު މިއުޒިކެއްގެ އަޑު އަހައިގެނެއް ނުވެއެވެ. ރީތި އަންހެންކުދިންނަށް ބަލައިގެން ކަމަކު ނުދެއެވެ. ގަބުރުސްތާނުގައި އާއިލާ މީހުން ވަޅުލާފައިވާ ގޮތާއިމެދު މިހާރު މައްސަލަޖެއްސީއެވެ. މާޒިންއަށް އީމާންކަމުގެ ފޮނިކަން އަދި އިހުސާސްނުވާތީ އޭނާއަށް ކޮންމެ ކަމަކަށް ފާޑުކިޔެނީއެވެ. އުފަލަކީ ހަމައެކަނި އެފަދަ ކަންތައްތައް ކަން ހީކުރެވެނީއެވެ. ރޫހާނީ ހިިތްހަމަޖެހުމަކީ އެންމެ ބޮޑު އުފަލެވެ. އެމީހާގެ ހިތް ހައްދަވާ އެހިތުގެ ވެރިއަކީ ކާކުހެއްޔެވެ؟ ފުރާނައާއި ދިރުމާއި މަރަކީ ކާކުގެ ހައްގެއް ހެއްޔެވެ؟ އެހުރިހާކަމެއް ތިމާ ލޯބިވާ އިންސާނާއަށޭ ކިޔައިގެން ދިނުމަށްވުރެ މާތްﷲއަށްޓަކާ ލޯބިވާން ފެށުމުން ހިތަށް ހަގީގީ ހަމަޖެހުމާއި އުފާވެރިކަން ލިބިދާނެއެވެ.

***

މަންމަ ގޮވައިގެން ކޮންމެ ދުވަހަކުހެން ހަވީރު އައިސްކްރީމް ކާން ރެސްޓޯރެންޓަކަށް ނޫނީ ބީޗްކަހަލަ ތަނަކަށް ނޫނީ އެކުވެރިއަކާއި ބައްދަލުކުރުވަން އަޔާޒު ގެންދެއެވެ. މަންމަ ހިތް ހަމަޖައްސަދޭން އަޔާޒު ނުކުރާކަށް ކަމެއް ނޯވެއެވެ. ޑިއުޓީ ނޫން ގަޑިއެއް ވިއްޔާ ހުރިހާ ވަގުތެއްހެން އޭނަ ދެނީ މަންމައަށެވެ. މަންމައާއި އެކި ވާހަކަތައް ދައްކާ އެކަނިވެރިކަން ފިލުވުމުގެ ބައިވެރިއަކަށް ވެއެވެ. ނިދަން ބިރުން އުޅޭތީ ގާތުގައި ހޭލާވެސް އިނދެއެވެ. ބަލިވެއްޖެއްޔާ ނުނިދާ ޚިދުމަތުގައެވެ. ގަވައިދުން ޑޮކްޓަރަށް ދައްކާ ވާނުވާ އޮޅުން ފިލުވާ ބޭސްދިނުމުގައި ފަރުވާތެރިއެވެ.

މިދުވަަސްކޮޅު ނަދުވާއާއި ރަހުމާވެސް އަޔާޒުއާއި މާމައަށް ހެޔޮއެދިގެން އުޅޭ ދުވަސްކޮޅެކެވެ. އެމީހުންނަށް އާލިޔާވެސް ފެނިއްޖެއެވެ. ދުނިޔޭގައި ކަން ހިނގާ އުސޫލެވެ. އަތުގައި ފައިސާ ހުރިއްޔާ ނޫނީ ފައިދާ ގަނޑެއް ލިބެން އޮތިއްޔާ އެމީހަކު ވަރެއް ނުހުންނާނެއެވެ. ނިކަމެތިވެއްޖެއްޔާ އެމީހަކު ބާކީކޮށްލާފައެވެ. އާލިޔާ ރައީސްގެ ދަރިއަކާއި ކައިވެނިކޮށް އާލިއާގެ ބައްޕައަކީ ކާކުކަން އެނގުމުން އާއިލާގެ އެންމެން އާލިޔާއަށް ގުޅާފައި ލޯބިން ވާހަކަދައްކަން ފެށިއެވެ. އޭގެ ކުރިން އެއީ ބާކީކޮށްފައި ހުރި ކުއްޖެކެވެ. ލޯބިން އަނގައިން ބުނި ތިމާގެ މީހަކު ނެތެވެ.

***

ލަންޑަނަށް ހޫނު މޫސުމްކަމުން ރޭގަނޑު ނުވައެއް ޖެހިއިރުވެސް އަދި ދުނިޔެއޮތީ އަލިކޮށެވެ. އެވެސް އާލިޔާއަށް އާ ތަޖުރިބާއެކެވެ. ހޫނު މޫސުމްގައި ދުވާލުގެ ވަގުތުތައް ދިގެވެ. އޭނާ ސިޓިންރޫމްގައި އިނީ ވީޑިއޯ ކޯލެއްގައެވެ. މާމަ ދޮންބެ މިންކާ އަދި އަދާ ތިބީ ރެސްޓޯރެންޓެއްގައި އައިސްކްރީމްކާށެވެ.

"އައްސަލާމް އަލައިކުމް މާމާ...."

މާމަ ބަލަހައްޓައިގެން އިނީ އެ ހުސް ނަޒަރުންނެވެ. މައުސޫމް ހުސް ނަޒަރެކެވެ. ޑިމެންޝިއާ ބަލިމީހުންގެ މޫނުމަތިން ފެންނަން ހުންނަނީ އެފަދަ މައުސޫމް ކަމެކެވެ.

"މާމަ ކޮން ކުއްޖަކާ އެކު އައިސް ކްރީމް ކަނީ....... "

"މިއިނީ މަންމަ. މިއީ ބައްޕަ އާއި ދައްތަ...." މާމަ ކޮންމެ ކުއްޖަކަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.

"މާމާ. މާމަގެ ފިރިމީހާގެ ނަމަކީ ކޮބާ؟ " މިންކާ އެހިއެވެ.

"އަހަރެންގެ މާމަގެ ފިރިމީހާއޭ......" މާމަ ވަރަށް ގިނައިރުވާންދެން ވިސްނަން އިނެވެ.

"ނޫނޭ މި މާމަގެ ފިރިމީހާ. އަޅުގަނޑުމެންގެ ކާފަގެ ނަން..."

"އަހަރެންގެ މާމަގެ ކާފައަކީ ކާކު. ކޮއްކޮ ބުނެބަލަ......" މާމައަށް ހައްތަހާ ބޮޑަށް އޮޅޭގޮތްވިއެވެ.

"އަޔާޒް. މަންމަގެ މާމަގެ ކާފަގެ ނަން ކިޔާދީ ބަލަ މިކުއްޖާއަށް..." މާމަ އަޔާޒުގެ އަތުގައި ހިފަހައްޓައިލިއެވެ. އަޔާޒްއަށް ހައިރާންކަމެއް ލިބުނެވެ. އޭނަގެ މަންމަ އޭނަގެ މަތިން ހަދާންވީ ކީއްވެހެއްޔެވެ؟ ގިނައިން މަންމަގެ ސިކުނޑީގައި އުޅެނީ އާލިޔާ ނޫނީ ހިރާއެވެ. އަދި އިއާންއެވެ. ދަރިފުޅާއޭ ކިޔައިގެން ގޮވާތީ ނަން ހަދާން ނުހުންނަނީކަން ނޭގެއެވެ.

"އެންމެ ރަގަޅު މާމަގެ އުމުރުން ކިހާވަރެއް......." މިންކާ މަޖާވެފައި ފަހަރަކު ސުވާލެއްކުރަމުން ދިޔައެވެ.

"މާމަަގެ އުމުރު.....ފަންސަވީސް މިއަހަރު ފުރުނީ..."

މިންކާ ހިފަހައްޓައިގެން އިންދާ ހެވިއްޖެއެވެ. މާމަ މަޖާކަމުގެ އިންތިހާއެވެ. ނަމަވެސް އަޔާޒްއިނީ ދެރަވެފައެވެ. ފެންކަޅިވެފައެވެ.

"މާމަގެ ކިތައް ދަރިން ތިބޭ. އެކުދިންގެ ނަން ކިޔާދީފާނަންތަ.."

"ދަރިންނޭ. މާމަގެ ދަރިން ތިބޭތަ. މާމަ އެހާ ހަދާނެއް ނެތް. ކޮން ނަމެއްތަ އެކުދިންނަށް ކިޔަނީ...."

"މިއީ މާމަގެ އެންމެ ލޯބިވާ ދަރިފުޅު އަޔާޒު. ހިރާ ރަހުމާ ނަދުވާ ނާޒިމް ހަމްދާއެއްވެސް ހުރެއެއްނު....." މިންކާ ކިޔާދޭން ފެށިއެވެ.

އަޔާޒް އިނީ ދެރަވެފައެވެ. ފެންކަޅިވެފައެވެ.

އާލިޔާގެ ލޯ ފެންކަޅިވެގެން ދިޔައީ މާމަމެން މަތިން ހަދާންވެފައެވެ. އެމީހުންނާއެކު އެތައް މޭލުދުރުގައި އެހެން ދުނިޔެއެއްގައި އުޅޭއިރު އެކަނިވެރިކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވެއެވެ. އީމާންތެރިކަން ވަރުގަދަނޫން ނަމަ އެންމެ ދުވަހަކަށްވެސް މިތާގައި ކެތްކުރެވޭނެކަމެއް ނޭގެއެވެ. ލޯބިވާ މީހުންނާއި ވަކިން އުޅުމަކީ ވޭނެކެވެ. ނަމަވެސް އެންމެ ލޯބިވާ ފަރާތް އަބަދުވެސް އޭނައާއިއެކު ވޮޑިގެންވާކަން ހަދާންކޮށް ހިތް ހަމަޖައްސައިލިއެވެ. ކުޑަދޮރުކައިރީ ކުޝަން ޖަހާފައި ހުރި ސީޓުގައި ދޮރުން ބޭރަށް ބަލަހައްޓައިގެން އިންއިރު މަންޒަރުތަކުން ހިތް އުފާކުރިއެވެ. ކުލަކުލައިގެ މާތަކުގެ ފޮނިކޮޅު ބޮމުން އެއްމަލުން އަނެއް މަލަށް ދަތުރުކުރާ މާބުރުތަކާއި ކޮކާތަކުން ފެށިގެން މުގޮށި މީދާތަކުގެ ހަރަކާތްތަކަށްވެސް ބެލުނީ މަޖާވެފައެވެ. ފެހިކަން ގަދަ ވިނަގަނޑުމަތީ އޭނައާއި މާޒިން އޮށޯވެލައިގެން އަތު ގުޅުވާލައިގެން ތިބި މަންޒަރު ލޯމައްޗަށް ސިފަވުމާއެކު ޚިޔާލުގެ ދާގަނޑު އެއްލައިލެވުނީ ކިހާ ހިސާބަކަށް ކަން ރޭކާ ލިއެވެ. ލަދުވެތިކަމުގެ ރަތްކުލައިން ކޯތާފަތުގައި ކުލަ ޖެހިއްޖެއެވެ. ރަކި ހުނުމަކުން ހީލެވުނެވެ. ނގި ވެލައިގެން އަތު ގުޅުވާލައިގެން ތިބި މަންޒަރު ލޯމައްޗަށް ސިފަވުމާއެކު ޚިޔާލުގެ ދާގަނޑު އެއ

***

އާލިޔާ ހޫނުފެނުން ފެންވަރާލުމަށްފަހު މާޒިން ގަނެދިން ހެދުމެއް ލީ ވަކި ނިޔަތެއްގައެވެ. ލޯގަނޑު ކުރިމަތީ ހުއްޓުމުން އަމިއްލައަށްވެސް ލަދުގަތެވެ. އެހާ ގަޔަށް ހިފާފައި ހުރި ހެދުމެއް ލުމުން މާޒިން ހީކުރާނީ ކީކޭހެއްޔެވެ؟. އިޝްތިހާރެއް ކުޅެން ތައްޔާރުވެލައިގެން ހުރި މޮޑެލް އެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. ތުންފަތުގައި ލިޕްގްލޮސްކޮޅެއް ލުމުން ތުންފަތުގެ ކުލަ އިތުރަށް ގަދަވިއެވެ. އަނދުނުން ފަވާލި ލޮލަށް އުށްބައްތީގެ ރަން އަލި އެޅުމުން ސިހުރުވެރިއެވެ. އެނދުގައި ހުރަހަށް އޮށޯވެލީ އިސްތަށިގަނޑު ހިއްކަންވެގެންނެވެ. އިސްތަށިގަނޑުން ބަޔެއް ބިންމަތީގަ ފެތުރިފައި އޮތެވެ. މާޒިން ކޮޓަރިއަށް ވަދެފައި އޭނާ ލައިގެން ހުރި ހެދުން ލޮލުގައި އަޅައިގަންނާނެކަމަށް އޭނާ އުއްމީދުކުރިއެވެ. ހެދުން ގަނެދިނީ އޭނާ ވިއްޔާއެވެ. ފިރިމީހާއަށްޓަކާ ޒީނަތްތެރިވެ މީރުވަސް ދުއްވައިގެން ހުރުމަކީ އޭނާގެ ވާޖިބެއްތާއެވެ. އެވާޖިބު އޭނާ އަދާކޮށްފިއެވެ.

މާޒިން ކޮޓަރިއަށް ވަދެފައި އޭނާއަށް ގޮވާލުމުން ސިހޭގޮތްވިއެވެ.

"ތިއްތި އެބައުޅޭ މެންޗެސްޓާ ސިޓީގައި އޮތް މެޗެއް ބަލާލަން ދާން. ސަޅި މެޗެއްވީމަ ކަޓުވާލައިގެނެއްވެސް ވާކަށް ނެތް. ތިއްތި ތިން މީހުނަށް ޓިކެޓްވެސް ހޯދަދީފި...."

"މާޒިން.. އަހަރެން....."އާލިޔާ ލަސްލަހުން ތެދުވެ އެނދުގައި އިށީނެވެ.

"އަހަންނަށް އެނގޭ އާލިޔާ ދާހިތެއް ނެތޭ ބުނާކަށް ނު ތިއުޅެނީ. އެންމެ ރަގަޅު. މެޗަށް ނުދިޔަސް މެންޗެސްޓާއަށް ދަމާ.އެކޮޅަށްގޮސް ކޮންމެވެސް ގޮތެއް ހަދާނީ. މާދަން ހެނދުނު ނައްޓާލާނީ. ޕެކްކޮށްލާ....." މާޒިން ދާން ހިނގައިގަތްއިރު އެމޫނުމަތިން އޭނާއަށްޓަކާ އެއްވެސް ކަހަލަ ޝައުގެއްނެތްކަން އެނގުމުން ހިނދުކޮޅަކަށް ހިތުގައި ރިހުމެއް ހިނގައިލިގެން ހީވިއެވެ. އެ ހިތުގައި އޭނާއަށް އެއްވެސް އިހުސާސެއްނެތީހެއްޔެވެ. ކުރީކޮޅު އެހާވަރުން އުޅެ ދިމާކޮށްފައި އަންބެއްގެ މަގާމަށް އައުމުން ދުރުކޮށްލައިފިއެވެ. އެންމެ ރަގަޅެވެ. ހިތުގައި ޝަކުވާ އެއް އުފެދުނަސް އެކަމަށް ބާރެއް ނުފޯރާނެއެވެ. އޭނާގެ ވާޖިބަކީ މާޒިންއަށް ލޯބި ދިނުމެވެ. ހުރިހާ ޚިދުމަތެއް ފުރިހަމަކޮށްދިނުމެވެ. މާތްﷲއަށްޓަކާ ފިރިމީހާ އަދި މައިންބަފައިންނާ އެހެން މީހުންދެކެ ލޯބިވާނެ ގޮތަކީ އެއީއެވެ. ބަދަލުގައި އެއްޗަކަށް އުއްމީދުނުކޮށް އޭނާގެ ހައްގުތައް އަދާކުރުމެެވެ. މާތްﷲ އެންގެވީތީ އޭނަ ފިރިމީހާދެކެ ލޯބިވާނެއެވެ.

"މާޒިން ދަނީތަ؟ "

"ތިއްތިއާއެކު ޗެސްކުޅެނީ. ޖޮއިންކުރާނަންތަ؟"މާޒިން ހީލިއެވެ."ކޮފީ ހަދައިގެން ގެންނައްޗޭ..."

ލިބުނު ދައުވަތާއެކު އަވަހަށް ދުއްވައިގަނެވުނީ ނިގާބާއި ދިމާލަށެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި އޭނާ ހިނިތުންވެލައިފިއެވެ. މާޒިންގެ ފަރުވާކުޑަކަމާއި އަޅާލުމެއްނެތް ކަން ޔަގީންވުމުން ހިތަށް ކުރި އަސަރުތައް ކަރުނައިގެ ސިފައިގާ ލޮލުން ފޭދުނީއެވެ. ނަމަވެސް އޭނާއަކީ ކެތްތެރި އަންހެންކުއްޖެކެވެ. ކަނޑުގެ އެންމެ ވަރުގަދަ ރާޅުތަކާއިވެސް ކުރިމަތިލާނީ ކެތްތެރިކަމާއެކު ފުރިހަމައަށް ހެއްދެވި ފަރާތަށް އިތުބާރުކުރަމުންނެވެ.

"އައި ވިލް ސާވް ހިމް. ދުނިޔެއިން ނުލިބުނަސް ގިޔާމަތް ދުވަހުން އަޖުރު ލިބޭނެ އިންޝާﷲ..."

އާލިޔާ އަމިއްލަ އަތުން ކޮފީ ޖަގެއް ހަދައިގެންގޮސް ސިޓިން ރޫމްގެ މޭޒުމަތީ ބެހެއްޓިއެވެ. އެމީހުން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ފެންނާކަށްވެސް ނެތެވެ. ހުރިހާ ކޮޓަރިއެއްގެ ދޮރު ހުޅުވާކަށް ނުވެސް ކެރޭނެއެވެ. ފަހަތު ފެންޑާއާއި ދިމާލުން ބަޔަކު ވާހަކަދައްކާހެން ހީވެގެން ކޮފީޖަގު ހިފައިގެން މިސްރާބު ޖެހީ އެދިމާލަށެވެ. އެހިސާބާ އަރާ ހަމަވީއިރު ދެމީހުން ދެއްކި ވާހަކަތައް އިވިފައި ފިޔަވަޅުތައް ހަމަ ގަނޑުވިއެވެ. ހުރި ތަނަށް ބިމަށް ތިރިނުވީ ހަމަކިރިޔާއެވެ. މާޒިންގެ ދުލުން އެފަދަ ދަށް ފެންވަރުގެ ލަފުޒެއް ތިމާގެ އަންހެނުންނާއި ބެހޭގޮތުން ބުނެފާނެކަމަކަށް އޭނާ ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ.

"ތިއްތި. މަހުދީ ބުނީ ހަމަ ރަގަޅަށް. މިކުރެވުނީ މޮޔަކަމެއް. އާލިއާއަކީ ދުނިޔޭގައި ހުރި އެންމެ ފޫހި ކަޓު އަންހެންކުއްޖާ. ކިތަންމެ ރީއްޗަސް އެކްސްޓްރީމް މައިންޑެއް ހުރީމަ އެކުއްޖާއާއެކު އުޅުމަކީ ބޭކާރުކަމެއް. ދުވަހަކު ބަދަލެއްނުވާނެ.... އަހަރެން އެކުއްޖާ ޑިވޯސްކޮށްފައި ރަށަށް ފޮނުވައިލާނީ. ނޫނީ ސީރިޔާގައި އުޅޭ އައިއެސް ޖަމާއަތުގެ ޖާރިޔާއަކަށް ރަގަޅުވާނެ؟ " މާޒިން ވާހަކަދެއްކި އަޑުންވެސް ފޫހިވެފައިވާކަން އެނގުނެވެ.

"ކުރިން ޒިން އާއި އާލިޔާއާއި ދެމީހުން ވަރަށް ލައިކްވެގެން އުޅުނީމެއްނު...."

"އޭރު މިހާ ހަރުކަށި ފިކުރުކަމެއް ނުދަންނަން. މީރާދެކެ ލޯބިވާވަރު ޔަގީންވީ އާލިޔާ މީރާގެ މަހާނައަށް މާ އަޅާފައި ހުރެގެން އެކަމާ ފާޑުކީމަ. ނޭގޭ ދުވަހަކަށްވުރެ ދުވަހެއް ފޫހިވަނީ. އެކަހަލަ ކުއްޖަކާ ހެދި މީރާއަށް ބޭވަފާތެރިވާކަށް ބޭނުމެއްނޫން. އަހަންނަށް އުޅެ އުޅެ މީރާގެ ލޯބި ހިތުން ފިލުވައެއް ނުލެވުނު. އާލިއާގެ ސޫރަ ފެނުނީމަ އަދި މާ އުދަގޫވޭ......" މާޒިން ބުނެލިއެވެ.

"ޑޭމް ލަވް.."

"ތިއްތިއަށް އަދި ލޯބިވެވޭނެ..އަދާ ދެކެ ވީ ލޯތްބެއް ނޫން..." މާޒިން ބުނި އަޑުއިވުނެވެ. އިތުރަށް ވާހަކަ އަޑުއަހަން މަޑުކޮށްނުލާ އާލިޔާ އޭނަ އަންނަކަން އަންގަން ކަރުކެހިލިއެވެ.

"އެކްސްކިއުޒް މީ............" އާލިޔާ އެތަނަށް ނުކުމެފައި ކޮފީތަބައް ދިއްކޮށްލިއެވެ.

"ހާދަ ސްވީޓް ގާލްއެކޭ. އަހަރެމެންނަށް ކޮފީވެސް މިގެނެސްދިނީ. މިހާ ޚިދުމަތްތެރި އަންހެންކުއްޖެއްގެ ފިރިއަކަށް ވެވުނީމަ މާޒިންވެސް ވަރަށް ފޮނި އެބަ ކަނޑާލައޭ. ތެންކިއު ޑާލިން..." އަރްސަން ތަބައް އަތުލުމަށްފަހު އެތާ ހުރި މޭޒެއްގެ މަތީ ބެހެއްޓުމުން އާލިޔާ ގޮސް އެތަނުން އެއް ކޮފީތަށި ނެގިއެވެ.

"މިއީ ޚާއްސަކޮށް އަޅުގަނޑުގެ ލޯބިވާ ފިރިމީހާއަށް ގިރާފައި ހުރި ތަށްޓެއް...." އާލިޔާ މާޒިންއާއި ދާދިގާތުގައި ހުއްޓުނެވެ. އާލިޔާގެ އެ ޖެހިލުންކުޑަ އަމަލާއި ޖުމްލައިން މާޒިންގެ މޫނަށް ވީގޮތް ފެނިފައި އަރްސަން ނުލަފާ ހިންޏެއް އައެވެ. އޭނައާއި މާޒިންގެ ނަޒަރު ބައްދަލުވިހިދު މިވަނީ ކިހިނެއްހެއްޔޭ އަރްސަންގެ ނަޒަރު ބުނާފަދައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު