ޓޫރިޒަމް ތަފާސްހިސާބު ބަލަހައްޓަން ޕޯޓަލްއެއް ހަދައި އާ ގަވާއިދެއް

ފަތުރުވެރިންތަކެއް ވީއައިއޭ ގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓުއަރިޒަމާ ބެހޭ ތަފާސް ހިސާބު ބެލެހެއްޓުމަށް ޕޯޓަލް އެއް ހަދައި، ރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ އާ ގަވާއިދެއް ގެޒެޓްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިރޭ ގެޒެޓުކުރި ގަވައިދު ބުނާގޮތުން މި ގަވައިދުގެ ދަށުން ކަނޑައެޅިފައިވާ މައުލޫމާތު ކަނޑައެޅިފައިވާ ގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހެއެވެ. މައުލޫމާތު ހުށަހަޅަންވާނީ މިނިސްޓްރީ އިން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް، "ޓޫރިޒަމް އިންފޮމޭޝަން މެނޭޖުމެންޓް ސިސްޓަމް" ޓިމްސް މެދުވެރިކޮށް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދަށް އަމަލު ކުރަންފަސާއިރު ސިސްޓަމްގައި ރެޖިސްޓްރީ ނުވާތަންތަން، ގަވައިދަށް އަމަލުކުރަން ފަށާތާ ތިން މަސްތެރޭ ސިސްޓަމްގައި ރެޖިސްޓްރީވާން ޖެހޭނެ ކަމަށް ގަވައިދު ބުނެއެވެ.

މި ގަވައިދުގެ ދަށުން ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތާއި އޮކިޔުޕެންސީ ރިޕޯޓު، ފަތުރުވެރިން ނިސްބަތްވާ ގައުމުގެ މައުލޫމާތު ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެކިއެކި ދިރާސާތައް ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން އަންގާ އެންގުންތަކާ ބެހޭ މައުލޫމާތު ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން ދިމާވާ ކުއްލި ހާލަތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް
އެޅުމަށްޓަކައި، މިނިސްޓްރީއަށް ބޭނުންވާ، ފަތުރުވެރިންނާ ގުޅޭ މައުލޫމާތު، މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށް، ފަތުރުވެރިކަމުގެ ހިދުމަތްދޭނތަންތަނުން، މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، މިނިސްޓްރީއަށް ބޭނުންވާ މަޢުލޫމާތުގެ ތަފްސީލާއި އެ މަޢުލޫމާތު ހުށަހަޅަންޖެހޭ ފޯމެޓާއި، ހުށަހަޅަންޖެހޭ މުއްދަތު ބަޔާންކޮށް، މިނިސްޓްރީން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅޭ
މަޢުލޫމާތުތަކުގެ ރެކޯޑުތައް، ދެ އަހަރު ވަންދެން ހިދުމަތްދޭ ތަންތަނުގައި ބަހައްޓަން ޖެހޭނެ ކަމަށާއި ސަފާރީީތަކުގެ ރެކޯޑުތައް ބަލަހައްޓަންޖެހޭނީ އެ އުޅެނދެއްގެ މައި އޮފީހުގައި ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ހިދުމަތްދޭ އެއްވެސް ތަނަކުން ގަވައިދާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު، އެ ތަނެއްގައި ރަޖިސްޓަރީ ކޮށްފައި ހުރި ކޮންމެ އެނދަކަށް 100 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ގަވައިދު ބުނެއެވެ. ގަވައިދާ ހިލާފުވާ ދެވަނަ ފަހަރު ކޮންމެ އެނދަކަށް 250 ރުފިޔާގެ މަގުން އަދި ތިންވަނަ ފަހަރު ކޮންމެ އެނދަކަށް 500 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދު ބުނެއެވެ.

އަދި ޖެހިޖެހިގެން ތިން ފަހަރު ގަވައިދާ ހިލާފުވެއްޖެނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ އެނދަކަށް 1000 ރުފިޔާގެ މަގުން، އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ގޮތަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދު ބުނެއެވެ.

ޖޫރިމަނާ ދައްކަން ޖެހޭނީ ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން ހަތް ދުވަސްތެރޭ މީރާ އަށެވެ. ޖޫރިމަނާ ނުދައްކައިފި ނަމަ ލައިސަންސް ބާތިލް ކުރުން ނުވަތަ ލައިސަންސް ސަސްޕެންޑު ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެންވާ ކަމަށް އެ ގަވައިދު ބުނެއެވެ.

comment ކޮމެންޓް