ޖޯޖް ފްލޮއިޑްގެ ދިފާއުގައި ފުޓުބޯޅަ ތަރިން ތެދުވެއްޖެ

ޖޯޖް ފްލޮއިޑްއަށް އިންސާފު ހޯދައިދިނުމަށް އެދި ފުޓުބޯޅަ ތަރިން ގޮވާލައި އަޑުގަދަވަނީ --- ފޮޓޯ: އޭޕީ

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ ޖޯޖް ފްލޮއިޑްއަށް އިންސާފު ހޯދައިދުނުމަށް ގިނަ ފުޓުބޯޅަ ތަރިންތަކެއް ގޮވާލައިފި އެވެ.

ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް 46، ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި މަރުވި މައްސަލަ ހޫނުވެ، އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި އާއްމުންނާއި ފުލުހުންނާއި ދެމެދުގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ އިރު ފްލޮއިޑަށް އިންސާފު ހޯދުމަށް ގޮވާލާ އަޑު ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

ފްލޮއިޑްގެ ދިފާއުގައި އަޑު އުފުލަމުންދާ މީހުންނާއި އެއްބައި ކިޔައި ގިނަ އަދަދެއްގެ ފުޓުބޯޅަ ތަރިންތަކެއް ވެސް މިހާރު ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފަ އެވެ. އެގޮތުން ޖަރުމަނުގެ ބުންޑެސްލީގާގައި ކުރީ ރޭ ކުޅުނު މެޗުތަކުގައި ލަނޑު ޖެހުމަށްފަހު ސެލަބްރޭޝަންގައި ކުޅުންތެރިން ވަނީ ފްލޮއިޑްއަށް އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ.

ނަސްލީ ތަފާތު ކުރުން ނެތިކޮށްލުމަށް އެދި ލިވަޕޫލްގެ ކުޅުންތެރިން ދިން މެސެޖް --

ބްރޮޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯއާއި، އަޝްރަފް ހަކީމީ ގޯލު ޖެހުމަށްފަހު ޓީޝާޓްގެ ދަށުން ލާފައި ހުރި ސޫޓުގައި "ޖަސްޓިސް ފޯ ފްލޮއިޑް" ޖަހާފައި ހުރި ތަން ވަނީ ކެމެރާތަކަށް ދައްކާލައިފަ އެވެ. އަދި ކުރީގެ ތަރި ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް ލަނޑު ޖަހާފައި ކަކޫ ޖައްސައިގެން އިށީނީ އެވެ.

އަދި ލިވަޕޫލުން މިއަދު ކުރިއަށް ގެންދިޔަ ޓްރެއިނިންގް ކޭމްޕް ނިންމުމަށްފަހު ހުރިހާ ކުޅުންތެރިން ވަށް ބުރަކަށް އެތުރިގެން ތިބެ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް އަޑު އުފުލައި މެސެޖެއް ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ވަނީ ފްލޮއިޑުގެ ދިފާއުގައި ޓްވީޓްކޮށް ހަދައިފަ އެވެ.

މީގެ އިތުރުން ވެސް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަންނަނީ އެމެރިކާގައި ހިނގި މި ހާދިސާ ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް އެކަށީގެންވާ އަދަބު ދިނުމަށް ގޮވާލައިފަ އެވެ. އަދި "ބްލެކް ލައިވްސް މެޓާ" ގެ ނަމުގައި ހޭޝްޓެގް ބޭނުންކޮށް ނަސްލީ ތަފާތު ކުރުން ހުއްޓާލުމަށް ބާރު އަޅައި މިފަދަ ކަންކަން ކުރުމުން ލިބޭ ގެއްލުން ހާމަކޮށް ޓްވީޓްތައް ދަނީ ކުރަމުންނެވެ.

ފްލޮއިޑް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ޑެރެކް ޗައުވިން، 44، އެވެ.

އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. އެކަމަކުގައި ބައިވެރިވި އަނެއް ތިން ފުލުހުންގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

comment ކޮމެންޓް