އިންޑިއާ ރައްޔިތުން ގައުމަށް ގެންދަން އިތުރު ދަތުރުތަކެއް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން މީހުންނަށް ހާއްސަ އިތުރު ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން 1،800 އެއްގައި މީހުން މިހާތަނަށް އެނބުރި ގައުމަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު 700 މީހުން ބަލައި މިމަހުގެ ފަސްވަނަ ދުވަހު އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް އަންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރެވިންޑްރަމް، ދިއްލީ އަދި ކަލްކަތާއަށް ހާއްސަ ތިން ފްލައިޓެއް މިމަހުގެ މެދުތެރޭ ބާއްވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

"އެނބުރި އިންޑިއާއަށް ދާން ބޭނުންވާ ރައްޔިތުންގެ ދިގު ލިސްޓެއް އެބައޮތް. އަޅުގަނޑުމެންނަށް އެ ހުރިހާ އެންމެން އަނބުރާ ގައުމަށް ފޮނުވާ ނުދެވިދާނެ. އެކަމަކު މި ބަލަނީ ވީހާވެސް ގިނަ ރައްޔިތުން އެނބުރި ގައުމަށް ފޮނުވާދެވޭތޯ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ އިންޑިއާއަށް މިހާރު ޗާޓަރު ދަތުރުތައް ކުރެވޭ ކަމަށާއި ކުންފުނިތަކުން އިންޑިއާއަށް ޗާޓަރު ދަތުރުތައް ކުރަން ބޭނުންނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ރާއްޖެއާއި އިންޑިއާގެ ސިވިލް އޭވިއޭޝަނުން ހަމަޖައްސަން ޖެހޭ ކަންތައް ހަމަޖެއްސުމުގައި އަޅުގަނޑުމެން ފެސިލިޓޭޓު ކޮށްދޭނަން،" ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާއަށް ދިޔަ އިންޑިއާގެ ފަސް ރައްޔިތަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އިންޑިއާގެެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަސްކަރީ މަނަވަރުތަކުގައި އިންޑިއާއަށް ދާ ރައްޔިތުން ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ.

ރާއްޖޭގައި އެކި ވަޒީފާތައް އަދާކުރުމަށް އިންޑިއާގެ 27،000 އެއްހައި ރައްޔިތުން އުޅެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 1،829 އެވެ. އޭގެ ތެރޭގައި އިންޑިއާގެ 186 މީހުން ހިމެނެއެވެ.

އިންޑިއާއަށް ޗާޓާޑް ފްލައިޓްސް ބޭއްވޭނެ، ކުންފުނިތަކުން ބޭނުންމަ ފެސިލިޓޭޓް ކޮށްދޭނެއެވެ.

comment ކޮމެންޓް