މުޒާހަރާތައް ކުރިއަށްދާ އިރު ވައިޓް ހައުސް އަނދިރިކޮށްލައިފި

ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން މުޒާހަރާތައް ކުރިއަށްގެންދާ އިރު ވައިޓް ހައުސްގެ ބޮކިތައް ނިއްވާލާފައި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖޫން 1): އެމެރިކާގައި ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންދިޔަ އިރު ވައިޓް ހައުސްގެ ބޮކިތައް ނިއްވާލާ، އަނދިރިކޮށްލައިފި އެވެ.

ފޯބްސްގައިވާ ގޮތުން ވައިޓް ހައުސްގެ ބޭރުގައި ހުންނަ ބޮކިތައް ރޭ ނިއްވާލާފައި ވަނީ އެގައުމުގެ ގަޑިން 11 ޖަހާކަށްހާ އިރެވެ. އޭރު ވައިޓް ހައުސްގެ ބޭރުގައި ކުރިއަށްގެން ދިޔަ މުޒާހަރާތައް ހޫނުވެ ބައެއް މީހުން ދިޔައީ ބަޑިބޭސް ބޭނުންކޮށް، ކާރާއި އެހެނިހެން ތަކެތީގައި ރޯކުރަމުންނެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖެހި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ވައިޓް ހައުސް ކުރިމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ ބިމުއަޑީގައި ހުންނަ ބިންގަރާހަށް ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ގެންދިޔަ ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ޖެހިގެން އައި ދުވަހު ޓްރަމްޕް ވަނީ ސީކްރެޓް ސާވިސްގެ މަސައްކަތަށް ތައުރީފް ކުރައްވާ، ވައިޓް ހައުސްގެ ފެންސް ހުރަސް ކުރާ ބަޔަކު ކުރިމަތިލާން ޖެހޭނީ "އެންމެ އަނިޔާވެރި ކުއްތާތަކާއި އެންމެ ނުރައްކާތެރި ހަތިޔާރާ" ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާތައް ފަށާފައި ވަނީ ދޮން ނަސްލުގެ ފުލުހަކު، ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު އަމަލު ކުރި އަނިޔާވެރި ގޮތުން އޭނާ މަރުވުމުންނެވެ.

ފްލޯއިޑްގެ މެޑިކަލް ރެކޯޑުން ދެއްކި ގޮތުގައި އޭނާ ހައްޔަރު ކުރި ފުލުސް މީހާ، ޑެރެކް ޝޮވިން ވަނީ ފްލޯއިޑްގެ ކަރަށް ފައި އަރުވައިގެން އަށް މިނިޓާއި 46 ސިކުންތު ވަންދެން މަޑުކޮށްފަ އެވެ.

އެމައްސަލައާ ގުޅިގެން ޝޮވިން އާއި އޭނާއާ އެކު ދެން ތިބި ތިން ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ޝޮވިން ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ.

އެމެރިކާގެ އިތުރުން ބޭރު ގައުމުތަކަށްވެސް މިހާރު ފުޅާވެފައިވާ މުޒާހަރާތަކުގައި ދަނީ ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް އަޑު އުފުލާ، ޖޯޖް ފްލޯއިޑްގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް