ދައުރު ދިގުދަންމާލުމަކީ އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ނަޝީދު

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ލޯކަލް ކައުންސިލުތަކުގެ ދައުރު، އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ދިގުދަންމާލެވުމަކީ، ކޮވިޑް-19އިން އަރައިގަނެ، އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުކުރެވި، އާ ކައުންސިލްތައްް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓީޓެއްގައި ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލުތައް ހިންގުމުުގެ ފުރުސަތު އޮތީ ބޮޑުކޮށް ކަމަށެވެ. އަދި ދައުރު ދިގުދަންމާލުމަކީ ކޮވިޑް-19އިން ރާއްޖެ އަރައިގެނެ، އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

"މި ހިންގުމަކީ މި ރޯގާއިން ރާއްޖެ އަރައިގަނެ، އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ވިސްނުންތެރިކަމާ އެކު ދިވެހިރާއްޖެ ހިންގަން ފެށުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާގައި، ކައުންސިލަރުންގެ ދައުރު ދިގުދަންމާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ވޯޓުންނެވެ.

ބިލް ތަސްދީގުކޮށް ކައުންސިލްތަކުގެ ދައުރު ދަންމާލައިފި

އާ އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާފައި ވާއިރު، އިންތިގާލީ ކައުންސިލުތަކުގެ ބޮޑެތި ބާރުުތަކެއް އަތުލާގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020 ވެސް ރޭ ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

comment ކޮމެންޓް