މަސްގަނެ އެކްސްޕޯޓް ކުރުމުގެ ފުރުސަތު މިހާރު އެންމެނަށް ލިބޭނެ: ޒަހާ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި މަސްގަނެ އެކްސްޕޯޓް ކުރުމުގެ ހުއްދަ މިހާރު ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މީގެކުރިން ވަކި އަދަދަކަށް މަސް ގަތުމާއި ރާއްޖެއިން ބޭރަށް ފޮނުވުމުގެ ރައިޓްސް ދީފައި ވަނީ އަމިއްލަ ހަތަރު ކުންފުންޏަކަށެވެ. އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

މިނިސްޓަރު ޒަހާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީ ކުރުމުގެ ދަށުން ދިވެހި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މަސްގަތުމުގެ ވިޔަފާރި އާންމުކޮށް ހުޅުވާޅުވާލުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މިނިސްޓްރީއިން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

އެގޮތުން މަސްގަތުމުގެ އެކްސްކްލޫސިވް ހައްގު އެއްވެސް ކުންފުންޏަކަށް ލިބިފައި ނުވާ ކަމަށް ބަންޑާރަނައިބު ލަފާ ދެއްވާފައިވާ ކަމަށް ޒަހާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން ކަޅުބިމަހުގެ މަސްވެރިކަމުގައި ބާނާ މަސް އާންމުކޮށް ގަތުމަށް މިހާރު ހުރަހެއް ނެތް ކަމުގައި ވާތީވެ، މި ވިޔަފާރިއަކީ މިޙާރު އާންމުކޮށް ހުޅުވާލެވިފައިވާ ވިޔަފާރިއެއް ކަމުގައި ދަންނަވަމެވެ. "މިނިސްޓަރު ޒަހާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީ ކުރުމުގެ ދަށުން ދިވެހި ސަރުކާރާ އެކު އެބަސްވެފައިވާ ހަތަރު އަމިއްލަ ކުންފުނީގެ ތެރެއިން ތިން ފަރާތަކަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެއްބަސްވުމުގައިވާ ގޮތަށް ނޯޓިސް ދީ، އެ ނޯޓިސްގެ މުއްދަތު ހަމަވެފައިވާއިރު ވެސް ރަނގަޅުކުރަން ބުނި ކަންކަން ރަނގަޅުކޮށްފައި ނުވާތީ އެއްބަސްވުންތައް ބާތިލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޒަހާގެ ސިޓީގެ ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ރައީސަށް ޒަހާ ސިޓީއެއް ފޮނުވާފައި މިވަނީ ވަޒީރުކަމުގެ ޒިންމާ ޒަހާ އަދާ ނުކުރައްވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވާފައި ވަނިކޮށެވެ. ގަވައިދު ކޮމިޓީއިން އެގޮތަށް ނިންމީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ގާނޫނު ބުނާ މުއްދަތުގައި ހަދާފައި ނުވާ މައްސަލާގަ އެވެ.

ގަވައިދު ކޮމިޓީއިން ފޮނުވި ރިޕޯޓު މިރޭ ވަނީ އަނެއްކާ ވެސް އަނބުރާ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފަ އެވެ.

comment ކޮމެންޓް