ތިލަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

ތިލަފުށީގައި ބިދޭސީންތަކެއް ކުރި އިހުތިޖާޖުގެ ތެރެއިން --

ތިލަފުށީގަައި ބިދޭސީންތަކެއް މިއަދު ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބެލުމުުގެ ދަށަަށް ގެންދިޔަ ހަތް މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ތިލަފުށީގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަނީ އިހުތިޖާޖުކޮށްފައެވެ. ނަމަވެސް، އެ މީހުން އިހުތިޖާޖު ކުރި ސީދާ ސަބަބެއް އަދި ނޭނގެއެވެ. އެ އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން މިރޭ ބުނީ އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ބެލުމުުގެ ދަށަށް ވަގުތީ ގޮތުން ގެެނެސް ހުއްޓުވި 133 މީހުންގެ ތެރެއިން ހަތް މީހަކު ފިޔަވައި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނި ގޮތުގައި އެ ހަމަނުޖެހުން ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

މީގެ ކުރިންވެސް ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އިހުތިޖުކޮށްފައިވެއެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންކޮށްފައި އޮތުމުން އެ މީހުންގެ ހައްގުތައް ނުލިބިދާތީއެވެ.

ފަހަކަށް އައިސް ބިދޭސީން ހަމަނުޖެހުން ހިންގުން އަންނަނީ އިތުރުވަމުންނެވެ. ދާދިފަހުން ހުޅުމާލޭގައި ބިދޭސީން ކަރަންޓީނު ކުރާ މަރުކަޒު ކަމަށްވާ ހުޅުމާލޭ، އަމީނީ ހިޔާގައި ވެސް ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެޗްޑީސީން ބުނީ އެތަނުގައި ހަމަނުޖެހުން ހިންގީ ރަމަޟާން މަސް ނިމުމަށްފަހު އީދު ދުވަހުގައި އެތަނުގައި ތިބި ފަރާތްތަކަށް ކެއުން ލިބުން ލަސްވުމުން ކަމަށެވެ.

މީގެ އިތުރުން އައިމާ ކޮންސްޓްރަކްޝަން އިން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ރިސޯޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ބަޔަކު އެ ތަންތަނުގެ އިމާރާތްތަކާއި ތަންތަނަށް 12.77 މިލިއަން ރުފިޔާގެ ގެއްލުންދީ މާރާމާރީ ހިންގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް