އެމެރިކާގެ ސަލާމަތީ ބާރުތަކުން ހިންގާ ހަރުކަށި އަމަލުތައް އީރާނުން ކުށްވެރިކޮށްފި

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން އައްބާސް މޫސަވީ

ލަންޑަން (2 ޖޫން 2020): އެމެރިކާގައި އޮންނަ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒާ ނިމުމަކަށް ގެނައުމަށް ގޮވާލައި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ހިންގާ ހަރުކަށި އަމަލުތައް އީރާނުން ކުށްވެރިކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް އިޙްތިރާމް ކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލައްވަމުން އީރާނު ޚާރިޖިއްޔާގެ ތަރްޖަމާނު ޢައްބާސް މޫސަވީ ވިދާޅުވީ، އެމެރިކާ ސަރުކާރު ގެންދަނީ އަމިއްލަ ގައުމުގެ ރައްޔިތުންނަށް އަނިޔާވެރި ވަމުންކަމަށާ ދުނިޔެއޮތީ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒާ ދެކޮޅަށް މުޒާހަރާކުރާ އެމެރިކާގެ ރައްޔިތުންނާ އެކުގައި ކަމުގައެވެ. ނަމަވެސް އެމެރިކާގައި މިހާރުއޮތް ހަރުކަށި ސަރުކާރު ގެންދަނީ ނަސްލީ އިމްތިޔާޒުގެ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މުޒާހަރާކުރާ މީހުންނަށް ހަމަލާދީ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށް މޫސަވީ ވިދާޅުވިއެވެ.

އެމެރިކާއަކީ އެހެން ގައުމުތަކުގައި ކުރާ މުޒާހަރާތަކަށް އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިއްވަރުދީ އެކަމަށް ބާރުއަޅާ ގައުމަކަށްވާއިރު އެމެރިކާގައި މުޒާހަރާކުރަން ފެށުމުން އެމެރިކާގެ ރާގު ބަދަލުވެ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވަން ފެށުމަކީ އެމެރިކާ ލަދުވެތިވާންޖެހޭނެ ކަމެއްކަމަށް މޫސަވީ ވިދާޅުވިއެވެ.

މޫސަވީ ވިދާޅުވީ، އެމެރިކާގެ މުޖްތަމައުގައިވާ ނަސްލީ އިމްތިޔާޒާއި އަނިޔާވެރިކަމާދެކޮޅަށް އެމެރިކާގެ ރައްޔިތުން އުފުލަމުންދާ ތަކުލީފްތަކާއި ވަމުންދާ ގުރުބާނީތަކަށް އީރާން ތާއީދު ކުރާކަމުގައެވެ. އިންސާފާއި ހައްގުތަކަށް އެދި އެމެރިކާގެ ރައްޔިތުން ވަމުންދާ ގުރުބާނީތަކާއި އެމެރިކާގެ ރައްޔިތުންގެ ރުއިމުގެ އަޑު އެމެރިކާ ސަރުކާރުން ނޭހިނަމަވެސް އެކަން ދުނިޔެ އަހައިފި ކަމަށް މޫސަވީ ވިދާޅުވިއެވެ.

އެމެރިކާއަކީ އީރާނުގެ ރައްޔިތުން އީރާން ސަރުކާރާ ދެކޮޅަށް އެކި ފަހަރުމަތިން ކުރާ ކުރާ މުޒާހަރާތަކަށް ތާއީދުކޮށް ހިއްވަރު ދޭ ގައުމެކެވެ. އީރާނުގައި ކުރާ މުޒާހަރާތަކުގައި ހުޅުޖެހުމާއި ލޫޓުވުންފަދަ އަމަލުތައް ހިންގި ނަމަވެސް އެމެރިކާ އެކަމަށް ހިއްވަރުދީ މުޒާހަރާތައް ހުއްޓުވަން އީރާނުގެ ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތްތަކަކީ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް ސިފަކުރާ ގައުމެެއްކަން މޫސަވީ ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގް ގައި ކުރާ މުޒާހަރާތަކަށް ހިއްވަރު ދިނުމުގައިވެސް އެމެރިކާގެ އަމަލުތައް ހުންނަނީ އެގޮތަށެވެ. ނަމަވެސް އެމެރިކާގެ ރައްޔިތުން ހައްގުތަކަށް ގޮވާލާ މުޒާހަރާ ފެށުމުން އެމެރިކާގެ މަސްއޫލުވެރިން އެކަން ސިފަކުރައްވަނީ ހަރުކަށި އަމަލުތަކެއްގެ ގޮތުގައެވެ.

އެމެރިކާގެ ފުލުހުން އެގައުމުގެ ކަޅު ނަސްލުގެ ރައްޔިތެއްކަމަށްވާ ޖޯޖް ފްލޮއިޑް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން މިނިއާޕޮލިސް ސިޓީގައި އުފެދުނު ސުލްހަވެރި މުޒާހަރާތައް ހަރުކަށި މުޒާހަރާތަކަކަށް ބަދަލުވެ އެމެރިކާގެ ބޮޑުބަޔަކަށް އެ މުޒާހަރާތައް ފެތުރިގެންދިޔައީ މުޒާހަރާތަކާ ދެކޮޅަށް އެމެރިކާގެ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްލޮއިޑް މަރާލާފައިވަނީ އެމެރިކާ ފުލުހުންގެ އޮފްސަރަކު އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު ކުޑަކަކޫ ޖަހައިގެން އޭނާގެ ކަރުމައްޗަށް އަރައި އޭނާ ހާސްކޮށްލައިގެންނެވެ. މިއަނިޔާވެރި އަމަލާ ގުޅިގެން އެމެރިކާގައި ފެށުނު މުޒާހަރާތައް ފުޅާވެގެން ދިޔުމުގައި ޒަމާނުއްސުރެ އެމެރިކާގައި އޮންނަ ބޭއިންސާފުކަންކަމަށް ހައްލު ނުލިބުމާއި އެމެރިކާގެ ބޮޑެތި ކުންފުނިތަކާއި މުއްސަނދިންގެ މަދުބަޔަކު އެމެރިކާގެ އިގްތިސާދަށް އަތްގަދަކޮށް މުއައްސަސާތަކަށް ހިންގާ ބާރާމެދު އޮންނަ ހިތްހަމަނުޖެހުން ހިމެނޭކަން އެމީހުންގެ ޝުޢޫރުތަކުންވަނީ ހާމަވެފައެވެ.

އެމެރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމުގެ ޒިންމާ އަޅުއްވާފައިވަނީ "އެންޓިވާ" ނަމަކަށް ކިޔާ ވާތުފިޔައިގެ ފިކުރަށް ނިސްބަތްވާ ބައެއްގެ ބޮލުގައެވެ. "އެންޓިވާ" އަކީ ދޮންނަސްލުގެ މީހުންގެ ހަރުކަށި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އާދައިގެ ބައެކެވެ. މުޅި އެމެރިކާ ހޫނުކޮށް އެންޓިވާ" ޖަމާއަތަށް މިފެންވަރަށް މުޒާހަރާ ކުރެވޭނެކަމާއި އެމެރިކާގައި ފެށިގެންމިއުޅެނީ އެމެރިކާގައި ޒަމާނުއްސުރެ އޮންނަ އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ރައްޔިތުންގެ އުތުރި އެރުމުގެ ހަރަކާތެއް ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

މުޒާހަރާތަކުގެ ޒިންމާ "އެންޓިވާ" ގެ ބޮލުގައި ޓްރަމްޕް އެޅުއްވިއިރު ކޮވިޑް-19 ރޯގާ ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރު ނުކުޅެދި އެރޯގާގައި ކޮންމެ ދުވަހަކު އެެމެރިކާގެ އެތަށް ހާސްބަޔަކު މަރުވަމުންދާ މައްސަލައިގެ ޒިންމާވެސް ޓްރަމްޕް އަޅުއްވާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އާއި ޗައިނާގެ ބޮލުގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް