ފަތުރުވެރިންނަށް ހަމާލާދިން މައްސަލާގައި ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ފުލުހުންނަށް ބެލުނު އެންމެ ރަނގަޅަކަށް ބަލައި ހެކި ހޯދާފަައިވާ ކަމަށާއި އެ މައްސަލަ ނިމެންވާނީ ޝަރުއީ ކޯޓަކުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބުރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތެއް އަދި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. މި މައްސަލައިގައި އަށް މީހަކު ހައްޔަރު ކުރިއެވެ. އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަ ޖެނަރަލް ވަނީ އެމައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފަ އެވެ.

މިރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެމައްސަލާގައި ފުލުހުން ފުރިހަމަ ތަހުގީގެއް ކޮށް އެކަށީގެންވާ ހެކި ހޯދާފައިވާ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑު ހިތުން މި މައްސަލަ އެކަށީގެންވާ ވަރަށް ތަހުގީގުކުރެވި. ހެކި ލިބި. ފުލުހުންނަށް އެކަން ބެލެން އޮތް ހަމަ އެންމެ ރަނގަޅު މިންވަރަކަށް ބަލާފައި އޮތް ކަމަށް ބުނަން ކެރިދާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެމައްސަލައިގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިހުގެ ބޭފުޅަކުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އެމައްސަލާގައި އޭނާ ހިތްހަމަޖެހޭ ވަރަށް ހެކި ހުރި ކަމަށް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ކޯޓަކަށް މައްސަލަ ހުށަހަޅައިފި ނަމަ ސާބިތުވާނެ ކަމަށްވެސް އޭނާ ވިދާޅުވި ކަމަށް އިމްރާން މިރޭ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް ދައުވާ ކުރުމުގެ ޒިންމާ އޮތީ ޕްރޮސެކިއުޓަ ޖެނެރަލްއަށްކަން ގަބޫލުކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެބޭފުޅާ [ޕްރޮސެކިއުޓަ ޖެނެރަލް] ނިންމަވާނީ އެބޭފުޅާގެ ޕްރޮފެޝަނަލް އޮޕީނިއަން. އެހެންވީމަ އެ ނިންމުމަށް އަޅުގަނޑު އިހުތިރާމް ކުރަން. އެހެންނަމަވެސް އަޅުގަނޑު ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން އެ މައްސަލަ ތަހުގީގުކޮށް ގެންދެވިފައި އޮތް ހިސާބަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރަނީ އެމައްސަލަ ނިމެންވާނީ ކޯޓުގެ ތަޅުމުގެ ތެރެއިން ކަމަށް،" އިމްރާން ވިދާޅުވި އެވެ.

ފަތުރުވެރިންނަށް ހަމަލާދިން މީހުންނަށް ދައުވާ ނުކުރެވުން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ދަނީ ބަލަމުންނެވެ. ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ 241 ކޮމިޓީއިން އެމައްސަލަ ބަލަމުން ދާތީ އެއްވެސް އެޗެއް މީޑިއާގައި ބުނަން ބޭނުން ނުވާ ކަމަށެވެ.

ހަމަލާދިން މީހުންގެ މައްޗަށް އެމައްސަލާގައި ދައުވާ ކުރަން ޖެހޭ މުއްދަތު ހަމަވެ ދައުވާ ނުކުރުމުން އެމީހުން ވަނީ ދޫވެފަ އެވެ. ނަމަވެސް މިހާރު ވަނީ ތުހުމަތުކުރެވޭ އެހެން މައްސަލަތަކެއްގައި އެމީހުން ހައްޔަރުކޮށްފަ އެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތުވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ.

ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގައި، ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެ އެވެ. ފުލުހުން އެދޭނަމަ މައްސަލައިގެ ބާވަތައް ބަލައި އިތުރު 30 ދުވަސް ދައުވާ ކުރުމަށް އިހްތިޔާރު އެ ގާނޫނުން ދީފައިވެއެވެ. އެހެން ކަމުން ގިނަވެގެން 75 ދުވަހުގެ ތެރޭ ދައުވާ ކުރަން ފޮނުވަން ޖެހެއެވެ. އަދި ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި އެފަދަ މީހުންގެ މައްޗަށް ދައުވާ އުފުލަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް