ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނި ރިޕޯޓު އަނބުރާ ފޮނުވާލައިފި

މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ގަވައިދު ކޮމިޓީއިން އެގޮތަށް ނިންމާފައި ވަނީ ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު އެވެ. ޒަހާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަމާ ގުޅިގެން ސިޓީއެއް ފޮނުއްވާފަ އެވެ.

ޒަހާ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ހަ ގަވައިދެއް ޑްރާފްޓް ނިންމައި ބަންޑަރަނައިބުގެ ލަފާފުޅަށް އެދި ފޮނުއްވާފައިވާ ކަމަށެވެ. އެގޮތަށް ސިޓީގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލަން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.

ޒަހާގެ މައްސަލާގައި ގަވާއިދު ކޮމިޓީއިން ނިންމި ރިޕޯޓު އަނބުރާ ތަޅުމަށް ފޮނުވަން ފާސްކުރީ 69 މެމްބަރުންގެ ވޯޓާ އެކު އެވެ.

ގަވާއިދު ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ފިޝަރީޒް މިނިސްޓްރީއަށް ލާޒިމުކޮށްފައިވާ ގަވައިދުތައް އެ މިނިސްޓްރީއިން ހަދާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަން ވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ނަމަ އެއީ އެ ގާނޫނުން އުފައްދައި ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަން ވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"ކަން މިހެން އޮތް އިރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރަލް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން މިއަދާހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމުން އެ މިނިސްޓްރީއިން އެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީއިން ގަބޫލުކުރާ ކަމަށާއި. މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ." ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް