މަނަދޫ އާންމު ހާލަތަށް ގެންގޮސްފި

މަނަދޫ---

ނ. މަނަދޫ މޮނީޓަރިންގެ ހާލަތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށް އާންމު ހާލަތަށް ގެންގޮސްފިއެވެ.

މަނަދޫ ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި ލިޔުމުގައި ބުނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންތައް ބެލުމުން އެ ރަށް އިތުރަށް މޮނީޓަރިންގެ ހާލަތުގައި ބާއްވަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.

މަނަދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

މަނަދޫ އިން ޖުމްލަ 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އޭގެ ތެރޭގައި އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ހެދި ޓެސްޓުތަކުން ބައްޔަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ހިމެނެއެވެ. އޭނާ އަށް ފަރުވާދީ ބަލިން ރަނގަޅުވި ފަހުން، އެހެން ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ ރަށުން ދެން ޕޮޒިޓިވްވި ނުވަ މީހުންނަކީ ދުވަސްވީ މީހާ އާއި ކޮންޓެކްޓުވީ މީހުންނެވެ. އެ މީހުންވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 1773 އެވެ. ހަ މީހަކު ބަލީގައި މަރުވެފައިވާއިރު މިހާތަނަށް 453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް