ކުލި ނުދެއްކިގެން ރަށަށް ދާން ބޭނުންވާ 97 މީހެއް

ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ

ކޮވިޑް19 ގެ ސަަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކުލި ނުދެއްކި، އެނބުރި ރަށަށް ދާން ބޭނުންވާ 97 މީހަކު އެބަތިބި ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ މި 97 މީހުން ނިސްބަތްވަނީ 12 އާއިލާ އަކަށް ކަމަށެވެ.

ކުލި ނުދެއްކޭ ހާލަތުގައި ތިބި 220 މީހަކަށް ޖެންޑާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ކުލި ނުދެއްކޭ މީހުން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ޔޫތު ހޮސްޓެލްގައި ބައިތިއްބަން ފަށާފައިވާ ކަމަށެވެ.

"ހަގީގަތުގައި މިއީ ވަރަށް ބޮޑު އިމާޖިން އިޝޫ އަކަށް މިހާރު ފާހަގަ ކުރެވެމުންދޭ. އިގްތިސޯދަށް ލޮޅުން އައުމާ ވަޒީފާގެ ކަންތައްތަކަށް މި އަންނަ އިމްޕްލިކޭޝަންގެ ސަބަބުން އާއިލާތައް މެނޭޖު ކުރުމަށް ވަރަށް ދަތިވެގެން އެބަދޭ. އާއިލާގެ ފައިސާ ހޯދާ ފަރާތަށް ޖޮބް ސެކިޔުރިޓީ ނެތްކަމަށް ވަންޏާ،" ޔުމްނާ ވިދާޅުވިއެވެ.

މި ފަރާތްތައް ޖެންޑާގެ އެހީތެރިކަމަށް އެދެނީ މާލޭގައި ކުއްޔަށް އުޅުނު ނަމަވެސް ވަޒީފާގެ ހާލަތަށް އަންނަ ބަދަލާއެކު ކުލި ނުދެއްކިގެން ރަށަށް އެނބުރި ދާން އެދިގެން ކަމަށެވެ.

"ރަށަށް ދިޔުމަށްޓަކާ ވަރާސް ގިނަ ފަރާތްތައް އެބަ އާދޭ. މާލޭގެ ރަށްވެހިންވެސް އެބައާދޭ އަޅުގަނޑުމެންނާ ހަމައަށް މި ހާލަތު އައިގެން އެހީތެރިކަން ހޯދުމަށް،" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ހިއްސާ ކުރެއްވި މައުލޫމާތަށް ބަލާއިރު އޭޕްރީލް 17 އިން 23 އަށް ތިން ފަރާތަކުން، 24 އިން 30 އަށް 19 ފަރާތަކުން، މެއި އެކަކުން ހަތަކަށް 11 ފަރާތެއް، މެއި އަށަކުން 14 އަށް 71 ފަރާތެއް އަދި މެއި 15 އިން 21 އާއި ދެމެދު 75 ފަރާތެއް އަދި މެއި 22 އިން 31 އަށް 41 ފަރާތަކުން ވަނީ ޖެންޑާގެ އެހީތެރިކަމަށް އެދިފައެވެ.

މީގެ ތެރޭ ހިމެނެނީ އީމެއިލް އަދި 1421 ހޮޓްލައިން މެދުވެރިކޮށް އަންނަ މައްސަލަތައް ކަން ޔުމްނާ ފާހަގަ ކުރެއްވިއެވެ.

"މި އަދަދުތައް އަޅުގަނޑުމެންނަށް ފެނޭ އެބަ އިތުރުވަމުން ދާތަން،" ޔުމްނާ ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް 4.62 މިލިއަން ރުފިޔާ ޖެންޑާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. މީގެ ތެރެއިން 1.6 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތި ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

"ކުލިނުދެއްކިގެން ނުވަތަ ވަޒީފާ ގެއްލިގެން ކުލި ނުދެއްކިގެން ނިކުންނަން ޖެހޭ މީހުން ވަރަށް ގިނަ. މިހާރު އަޅުގަނޑުމެންގެ ޔޫތު ފެސިލިޓީގައި ހަތަރު އާއިލާއެއްގެ 26 މީހުން ބަލަހައްޓަމުން މިދަނީ ދެ ދުވަސް ތެރޭގައި،" ޔުމްނާ ވިދަޅުވީ މިކަމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށެވެ.

ފުރަބަންދާ ގުޅިގެން އެނބުރި ރަށަށް ދާން ބޭނުންވާ މީހުން ރަށަށް ފޮނުވުމުގެ އުސޫލު އެކުލަވާލާ އާންމުކޮށްފައިވާއިރު، އެ ލިސްޓުގެ ދަށުން 2،711 މީހަކު މިހާތަނަށް ރަށަށް ފޮނުވާލާފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

comment ކޮމެންޓް