ތަރުޖަމާނުކަމުން އިޒްމިއާ ވަކިކޮށް ޕޮލިސް މީޑިއާގެ ހެޑަކަށް ޔޫނުސް

ފުލުހުންގެ ތަރުޖަމާނުކަމުން ވަކިކުރި އިޒްމިއާ ޒާހިރު --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހުންގެ ތަރުޖަމާނަކަށް މިހާތަނަށް ހުރި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެ މަގާމުން ވަކިކޮށް، އެ މަގާމަށް ވަގުތީ ގޮތުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ހަމަމަޖައްސަވައިފި އެވެ.

ފުލުހުން ވަނީ މިހާރު މިކަން ހުރިހާ މީޑިއާތަކަށް އަންގާފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، މިއަދުން ފެށިގެން ފުލުހުންގެ އިސް ތަރުޖަމާނަކަށް ވަގުތީގޮތުން ޔޫނުސް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު ޕޮލިސް މީޑިއާ ރިލޭޝަން އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ އާތިފާ ހަސަން ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

"ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު ފުލުހުންގެ ތަރުޖަމާނުގެ މަގާމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރަށް ނޫސްވެރިން ދެއްވި އެއްބާލުމަށާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވަމެވެ،" މީޑިއާތަކަށް ފުލުހުން ފޮނުވާފައިވާ މެސެޖްގައި ވެއެވެ.

އޭގެއިތުރުން ފާއިތުވީ ދުވަސްތަކުގައި ފުލުހުންނާއި މީޑިއާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް އިޒްމިއާ މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތައް އޭނާއަށް ޝުކުރު ދަންނަވާކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާނަކަށް ހަމައްޖައްސާފައިވަނީ، ޑިސެމްބަރު 19، 2018 ގައެވެ. އޭނާ މީޑިއާތަކާ ތަފާތުކުރާކަމަށް ބުނެ، މީޑިއާ ކައުންސިލަށްވެސް އެ މައްސަލަ މީގެ ކުރިން ހުށަހެޅިއެވެ. ބައެއް މީޑިއާތަކާ މެދު ތަފާތުކުރުންތައް އޭނާ ގެންގުޅޭ ކަމަށް ބައެއް ނޫސްވެރިން އަންނަނީ ބުނަމުންނެވެ.

އިޒްމީއާ ވަނީ ސިންގަޕޫރު ނޭޝަނަލް ޕޮލިސް އެކަޑެމީން ޑިގްރީ އަދި އޮސްޓްރޭލިއާގައި ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

https://sun.mv/113108

comment ކޮމެންޓް