ރިޔާސަތުން ވެސް މެމްބަރުން ވެސް ގަވާއިދާ ހިލާފު!

މެމްބަރު ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީ މެމްބަރުން މަސައްކަތް ކުރަނީ ---

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައެއް މީހުން ސިފަކުރަނީ ރާއްޖޭގެ "ހައިވާނު ބަގީޗާ"ގެ ގޮތުގަ އެވެ. މަޖިލިސް ރަމްޒުކުރުމަށް އެ އިބާރާތް ބޭނުންކުރަން ފެށީ، މެމްބަރުން އެކަކު އަނެކަކަށް އެއްޗެހި ގޮވާ، މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގައި، މޫނަށް ފެން ޖަހައި، ދުންމާރި ފުމެ، ގާނޫނު އަސާސީ މައްޗަށް ފައިން އަރާ ހިސާބަށް ކަންކަން ދިއުމުންނެވެ.

މަޖިލީހުގެ މެމްބަރުންގެ މިފަދަ ދަށް ފެންވަރުގެ އަމަލުތައް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރައްޔިތުންނަށް ވަނީ ފެނިގެން ގޮސްފަ އެވެ. ރިޔާސަތުގެ މޭޒާ ހަމައަށް އަޑުގަދަކުރާ ހިއްޕަވައިގެން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވަޑައިގެން އަޑުގަދަ ކުރައްވާފައި އެބަހުއްޓެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުމާ ހަމައަށް އެފަދަ މަންޒަރުތަކެއް މަދުން ނޫނީ ނުފެނެ އެވެ.

2015 ވަނަ އަހަރުގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން --

ނަމަވެސް ރޭ ވެގެންދިޔައީ ތަފާތު ރެޔަކަށެވެ. ރޭ 1:30 ގައި މަޖިލީހުގެ ޖަލްސާއެއް ތާވަލު ކުރީ ބޮޑު ނިންމުމެއް ނިންމާށެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރުމުގެ މަސައްކަތެވެ. ރޭގެ ޖަލްސާ ފެށުމުގެ ކުރިން ވެސް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ރައްޔިތުންނަށް ވެސް އިހުސާސް ކުރެވުނެވެ. އެހެންކަމުން ގިނަ އަދަދެއްގެ ރައްޔިތުން ވެސް ނިދި ނަގާލުމަށްފަހު ރޭ ތިބީ މަޖިލިސް ބަލާށެވެ.

ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ރޭ އަނެއްކާ ވެސް މަޖިލީހުން ފެނިގެން ދިޔައީ ހުތުރު މަންޒަރެކެވެ. "އިއްޒަތްތެރި" މެމްބަރުން ލަދުވެތިވާން ޖެހޭ މަންޒަރުތަކަކެވެ. އެކަން އެގޮތަށް މެދުވެރިވާން ޖެހޭ ސަބަބެއް ވެސް ނެތެވެ. އެއަށްވުރެ ރީތިކޮށް، އޮމާންކޮށް އެކަން ކުރިއަށް ގެންދެވޭނެ އެވެ.

ޖަލްސާގެ މަސްލަހަތު ގޯސްވެގެން ދިޔަައީ، ޖަލްސާ ފައްޓަވައިދެއްވަމުން، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކާ ގުޅިގެން، އިދިކޮޅުގެ އެންމެ އަޑުގަދަ މެމްބަރު، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރަން ފެއްޓެވި ހިސާބުންނެވެ.

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ދަންވަރުގެ ވަގުތުގައި ކުރާން ޖެހުމުން ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖަލްސާ މެންދަމުގެ ވަގުތެއްގައި ބާއްވަން ޖެހުމުގެ އިލްޒާމް ނަޝީދު އެޅުއްވީ މައިނޯރިޓީ ލީޑަރާއި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބޮލުގައެވެ. ކޮމިޓީ ރިޕޯޓު އަވަހަށް ތަޅުމަށް ގެނައުމަށް ޕީޕީއެމް އިން ދެކޮޅު ހެދުމުންނެވެ.

"އާންމު ގޮތެއްގައި ކޮމެޓީ ރިޕޯޓަށް ވަގުތު އިއްޒަތްތެރި މެމްބަރުން ބޭނުންވެވަޑައިގަންނަވަނީ، އިސްލާހެއް ހުށަހެޅުއްވުމަށްޓަކައި. އެހެން ނަމަވެސް އެއްވެސް އިސްލާހެއް ވެސް ރިޕޯޓަށް ހުށަހަޅުއްވާފައެއް ނުވޭ. އެހެންވީމާ އަޅުގަނޑަށް ގެނުނު ގޮތުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން، ހާއްސަ ގޮތެއްގައި ޕީޕީއެމް ޕީއެންސީން އަމަލުކުރައްވާފައި މިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ މަޖިލިސް ހިސޯރުކުރުމަށް ކަމަށެވެ. އަދި މަޖިލިސް ގަވާއިދުގެ ހަނި ދާއިރާއަކުން އެ ރިޕޯޓުގެ މަސައްކަތް އަވަސްނުކޮށް ޕީޕީއެމް އިން މަޖިލިސް ހުއްޓުވާފައި ބާއްވަން އުޅުނީ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވަމުން ދެން ނަޝީދު ދައްކަވަން ފެއްޓެވީ މަޖިލީހުގެ ނަންބަރުތަކެވެ. އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި އެބަ ތިބި ކަމާއި، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީ ބަދަލުކުރަން ބޭނުންވިޔަސް އެމްޑީޕީއަށް އެކަން ކުރެވޭނެ ވާހަކައެވެ. ސުޕަ މެޖޯރިޓީ އޮތް ވާހަކައެވެ. އެކޮޅުގެ ބާރު ގަދަ ކަމާއި، އިދިކޮޅުގެ ނިކަމެތިކަމެވެ. އެ ހުރިހާ ބާރެއް އޮވެ، "ރަނުން ރަނަށް" ބިލުގެ މަސައްކަތް ނިންމަން ރާވައިގެން އިންނެވި ވާހަކަ އިހަށް ބާއްވާށެވެ.

ނަޝީދު ވާހަކަދައްކަވަމުން ގެންދެވި އިރު، މެމްބަރު ޝިޔާމް ނިޒާމީ މައްސަލައެއް ނަންގަވައި ފުރުސަތަކަށް އެދެމުން ދިޔަ އެވެ. ނަމަވެސް އެ ފުރުސަތު ރިޔާސަތުން ނުދިނުމުން، ނަޝީދުގެ ވާހަކަފުޅު އެހިސާބަށް ދިޔަތަނާ މެމްބަރު ޝިޔާމް ވަނީ އެ ވާހަކަތަކާ ދެކޮޅަށް އަޑުއުފުލަން ފައްޓަވައިފައެވެ. ސުޕަ މެޖޯރިޓީ އޮވެ ބިލުގެ މަސައްކަތް ލަސްކުރީ އެމްޑީޕީން ކަމަށާއި އަދި ޖަލްސާއަކީ ގާނޫނާ ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެ އަޑުގަދަކުރެއްވިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑު މިހާރު މި އިއްވަނީ ނައިިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ނަން. ނައިފަރު ދާއިރާގެ މެމްބަރު މަޖިލީހުން ބޭރަށް ނުކުންނަވާ،"

ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވުމާއެކު ރިޔާސަތުން އެންގެވީ މިހެންނެވެ. ނަމަވެސް މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް އެންގެވި އެންގެވުމެކެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން، މެމްބަރެއްގެ ނަން އިއްވާ ތަޅުމުން ބޭރަށް ނުކުންނަށް ރިޔާސަތަށް އެންގޭނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވުމަށްފަހު އެވެ.

މަޖިލީހުގެ ޖަލްސާއެއް ދެމިއޮތްހާ ހިނދަކު، މަޖިލީހުގެ ރައީސް ގާނޫނުއަސާސީއާ، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ކޮންމެ އަމުރަކަށް މެންބަރުން ފުރިހަމައަށް ކިޔަމަންވާން ޖެހޭނެ އެވެ.

"ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ ރައީސް ކުރާ އަމުރަކަށް މެންބަރަކު ކިޔަމަންނުވެއްޖެނަމަ، ކިޔަމަންވުމަށް، އެ މެންބަރަކަށް މަޖިލީހުގެ ރައީސް ނަސޭހަތްތެރިވާންވާނެއެވެ. މިކަމަށް މަޖިލީހުގެ ރައީސް ބޭނުންކުރާނެ އިބާރާތަކީ" (މެންބަރެއްގެ ދާއިރާގެ ނަން އިއްވުމަށްފަހު) އިއްޒަތްތެރި މެންބަރު ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ނަސޭހަތްތެރިވަން،" ގަވާއިދުގައި ބުނެފައިވެ އެވެ.

ނަސޭހަތަށް ވެސް މެމްބަރު ކިޔަމަން ނުވެއްޖެނަމަ، ދެން ރިޔާސަތުން ދޭންޖެހޭނެ ކަމަށް ގަވާއިދު ބުނަނީ އިންޒާރެކެވެ.

މިކަމަށް މަޖިލީހުގެ ރައީސް ބޭނުންކުރަން ޖެހޭ އިބާރާތަކީ "އިއްޒަތްތެރި މެންބަރު ގަވާއިދަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށް އަދިވެސް އެއްފަހަރު ދަންނަވަން. ދެން ޖެހޭނީ ނަން އިއްވަން" ކަމަށެވެ.

އިންޒާރުކުރުމުންވެސް އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލިސް ދޫކޮށްފައި ދިއުމަށް އެ މެންބަރަކަށް އެންގުމުގެ އިހްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވެ އެވެ. ނަން އިއްވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް މެމްބަރަކަށް އެންގޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނާ ގޮތަކީ މިއީ އެވެ.

ނަމަވެސް ރޭގެ ޖަލްސާގައި ކަންތައް ހިނގީ މިއާ ދިމާ އިދިކޮޅަށެވެ. އެންމެ ފުރަތަމަ ވެސް އެއްވެސް ނަސޭހަތެއް އަދި އިންޒާރެއް ދިނުމަކާ ނުލައި ރިޔާސަތުން ވަނީ މެމްބަރުގެ ނަން އިއްވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް އަންގަވައިފަ އެވެ. ގަވާއިދުގައި ބުނެފައިވާ އޯޑަރު އައީ އޭގެ ފަހުންނެވެ.

"އިއްޒަތެރި މެމްބަރު ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ދަންނަވަން. ނައިފަރު ދާއިރާގެ މެމްބަރުގެ ނަން އަޅުގަނޑު ތިން ފަހަރަށް އިއްވައިފިން. ނައިފަރު ދާއިރާގެ މެމްބަރު މި ހޯލު ދޫކޮށް ވަޑައިގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެންގެވުމާއެކު ޝިޔާމް ވަނީ މަޖިލީހުގެ ގަވާއިދަށް އިހުތިރާމް ކުރަން ރިޔާސަތަށް ދަންނަވައިފަ އެވެ. އެހިސާބުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވީ "އޭނާ ނެރޭ" އެވެ.

މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވައިފިނަމަ، އެ މެންބަރަކަށް ޖަލްސާގެ ބާކީ އޮތް ބައިގައި ބައިވެރިވުމުގެ ހައްގު ގެއްލޭނެ އެވެ. އަދި އެ މެންބަރަކު ވަގުތުން ޖަލްސާ ދޫކޮށް ދާންވާނެ އެވެ.

މަޖިލީހުގެ ތަޅުމުން މެމްބަރު ޝިޔާމް ނެރުމަށް ސާޖަންޓް އެޓް އާމްސް މަސައްކަތް ކުރައްވަނީ --

ނަޝީދުގެ އެންގެވުމާ އެއްގޮތަށް މެމްބަރު ޝިޔާމް ތަޅުމުން ނެރުމަށް، ސާޖަންޓް އެޓް އާމްސް ވަނީ ޝިޔާމް ގާތަށް ވަޑައިގެންފަ އެވެ. އަދި ސާޖަންޓް އެޓް އާމްސް އާއެކު ވަޑައިގަތުމަށް ޝިޔާމް ކޮޅަށް ތެދުވެވަޑައިގެން ގޮސް ވަކި ހިސާބަކުން ހުއްޓިވަޑައިގެން އަނެއްކާވެސް ވާހަކަދައްކަވަން ފެއްޓެވި އެވެ.

އެހެން ހުންނަވަނިކޮށް ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ޝިޔާމް ގާތަށް ވަޑައިގެން އެއްޗެއް ވިދާޅުވުމަށް ފަހު އަނބުރާ ވަޑައިގަންނަ މަންޒަރު ފެނުނެވެ.

މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، ގަވާއިދުގެ ބޭނުމަށް، އެ މެންބަރަކު ޖަލްސާއަށް ހާޒިރުވެ ނެތްކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވެ އެވެ.

މީގެކުރިން ވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ އެގޮތަށް އަމަލުކޮށްފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) މަޖިލީހުގައި ދުންމާރި ފުމެ، އަޑުގަދަކުރުމުގެ ސަބަބުން ތޯރިގުގެ ނަން އިވައި ތަޅުން ދޫކޮށް ވަޑައިގަތުމަށް ރިޔާސަތުން ވަނީ އަންގައިފަ އެވެ.

މެމްބަރު ތޯރިގު ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސް މަސައްކަތް ކުރައްވަނީ --

ނަމަވެސް ތޯރިގު އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ ސެކިއުރިޓީ އިން ތޯރިގު ތަޅުމުން ނެރެން ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެހެންކަމުން މަޖިލީހުގައި މެމްބަރު ނެތް ކަމަށް ބަލައިގެން ނަޝީދު ވަނީ ޖަލްސާ ކުރިއަށް ގެންދަވައިފައެވެ. އަދި "ވާހަކަ ނުދައްކާ ހިމޭނުން އިންނަވަން" ނަޝީދު ވަނީ ތޯރިގަށް އަންގަވައިފައެވެ.

ގަވާއިދުގައި ބުނެފައި އޮތީ އެގޮތަށެވެ. ރޭގައި ވެސް ހަމަ އެގޮތަށް އަމަލުކުރެވުނީހެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވެން ނެތް މިންވަރަށް މަޖިލީހުގެ ނިޒާމު ގެއްލިއްޖެކަމަށްވާނަމަ، މަޖިލީހުގެ ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ގަވާއިދުން އޮތީ ދީފައެވެ.

މެމްބަރު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ނަޝީދު އިޝާރާތް ކުރައްވަނީ ---

ދެން ފެނުނީ އަނެއްކާވެސް ރިޔާސަތުން ފެނިގެންވާނެ އަމަލެއް ނޫނެވެ. އަތުގެ އިޝާރާތުން، އެމްޑީޕީ މެމްބަރުންނަށް މަޖިލީހުގެ ރައީސް އަންގަވަމުން ގެންދެވީ ޝިޔާމު ތަޅުމުން ނެރުމަށެވެ. ނަޝީދުގެ މި އިޝާރާތާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ތެދުވެ، ޝިޔާމް ވަށާލިއެވެ. އަދި ހޫނު ޒުވާބެއް ފެށިގެން ދިޔައެވެ.

ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށްފަހު އެންމެ ފަހުން އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތް ލައި، ބައެއް މެމްބަރުންނަށް ހާނީއްކަވެގެން ދިޔައެވެ. އަދި ޝިޔާމް ތަޅުމުން ބޭރުކުރީ އެމްޑީޕީ މެމްބަރުންނެވެ. އޭރު ޝިޔާަމް ތުރުކުރައްވައިގެން ހުންނެވި ގަމީސް ވެސް އޮތީ ވީދާލައިފައެވެ.

މެމްބަރު ޝިޔާމް ތުރުކުރައްވައިގެން ހުންނެވި ގަމީސް ވީދާލާފައި -- ފޮޓޯ/ޕީޕީއެމް

މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތުތަކުގައި، މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެމަތިން މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުން ގަވާއިދުން މަތިކޮށްފައި ވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އާއެވެ.

މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުމަކީ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތެވެކެވެ. އެ ބާރު ގަވާއިދުން ދީފައި އޮތީ ވެސް ސާޖަންޓް އެޓް އާމްސް އަށެވެ. އެއްވެސް މަޖިލިސް މެމްބަރަކަށް އެ ބާރެއް ދީފައެއް ނެތެވެ.

އެހެންކަމުން ރޭގައި މަޖިލީހުގެ ތަޅުމުގައި ކަންތައްތައް ހިނގާދިޔައީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. އަދި އެކަމަށް ހިތްވަރު ލިބިގެން ދިޔައީ ރިޔާސަތުން ކުރ އިޝާރަތަކާ ގުޅިގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ވެސް ވަނީ ޝިޔާމަށް އަނިޔާކުރުމަށް ރިޔާސަތުން އެންގެވި ކަމަށް ތުހުމަތު ކުރައްވައިފައެވެ. މަޖިލީހުގައި އިންނަވާ އަމިއްލަ މެމްބަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ހަމަ އެގޮތަށެވެ.

"މަޖިލީހުގައި ނަން އިއްވީމަ ގަވާއިދަށް ހުރުމަތްތެރިކޮން ހިތާ ބޭރަށް ނިކުންނަން ޖެހޭނެ. ނުނިކުމެއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތްވެސް ގަވާއިދުގައި އެބައޮތް. އެއާހިލާފަށް މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުލިބޭގޮތަށް ރިޔާސަތުން އަމަލުކުރުމަކީ ދެރަކަމެއް،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީ މެމްބަރުން މަސައްކަތް ކުރަނީ ---

ކުރީގެ މަޖިލިސް މެމްބަރު ރީކޯ މޫސާ މަނިކު ވެސް ވަނީ ރޭ ހިނގާދިޔަ ކަންކަމަށް ނަޝީދު ހިތްވަރުދެއްވާފައިވާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައިފަައެވެ.

"މެމްބަރެއްގެ ނަން އިއްވުމުން ބޭރަށް ނުދާނަމަ މަޖްލިސް މެދުކަނޑާލާސެކިއުރިޓީން ލައްވާ އެ މެމްބަރަކު ތަޅުމުން ނެރެންޖެހޭނީ. އެއާހިލާފަށް ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަ ކަމެއް ނޫން. އެފަދަ އަމަލެއް ކުރުމަކީ ކުށެއް،" ރީކޯ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ އެއްވެސް އިންސާނެއްގެ ނަފްސަށް ބަޔަކު ކުޑަވެސް އަނިޔާއެއްދޭއިރު އެކަން ނުހުއްޓުވާ އެކަމަށް ފޯރިދޭން ނަޝީދު ހުންނަވާފާނެ ކަމަށް އުންމީދުނުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ރޭގައި ފެނިގެން ދިޔައީ އެ މަންޒަރެވެ. އެމްޑީޕީ މެމްބަރުން ޝިޔާމް ގައިގައިި އޮޅުލައިގެން ތަޅުމުން ބޭރުކުރަން މަސައްކަތް ކުރަމުން ދިޔަ އިރުވެސް، އެކަން ހުއްޓުވަން ރިޔާސަތުން އެއްވެސް ވަރަކަށް މަސައްކަތް ކުރައްވާފައެއް ނުވެއެވެ. ކުޅިބަލަން އިންނެވީއެވެ. އަދި ދޭތެރެއަކުން ޝިޔާމް ނެރުމަށް މެމްބަރުންނަށް އިޝާރާތްވެސް ކުރައްވަމުން ގެންދެވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، މެމްބަރުން ތަޅުމަށް ވަޑައިގެން ޖަލްސާތައް ބާއްވަން ފެށީ އެޗްޕީއޭގެ ހުއްދައާއެކު، ހާއްސަ އުސޫލުތަކަކަށް އަމަލުކުރަން އެއްބަސްވެގެންނެވެ. ގައިދުރުކަން ބެހެއްޓުމަށް އެއްބަސްވަމުންނެވެ.

ނަމަވެސް ރޭގައި މެމްބަރުން ވަނީ އެ އެއްބަސްވުމާވެސް ހިލާފުވެވަޑައިގެންފައެވެ. ގައިދުރުކަމެއް ނެތެވެ. ތަޅާފޮޅަމުން ދިޔައިރު މާސްކުތައް ވެސް ނޭފަތުން ތިރިއަށް ފައިބަމުން ދިޔައެވެ.

މެމްބަރު ޝިޔާމް ތަޅުމުން ނެރެން އެމްޑީޕީ މެމްބަރުން މަސައްކަތް ކުރަނީ ---

ގަވާއިދު ބުނާގޮތުން މެންބަރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަންވާނީ މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެމަތިންނެވެ. މަޖިލީހުގެ ގަވާއިދުގެ ރޫހަށް މަޖިލީހުގެ މެންބަރުން އަބަދުވެސް އިހްތިރާމް ކުރަންޖެހޭނެއެވެވެ.

ރޭގައި ގައިމުވެސް ތަޅުމުން ފެނިގެން ދިޔައީ މުޅިން އެހެން ރޫހެކެވެ. މަޖިލީހުގެ ރިޔާސަތުން ވެސް ގަވާއިދާ ހިލާފު އަމަލުތަކެއް ފެނިގެން ދިޔަ އިރު، މެމްބަރުންގެ ކިބައިން ވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ. ތަޅުމުގައި މަޖިލިސް ޖަލްސާތައް އަލުން ފެށި ދުވަހު ރިޔާސަތުން ފަހުރުވެރިކަމާއެކު ވިދާޅުވި، "ރިވެތި ނާމޫނާ" އާ ދިމާ އިދިކޮޅު މަންޒަރެކެވެ.

comment ކޮމެންޓް