ޖޯޖް ފްލޮއިޑް: ހެޔޮ ބައްޕައެއް، މޮޅު އެތުލީޓެއް، މަޑުމައިތިރި އެކުވެރިއެއް

ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގައިވެސް ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: ގެޓީ

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ، މިނިސޯޓާގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ހައްޔަރު ކުރި އިރު އޭނާގެ ކަރަށް ދޮން ނަސްލުގެ ފުލުހަކު ފައިން އަރައިގެން ހުރި މަންޒަރު ސޯޝަލް މީޑިއާއިން ފެނި، މުޅި ދުނިޔޭގެ އެތައް މިލިއަން މީހުންގެ ހިތުގައި ވަނީ އެ މަންޒަރު ބިންވަޅު ނެގިފަ އެވެ. އަދި ފްލޮއިޑްގެ މަރާ އެކު އެމެރިކާގެ ރައްޔިތުންގެ ރުޅިވެރިކަން އުތުރިއަރައިގެން ގޮސް، އެގައުމާއި އެހެން ގައުމުތަކުގައިވެސް މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ވަނީ ހޫނުވެފަ އެވެ.

އެއާއެކު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްލޮއިޑް ނުދަންނަ އެތައް ބަޔަކު ދަނީ އަނިޔާވެރި ފުލުހެއްގެ ރަހުމެއް ނެތް އަމަލުން ގެއްލުނު ފުރާނައެއް ހަނދާންކޮށް، ހިތާމަ ފާޅު ކުރަމުންނެވެ. އަދި އޭނާގެ ގާތްތިމާގެ މީހުން ދަނީ އޯގާތެރި ބައްޕައަކާއި ގިނަ މީހުންނާ ގުޅޭ އެކުވެރިއެއް ބީވެދިޔުމުގެ ހިތާމަ ތަހައްމަލު ކުރަމުންނެވެ. ނަމަވެސް ފްލޮއިޑްގެ ދިރިއުޅުމާ ގުޅުން ހުރި ބައެއް ފޮނި ހަނދާންތައް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ހިއްސާކޮށްފަ އެވެ.

ފްލޮއިޑްއާ އެކު ޓެކްސަސްގެ ހިއުސްޓަންގައި އުޅެ ބޮޑުވި އެކުވެރިއެއް ކަމަށްވާ ކްރިސްޓިއަން ހެރިސް ބުނި ގޮތުގައި ފުރާވަރުގައި ފްލޮއިޑްގެ ދިގުމިނަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އެގޮތުން ހައި ސްކޫލަށް ދިޔަ އިރު އޭނާގެ ދިގު މިން 6.6 ފޫޓަށް އަރަ އެވެ. އަދި އޭނާއަކީ އޭރުވެސް ވަރަށް މަޑުމައިތިރި ކުއްޖެއް ކަމުން، އޭނާއަށް "ޖެންޓުލް ޖަޔަންޓް" ވަނަމެއްގެ ގޮތުގައި ކިޔަން ފެށުނު ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ފްލޮއިޑް ހައި ސްކޫލުގައި ކިޔެވި އިރު ބާސްކެޓްބޯޅަ އާއި ރަގްބީ ކުޅުމަށް އޭނާގެ ހުރި ހުނަރުވެރިކަން ފާހަގަ ކުރެވުނެވެ. އަދި އޭނާގެ ސްކޫލު ޓީމާއެކު 1992 ވަނަ އަހަރު ރަގްބީ ސްޓޭޓް ޗެމްޕިއަންޝިޕް ގޭމެއްގައިވެސް ބައިވެރިވި އެވެ. އެއަށް ފަހު ސައުތް ފްލޮރިޑާ ސްޓޭޓް ކޮލެޖުގައި ދެ އަހަރު ވަންދެން ކިޔެވި އިރު އެ ކޮލެޖުގެ ބާސްކެޓް ބޯޅަ ޓީމުގައިވެސް އޭނާ ހިމެނުނެވެ.

ސައުތް ފްލޮރިޑާ ސްޓޭޓް ކޮލެޖުގެ ބާސްކެޓް ބޯޅަ ޓީމުގައި ފްލޯއިޑް، އޭނާގެ ކޯޗު ޖޯޖް ވޯކާއާ އެކު -- ފޮޓޯ: ސީއެންއެން

"[ފްލޯއިޑް] އަކީ މޮޅު އެތުލީޓެއް. ކޮންމެ ގޭމެއްގައި އެވްރެޖުކޮށް 12 އާއި 14އާ ދެމެދުގެ މިންވަރަކަށް ޕޮއިންޓު ހޯދާ،" ފްލޯއިޑްގެ ކޮލެޖް ބާސްކެޓް ބޯޅަ ޓީމުގެ ކޯޗު ޖޯޖް ވޯކާ ބުންޏެވެ.

ފްލޮރިޑާގެ ކޮލެޖުގައި ކިޔެވުމަށް ފަހު ފްލޯއިޑް އަނެއްކާވެސް ޓެކްސަސްއަށް ދިޔަ އެވެ. އޭގެ ފަހުން 2007ގައި އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ، ހަތިޔާރާ އެކު ގެޔަކަށް ވަދެ ވައްކަން ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރުމުންނެވެ. އެ މައްސަލައިގައި އޭނާ ފަސް އަހަރަށް ޖަލަށް ލާން 2009ގައި ހުކުމް ކުރި އެވެ.

އެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ހިއުސްޓަންއިން ވަޒީފާއެއް ހޯދަން ދަތިވުމުން ފްލޯއިޑް މިނިސޯޓާގެ މިނިއާޕޮލިސްއަށް ބަދަލުވި އެވެ.

ފްލޯއިޑްގެ އެހެން އެކުވެރިއެއް ކަމަށްވާ ސްޓީވެން ޖެކްސަން ބުނި ގޮތުގައި މިނިސޯޓާއަށް ބަދަލުވުމަށް ފަހު ފްލޯއިޑް އަބަދުވެސް ދައްކަމުން ދިޔަ ވާހަކައަކީ އޭނާގެ ދަރިންނަށް މިހާރަށް ވުރެ ރަނގަޅު ބައްޕައަކަށް ވުމުގެ ވާހަކަ އެވެ. ފްލޯއިޑްގެ ދެ ދަރިން ތިބި ކަމަށާއި އޭގެ ތެރެއިން ހަގު ކުއްޖާގެ އުމުރުން ހަ އަހަރުކަން ޖެކްސަން ފާހަގަ ކުރި އެވެ.

"މީގެ އަހަރެއް ކުރިން އަހަރެން އެންމެ ފަހުން އޭނާއާ ވާހަކަ ދެއްކި އިރާއި އެ އަހަރު އަހަރެމެން ދެއްކި ހުރިހާ ވާހަކައެއްގައިވެސް މަޝްވަރާ ކުރީ އަހަރުމެން އިތުރަށް ރަނގަޅުވެ، މިހާރަށް ވުރެ ރަނގަޅު ބައްޕައިންނަށް ވުމާ ބެހޭ ގޮތުން. ފްލޮއިޑް އަބަދުވެސް ދެއްކި ވާހަކައަކީ އެއީ،" ޖެކްސަން ބުންޏެވެ.

ފްލޯއިޑްއަށް އިންސާފު ހޯދައި ދިނުމަށް އެދި ކުރާ މުޒާހަރާތައް ވަނީ ނިއު ޒީލޭންޑު ފަދަ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފަށާފަ -- ފޮޓޯ: އޭއެފްޕީ

ފްލޮއިޑްގެ ކުރީގެ ލޯބިވެރިޔާ ރޯޒް ހަޑްސަންވެސް ވަނީ އޭނާއަކީ ދަރިންނަށް އަޅާލާ، ލޯބިދިން ބައްޕައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ފްލޮއިޑްގެ ތިން އަހަރުގެ ކާފާދަރިއެއްވެސް ހުންނަ ކަމަށާއި އެކުއްޖާއަށް ކާފަގެ ވާހަކަތައް ކިޔައި ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"[ފްލޮއިޑް]އަކީ ކިހާ ރަނގަޅު މީހެއްކަން އަހަރެން ބުނެދޭނަން. އޭނާ އަކީ އޭނާގެ ދަރިންނަށް ރަނގަޅު ބައްޕައެއް. އަހަރެންގެ އަތުގައި މިހާރު ހުރީ ހަމައެކަނި އެ ހަނދާންތައް. އަދި ކާފަ ދަރިފުޅަށް ދެވެން އޮތީވެސް ހަމައެކަނި ކާފަގެ ހަނދާންތައް،" ހަޑްސަން ބުންޏެވެ.

މިނިސޯޓާއަށް ބަދަލުވުމަށް ފަހު ފްލޮއިޑް ދިޔައީ ރެސްޓޯރެންޓެއްގެ ބޮޑީގާޑެއްގެ އިތުރުން ޓްރަކް ދުއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރެސްޓޯރެންޓުގެ ވެރިޔާ ޖޮވާނީ ތަންސްޓްރޮމް ވަނީ ފްލޮއިޑް އަކީ ހުރިހާ މުވައްޒަފުންނާއި ކަސްޓަމަރުންގެ ލޯބި ލިބުނު މީހެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތައް ބަންދު ކުރުމާ ގުޅިގެން ފްލޮއިޑްގެ މަސައްކަތްތައްވެސް ހުއްޓުމަކަށް އައެވެ. އަދި މިދިޔަ ހަފްތާގެ ހޯމަ ދުވަހު އޭނާ ސިނގިރެޓު ގަންނަން ފިހާރައަކަށް ދިޔުމުން، އޭނާގެ އަތުގައި އޮތީ ސައްހަ ނޫން 20 ޑޮލަރުގެ ނޫޓެއް ކަމަށް އެ ފިހާރައިން ބުންޏެވެ. އަދި އެކަން ފުލުހުންނަށް އެންގި އެވެ.

ފްލޯއިޑްގެ މަރުގެ މައްސަލައިގައި ފުލުސް އޮފިސަރު ޝޮވިން ވަނީ ހައްޔަރުކޮށްފަ --

އެ މައްސަލައިގައި ފްލޮއިޑް ހައްޔަރު ކުރަން ދިޔައީ ފުލުސް އޮފިސަރު ޑެރެކް ޝޮވިން އާއި އިތުރު ތިން ފުލުހެކެވެ. އަދި ފްލޮއިޑްގެ އަތުގައި ބިޑި އެޅުވުމަށް ފަހު އޭނާ ޕޮލިސް ކާރަށް އަރުވަން އުޅުމުގެ ތެރޭގައި އޭނާ ބިންމައްޗަށް ވެއްޓުނެވެ. އެއަށް ފަހު ފްލޮއިޑްގެ ކަރަށް ކަކޫ އަރުވައިގެން އަށް މިނިޓާއި 46 ސިކުންތު ވަންދެން ޝޮވިން ހުރި ކަމަށް މެޑިކަލް ރިޕޯޓުން ދެއްކި އެވެ. އަދި ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދަން ނެގި އިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އެނގެ އެވެ.

ފްލޮއިޑްގެ އެކުވެރިޔާ ހެރިސް ބުނި ގޮތުގައި ފްލޮއިޑް ސައްހަ ނޫން ނޫޓެއް ގަސްތުގައި ހޯދަފާނެ ކަމަށް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ. އަދި ފްލޮއިޑް ހުރީ ރަނގަޅު ގޮތުގައި ކުރިއަށް ދިޔުމަށް އަޒުމު ކަނޑައަޅައިގެން ކަމަށާއި އޭނާއަށް ވަގުތީ ވަޒީފާއެއް ހޯދުމާ ބެހޭ ގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވެސް ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން އޭނާ ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި މުޒާހަރާތައް ފެށުނުތާ ތިން ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހު ކުރީގެ ފުލުސް މީހާ ކަމަށްވާ ޝޮވިން ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމާއި މީހަކު މަރުވެދާނެ ފަދަ އަމަލެއް ގަސްތުގައި ކުރުމުގެ ދައުވާކޮށްފަ އެވެ. އޭގެ ސަބަބުން އޭނާގެ މައްޗަށް 25 އަހަރާއި 35 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައިސްދާނެ އެވެ.

ފްލޯއިޑްގެ އާއިލާގެ މެމްބަރުން ވަނީ އޭނާ ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުންގެ މައްޗަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރުމަށް ގޮވާލާފަ އެވެ.

comment ކޮމެންޓް