ބުންޑެސްލީގާ: ކޮލޯން ބަލިކޮށް ލިޕްޒިގް ތިންވަނައަށް

ލިޕްޒިގްގެ ކުޅުންތެރިން ރޭ ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު އުފާފާޅު ކުރުމުގެ ތެރެއިން --- ފޮޓޯ: ޖޯރައިޓް

ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުގައި އެފްސީ ކޮލޯން އަތުން ހޯދި މޮޅާ އެކު ރަސެންބޯލްސްޕޯޓްސް ލިޕްޒިގް ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.

އަވޭ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ލިޕްޒިގް ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ލިޕްޒިގް މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ 29 މެޗު ކުޅެގެން ލިބުނު 58 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވުރެން ދެ ޕޮއިންޓް ކުުރި ހޯދައިގެން ދެވަނައިގައި ބްރޮޝިއާ ޑޮޓްމަންޑް އޮތް އިރު ބަޔާޏް މިއުނިކް އެއްވަނައިގައި އޮތީ 67 ޕޮއިންޓާ އެކު އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ކޮލޯންއިންނެވެ. މެޗުގެ ހަތްވަނަ މިނަޓުގައި އެ ޓީމަށް ގޯލު ހުޅުވައިދިނީ ޖޯން ކޯޑޮބާއެވެ. އޭގެ 13 މިނަޓުފަހުން ލިޕްޒިގްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޓްރިކް ޝިކް އެވެ.

އެއަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު އެ ހާފު ނިމެން ހަ މިނަޓަށް ވެފައިވަނިކޮށް ލިޕްޒިގަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ކްރިސްޓޮފާ އެންކޫކޫ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލިޕްޒިގަށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްދިނީ ފަހަކަށް އައިސް ޓްރާންސްފާގެ "ޔޯލަ" ވާހަކައްް ވަރަށް ގިނައިން ދެކެވިފައިވާ ޓިމޯ ވާނާ އެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަރުމަނުގެ ސްޓްރައިކަރު ހޯދަން ޔޫރޮޕުގެ ބޮޑެތި ބާރުތަކުން ފާރަލަމުން އަންނަ އިރު އިނގިރޭސިވިލާތުގެ ލިވަޕޫލާއި، މެންޗެސްޓާ ޔުނައިޓެޑަކީ އެކަމުގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ދެކުލަބެވެ.

ވާނާގެ ގޯލަށްފަހު ކޮލޯން އިން ކުޅުން ރަނގަޅުކޮށް އިތުރު ގޯލެއް ވަނީ ޖަހައިފަ އެވެ. އެންތޮނީ މޮޑެސްޓްގެ އެގޯލާ އެކު ލިޕްޒިގުން ވަނީ އަނެއްކާވެސް ރައްދުގައި ގޯލެއް ޖަހައި ދެ ގޯލުގެ ލީޑު އަނބުރާ ހޯދައިފަ އެވެ. އެ ގޯލު އެޓީމަށް ޖަހައިދިނީ ޑެނިއެލް އޯމޯ އެވެ.

comment ކޮމެންޓް