ތިލަފުށީގައި ހަމަނުޖެހުމެއް، 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ތިލަފުށީގަައި ބިދޭސީން އެއްވެފައި

ތިލަފުށީގަައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލްކުރަން ހަރަކާތްތެރިވި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ނަމަވެސް ބިދޭސީން ހަމަނުޖެހުން ހިންގަމުން އަންނަ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަނުޖެހުމުގައި ފުލުހުންގެ ދެ އޮފިސަރަކު ރަހީނުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ފަހަކަށް އައިސް ބިދޭސީން ހަމަނުޖެހުން ހިންގުން އަންނަނީ އިތުރުވަމުންނެވެ. ދާދިފަހުން ހުޅުމާލޭގައި ބިދޭސީން ކަރަންޓީނު ކުރާ މަރުކަޒު ކަމަށްވާ ހުޅުމާލޭ، އަމީނީ ހިޔާގައި ވެސް ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައިފައެވެ.

އެޗްޑީސީން ބުނީ އެތަނުގައި ހަމަނުޖެހުން ހިންގީ ރަމަޟާން މަސް ނިމުމަށްފަހު އީދު ދުވަހުގައި އެތަނުގައި ތިބި ފަރާތްތަކަށް ކެއުން ލިބުން ލަސްވުމުން ކަމަށެވެ.

މީގެ އިތުރުން އައިމާ ކޮންސްޓްރަކްޝަން އިން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ރިސޯޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ބަޔަކު އެ ތަންތަނުގެ އިމާރާތްތަކާއި ތަންތަނަށް 12.77 މިލިއަން ރުފިޔާގެ ގެއްލުންދީ މާރާމާރީ ހިންގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް