ރާއްޖެއިން އަރަބިއަން ޓްރެވަލް މާކެޓްގައި ވާޗުއަލްކޮށް ބައިވެރިވެއްޖެ

ދެހާސް ސޯޅަވަނަ އަހަރު ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާޓް (އޭޓީއެމް) ފެއާ--- ފޮޓޯ/ އެމްއެމްޕީއާރުސީ

މިއަދުން ފެށިގެން މި މަހުގެ ތިނެއްގެ ނިޔަލަށް ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގައި ވާޗުއަލްކޮށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބައިވެރިވެއްޖެ އެވެ.

އޭޓީއެމް ވާޗުއަލް ކުރިއަށް ގެންދަނީ ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ ޖޫން 28އިން ޖުލައި އެކަކަށް ކުރިއަށް ގެންދަން ރާވާފައި އޮތް ފެއާ ފަސްވުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ގުޅުވައިދިނުމަށެވެ.

މި އިވެންޓު މައިގަނޑުގޮތެއްގައި ކުރިއަށް ދާނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުންނެވެ.

އެމްއެމްޕީއާރުސީން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެކި ކުންފުނިތަކުން ވެސް މި ވާޗުއަލް އިވެންޓުގައި ބައިވެރިވެފައިވާ ކަމަށެވެ.

އާންމު ގޮތެއްގައި ފެއާ ތަކުގައި ބައްދަލުވުންތައް ކުރިއަށް ދާހެން، މި ވާޗުއަލް އިވެންޓުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެގްޒިބިޓަރުންނާއި ބަޔަރުން އަދި ޒިޔާރަތް ކުރާ ފަރާތްތަކާ އެކު ބައްދަލުވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ވާޗުއަލް ފެއާ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ފަރާތްތަކާ ގުޅުވައިދޭނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ.

ތިން ދުވަހަށް ކުރިއަށްދާ މި ވާޗުއަލް ފެއާގައި އެމްއެމްޕީއާރުސީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއި ބައްދަލުކުރުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުން ހުށަހަޅާ ލައިވް ވެބިނާ ތަކުގައި ބައިވެރިވާނެ އެވެ.

އަންނަ މަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށް
ގަސްތުކޮށްފައިވާ އިރު، މި އިވެންޓުގެ ޒަރިއްޔާއިން ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް މުހިންމު ތަފްސީލުތައް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެގޮތުން މި އިވެންޓުން ލިބޭ މައުލޫމާތު ފަތުރުވެރިކަމާއި ގުޅޭ އާ ގައިޑްލައިން ތައްޔާރުކުރުމަށާއި އަދި ރާއްޖެ އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އިޝްތިހާރު ކުރުމުގައި ބޭނުންކުރާނެ އެވެ.

މިދިޔަ އަހަރު މެދު އިރުމަތިން 60،003 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 15.1 ޕަސެންޓުގެ އިތުރުވުމެކެވެ.

އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު، ކޮވިޑް19 އާ އެކު ވެސް މިއަހަރު ޖެނުއަރީ މަހުގައި އެ މާކެޓުން ދިވެހިރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 73.7 ޕަސެންޓު އިތުރުވެފަ އެވެ.

ދިވެހިރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު ކޮވިޑް-19 އާއިއެކު އެމްއެމްޕީއާރުސީ އިން އަންނަނީ ރާއްޖެ މާކެޓު ކުރާނެ އާ ގޮތްތައް ވިސްނާ ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އިޝްތިހާރުކުރުން އިތުރުކުރަމުންނެވެ.

comment ކޮމެންޓް