ޖޯޖް ފްލޮއިޑްގެ މަރަށް އިންސާފު ހޯދައިދިނުމަށް ދުންޔާ އެމެރިކާއަށް ގޮވާލައްވައިފި

ދުންޔާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަދި މިޝެލް އޮބާމާއާއެކު-- ފޮޓޯ: ދުންޔާ

އެމެރިކާގެ އެފްރިކަން އެމެރިކަން ދަރިކޮޅުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ރާއްޖޭގެެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެމެރިކާއަށް ގޮވާލައްވައިފި އެވެ.

ފްލޮއިޑް މަރުވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އެތައް އިރެއް ވަންދެއް ޖޯޖްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ.

އެމެރިކާގެ މިނިއާޕޮލިސްގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަމުގައި ޝާމިލްވި ހަތަރު ފުލުހަކު މަގާމުން ވަކިކޮށްފައިވާ އިރު ކަރަށް ފައިން އެރި ފުލުސް މީހާ (ޑެރެކް ޝޯވިން) މިހާރު ވަނީ ހައްޔަރު ވެސްކޮށްފަ އެވެ. އެހެން ނަމަވެސް އަނެއް ތިން ފުލުހުން ހައްޔަރުނުކުރާތީ ދުންޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ފުލުސް މީހާއަށް އެކުރަން އުޅެނީ ތާޑް ޑިގްރީ މާޑާއެއްގެ [މަރެއްގެ] ދައުވާ. އޭނާއަށް ކުރަން ޖެހޭނީ ފަސްޓް ޑިގްރީގެ މާޑާއެއްގެ ދައުވާ. ނުވަ މިނިޓު ވަންދެން ގަސްދުގައި [އޭނާގެ ކަރަށް] ފައިން އަރައިގެން އޮތީ ދޮއްތޯ،" ދުންޔާ ވިދާޅުވި އެވެ.

ޖޯޖް ފްލޮއިޑްގެ ހަނދާނުގައި ފާރެއްގައި ކުރަހާފައިވާ އޭނާގެ ފޮޓޯ ޖެހި ކުރެހުމެއް---

ދުންޔާ ވިދާޅުވީ އެމެރިކާގައި އެފްރިކަން އެމެރިކަން ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ފުލުހުން އަބަސްދު ވެސް އަނިޔާޥެރިކަން އިސްކުރާ ކަމަަށާއި ޖޯޖް ފްލޮއިޑް ފަދަ ކިތަންމެ މީހަކަށް އެގޮތަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކަންތައްތަަކަށް ރަނގަޅަށް ފިޔަވަޅު އަޅަފައިނުވާކަން ވެސް ދުންޔާ ފާހަގަކުރެއްވި އެވެ. މީގެ ކުރިން އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފުލުހުންނަށް އަދަބު ނުލިބޭ މައްސަލަ ވެސް ވަރަށް ބޮޑެެވެ.

ދާދި ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައި 2015 ވަނަ އަހަރުގެ ފަހުން މިނިއާޕޮލިސްގެ ފުލުހުން މީހުން ހައްޔަރުކުރުމުގައި ކަަރަށް ބާރުކޮށްގެން 237 ފަހަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެފަދާ ހާދިސާތަކުގައި 44 މީހަކު ހޭނެތުނު ކަމަށް ވެސް ބުނެފައިވެ އެެވެ.

ޖޯޖްގެ މަރާާ ގުޅިގެން އެމެރިކާގެ ނިއުޔޯކާއި އެހެނިހެން ސިޓީތަކުގައި އޭނާ އަށް އިންސާފު ހޯދުމަށް އެދި ސުލްހައިގެ ބޮޑެތި މުޒާހަރާތަކެއް ފަށާފައިވާ އިރު ބައެއް މުޒާހަރާތައް ހޫނުވެ ކުރިމަތިލުމަަކަށް ވެސް މިހާރު ވަނީ ގޮސްފަ އެވެ.

https://sun.mv/137460

ރާއްޖެއިން އެމެރިކާއާ އޮންނަ ގުޅުން ރަނގަޅު ނަމަވެސް މިހާރު ރާއްޖެ ޑިމޮކްރަސީގައި ހޯދާފައިވާ ކުރިއެރުންތަކާ އެކު އިންސާނީ ހައްގުތަކަށް ޓަކައި ރާއްޖެއިން ފްލޮއިޑްގެ މަރުގެ މައްސަލާގައި އަޑުއުފުލައި އެކަން ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެކަމަށް ދުންޔާ ވިދާޅުވި އެވެ.

އެމެރިކާއަކީ ޑިމޮކްރަސީއަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ގައުމަކަށް ވިޔަސް އެ ގައުމުގެ އެތެރޭގައި ޑިމޮކްރަސީ ހިނގަނީ އެންމެ ރަނގަޅަށް ނޫންކަން ދުންޔާ ފާހަގަކުރެއްވި އެެވެ.

ޖޯޖްގެ މަރުގެ މައްސަލަ ހޫނުވި ދުވަސްވަރަކީ އެމެރިކާގައި ކޮވިޑް ހަލުވިކަމާ އެކު ފެތުރެމުންދާތީ އެކަމާ މެދު ވެސް ދުންޔާ ވަނީ ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެެ.

ދުންޔާ ވިދާޅުވީ އެމެރިކާގައި އެ ބަލި އެހާ ބޮޑަށް އެ ފެތުރުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ މެދު ފަރުވާކުޑަ ކުރައްވައި ޑަބްލިއުއެޗްއީގެ ތަޖުރިބާކާރުންގެ އިރުޝާދަށް ފުރިހަމަށް ބޯ ނުލެނބުމުން ކަމަށެވެ.

އޭގެ ބަދަލުުގައި ޓްރަމްޕް މަސައްކަތް ކުރައްވަނީ ޗައިނާގެ މައްޗަށް އެކި ތުހުމަތުކުރައްވައި ޒިންމާއިން ރެކެންކަމަށް ދުންޔާ ތުހުމަތު ކުރެއްވި އެވެ. އޭގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އެމެރިކާ އަދާކުރާ ދައުރު މިހާރު ކުޑަވަމުންދާކަން ދުންޔާ ފާހަގަކުރެއްވި އެވެ.

ދުންޔާ ވިދާޅުވީ މިދަނޑިވަޅު ދިވެހިން ތިބީ އެމެރިކާގެ ރައްޔިތުންނާއެކުގައި ކަމަށާއި އަދި ދެކެން ބޭނުން ވަނީ އެމެރިކާގައި ހަމަޖެހުން ގާއިމްވެ ހުރިހާ އެންމެނަށް ވެސް އިންސާނީ ހައްގުތައް ކަށަވަރުވެގެން ދިއުން ކަމަށެވެެ.

comment ކޮމެންޓް