ޝަހީދުކޮށްލި ފަލަސްތީނުގެ އޯޓިސްޓިކް މީހާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ

ޝަހީދުކޮށްލި ފަލަސްތީނުގެ އޯޓިސްޓިކް މީހާގެ ޖަނާޒާގެ ތެރެއިން--

އިސްރާއިލްއިން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ އޯޓިސްޓިކް މީހާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެެވެ.

މިދިޔަ ހޮނިހިރު ދުވަހު އިރުމަތީ ގުދުސްގައި ހިނގި އެ ހާދިސާގައި ޝަހީދުވީ 32 އަހަރުގެ އިޔާދު އަލް ހަލަކު ކިޔާ މީހެކެވެ. އިޔާދު ޝަހީދު ކޮށްލާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކިޔަވައިދޭ ސްކޫލަށް ދަނިކޮށެެވެ.

އިސްރާއިލްގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޮޒެންފިލްޑް ވިދާޅުވީ އިޔާދު އަތުގައި ފިސްތޯލެއް އޮތް ކަމަށް ޝައްކުވެގެން ހުުއްޓުވަން އުޅުމުގެ ތެރޭގައި ކަަމަށެވެ. ނަމަވެސް ފަހުން އޭނާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެެވެ.

އެ ހާދިސާއާ ގުޅިގެން އިސްރާއިލްގެ ޑިފެންސް މިނިސްޓަރު ބެނީ ގްރާންޓްޒް ވަނީ މާފަށްވެސް އެދި ވަޑައިގެންފައެވެ. އެެ މައްސަލަ ބަލާ ތަހުގީގްކުރާނެކަމުގެ ޔަގީންކަން ދެއްވައި ބެނީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަންތައްތައް މަދުކުރަން މަސައްކަތް ކުރާނެ ކަމަށެެވެ.

އިޔާދުގެ ދެބެންގެ ދެދަރި މީހެއް ކަަމަށްވާ ޑރ. ހާތިމް އަވީވީ ބުނީ އިޔާދަކީ މީހުންނާ މުއާމަލާތް ކުރުމުގައި އުނދަގޫތަކެއް ހުންނަ މީހެއް ކަމަށެެވެ.

އިސްރާއިލުން ޝަހީދުކޮށްލި އިޔާދު--

" އޭނާއަކަށް ނޭނގޭނެ ފުލުހުންނަކީ ކޮންބައެއް ކަމެއް. ނުދަންނަ މީހަކު ފެނުނީމަ އޭނާ ފިލަން އުޅުނީ. ދެން ފުލުހުން އޭނާ ގަޔަށް ބަޑި ޖެހީ" ޑރ. ހާތިމް ވިދާޅުވި އެވެެ.

އިޔާދުގެ އޮޓޮޕްސީއިން ދައްކާގޮތުން އޭނާގެ މެއަށް ދެފަހަރު ވަނީ ވަޒަން އަރައިފައެެވެ.

ޕަލަސްތައިން ލިބަރޭޝަން އޯގަނައިޒޭޝަންގެ ސެކެޓްރީ ޖެނެރަލް ސާއިބް އުރައިކާތު ވަނީ އިޔާދު މަރާލި ހާދިސާއާ އެމެރިކާގެ އެފްރިކަން އެމެރިކަން ދަރިކޮޅަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް މަރާލި ހާދިސާއާ އެއްފަދަ ކޮށްފަ އެވެ. -- ބީބީސީ

comment ކޮމެންޓް