ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11 އާ ހަމައަށް ދެވޭނެ

ފިހާރައެއްގެ ތެރޭގައި މީހަކު ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް، ފުރަބަންދު އިއުލާނުކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދަ އާއެކު ކެފޭ ރެސްޓޯރެންޓުތަކުން އަދި އޮންލައިންކޮށް ނަގާ އޮޑަރުތައް ޑެލިވަރީ ކުރުމުގެ ހިދުމަތް ރޭގަނޑު 11 އާއި ހަމައަށް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރުމުގެ ހިދުމަތް ދެވޭނީ ހެނދުނު ނުވަޔަކުން ރޭގަނޑު ނުވަޔަކަށް ކަމަށާއި އިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެންޓީނު ފަދަ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުން ޑެލިވަރީގެ ހިދުމަތް ހެނދުނު ނުވަޔަކުން ރޭގަނޑު 11 އަށް ދެވޭނެ ކަމަށެވެ.

އަދި އޮންލައިންކޮށް ކުރާ އޯޑަރުތަކަށް މުދާ ޑެލިވަރީ ކުރުމުގެ ހިދުމަތްވެސް ހެނދުނު ނުވަޔަކުން ރޭގަނޑު 11 އަށް ދެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

އިއުލާނުގައި ބުނީ ޖޫން އެކަކުން ފެށިގެން އެ މިނިސްޓްރީ އިން ނުވަތަ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މި ގަޑިތަކަށް އަމަލު ކުރާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށެވެ.

ފިހާރަތަކަށް ވިޔަފާރި ކުރަން ދިޔުމަށް ފުލުހުން ދަނީ ކޮންމެ ގެއަކުން ތިން މީހަކަށް ހަފްތާއަކުން ތިން ދުވަހު ދެ ގަޑިއިރަށް ހުއްދަ ދޫކުރަމުންނެވެ.

ވިޔަފާރި ކުރަން ދާއިރުވެސް ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް