ހުވަދޫ ބަދިގެ: ގަރެދެ ފަތެފޮޅިއެއް ރަހަބަލާލިންތަ؟

ރަހައިގެ ގޮތުން އެންމެ ގާތްކުރަނީ، ކުޅި ބޯކިބަލާ އެވެ. އެހެން ނަމަވެސް ތުނިވެފައި ބޯކިބަލަކަށްވުރެ މުރަނަ އެވެ. ރިހާކުރު ރަހަ ނިކަން ގަދަވެފައި، ރަހަވެސް އެހާމެ މީރެވެ. އެކަމަކު، ގައްދޫ މީހުންގެ "ފޭވަރިޓް" ގަރެދެ ފަތެފޮޅި ތަފާތެވެ. މިއީ އަދި ކުޅި ބޯކިބާއެއް ނޫނެވެ.

ހުވަދޫ ބަދިގޭގެ ދެވަނަ އެޕިސޯޑުގައި މި ގެނެސްދެނީ ގައްދޫގައި ތައްޔާރުކޮށް އުޅޭ މީރު ކުޅި ބާވަތެކެވެ. ގަރެދެ ފަތެފޮޅި ތައްޔާރުކުރާގޮތް ކިޔައިދީ ރެސިޕީ ހިއްސާކޮށްދީފައިވަނީ އާއިޝަތު ސޫމާ އެވެ.

ގައްދޫގައި ތައްޔާރުކުރާ ގަރެދެ ފަތެފޮޅި --- ފޮޓޯ މާޝާ ނައީމް

ގައްދޫ މީހުން ބުނާގޮތުން ގަރެދެ ފަތެފޮޅި ތައްޔާރުނުކުރާ ދުވަސްވަރެއް އެމީހުންގެ ހަނދާނުގައި ނުހުރެ އެވެ. އޮޅުއަލަ އާއި، މަހާއި ރިހާކުރު ބޭނުންކޮށްގެން ތައްޔާރުކުރާ މި ބާވަތަކީ ގައްދޫ އަށްދާ މީހުންނަށް ރަށު ހަދިޔާއެއްގެ ގޮތުގައިވެސް އެންމެ މަގުބޫލު އެއް ބާވަތެވެެ. ގަރެދެ ފަތެފޮޅި ގައްދޫގައި މިހާ މަގްބޫލު އެއްޗަކަށްވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވިފައިވަނީ "އޮޅުއަލަ" އެވެ.

ގައްދޫގައި ތައްޔާރުކުރާ ގަރެދެ ފަތެފޮޅި --- ފޮޓޯ މާޝާ ނައީމް

ގައްދޫއާ ޖެހިގެން ކަހަލަ ގޮތަކަށް އޮންނަ ފަޅު ރަށެއް ކަމުގައިވާ ގދ.ގަމަކީ ގައްދޫ ރައްޔިތުން ދަނޑުވެރިކަމަށް ބޭނުންކޮށްއުޅޭ ފަސްގަނޑު މުއްސަނދި ރަށެކެވެ. ބޮޑު ތަދުގައިވެސް ހުވަދޫ ރައްޔިތުން ބަނޑަށް ނުޖެހި ތިބި ސަބަބެއްކަމަށް މީހުން ބުނާ މި އޮޅުއަލަ ދަނޑުތަކަކީ ގައްދޫގެ ގިނަ ރައްޔިތުން އާމްދަނީ ހޯދުމަށް ބޭނުންކުރި އެންމެ މުހިންމު އެއް ވަސީލަތެވެ. އޮޅުއަލަ މަޑުކޮށްގެން ގަރުދިޔަ ނުވަތަ ރިހަ އާއި އެކު ކެއުމަށް ބޭނުންކުރާއިރު، ބަނބުކެޔޮ ހެން ތެލުލައިގެނާއި އަދި ފިހެގެން ވެސް ނިކަން މީރުކޮށް ކައިއުޅެ އެވެ. އެއަށްފަހު އަލަ އެންމެ ގިނައިން ބޭނުންކޮށްއުޅެނީ ގަރެދެ ފަތެފޮޅި ހެދުމަށެވެ.

ބޭނުންވާ ތަކެތި

  • ދިރި
  • ދަވިއްގަދު
  • ކޮތަބިރި
  • އިނގުރު
  • ލުނބޯ
  • ގިތެޔޮ މިރުސް
  • ހިކިމިރުސް
  • ފިޔާ
  • ލޮނުމެދު
  • ހިކަނދިފަތް
  • އަލަ (ގާނާފައި ނުވަތަ ފުނޑާ ދާއަކުން ފުނޑާފައި)
  • ވަޅޯމަސް
  • ރިހާކުރު
  • ހަނޑޫ (މުގުރާފައި)
  • ހުނި
  • އަޖިނަމޮޓޯ
  • ލޮނު
  • ރީނދޫ
  • ލުނބޯ ފަތް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ވަޅޯމަސް، ރިހާކުރު، ހުނި، ހަނޑޫ، އަލަ، ރީނދޫ އަދި ލުނބޯ ނޫން ހުރިހާ ބާވަތެއް އެއްކޮށްލާ މިކްސަރަކުން ހިމުންކޮށް ޕޭސްޓުގަނޑެއްހެން ފުނޑާލާށެވެ. އެއަށްފަހު އިތުރު ފިޔާކޮޅަކާއި ހިކަނދިފަތް، ގިތެޔޮ މިރުސް ތުނިކޮށް ކޮށާލުމަށްފަހު، ލުނބޯ ހުތްކޮޅަކާއި ލޮނު ކޮޅެއް އަދި ރީނދޫކޮޅެއް އެއްކޮށްލުމަށްފަހު ދިޔަ ނުކުންނަވަރަށް މޮޑެލާށެވެ. އެއަށްފަހު ތައްޔާރުކުރި ޕޭސްޓްގަނޑު އެއްކޮށްލައި މިކްސް ކުރުމަށްފަހު ކޮށާފައި ހުރި މަސް އަޅާ މޮޑެލާށެވެ. އެއަށްފަހު ހުންޏާއި މުގުރާފައިވާ ހަނޑޫއަޅާ އަނެއްކާވެސް ރަނގަށް މިކްސް ކޮށްލާށެވެ. ދެން އެއްކޮށްލާނީ ގާނާފައި ހުރި އަލަކޮޅެވެ. އެއަށްފަހު ރަހަލާވަރަށް ރިހާކުރުއަޅާނީ އެވެ.

ހުރިހާއެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ވަކަ ގަހުގެ ފަތް ނުވަތަ ބަނބުކެޔޮ ފަތަށް އަޅާ، ރަނގަޅަށް އެއްވަރުކޮށް އޮމާންކޮށްލުމަށްފަހު މަތި ކަވަރު ކޮށްލާށެވެ. އެއަށްފަހު އުނދުންމަތީގައި ތަވައެއްގައިވެސް ނުވަތަ ގައްދޫ ބަހުންނަމަ ދަފަތުގެ މަތީގައި ބާއްވާ ފިހެލާށެވެ. މަޑުގިނީގައި ދެފުށް ދެފުށަށް ބަދަލުކުރަމުން ހަރުވަންދެން ފިހެލާށެވެ. ގާތްގަނޑަކަށް 40 މިނިޓާއި އެއް ގަޑިއިރު ހޭދަވެދާނެ އެވެ.

ގައްދޫގައި ތައްޔާރުކުރާ ގަރެދެ ފަތެފޮޅި --- ފޮޓޯ މާޝާ ނައީމް

ސޫމާއަކީ ގައްދޫ ގައި އާމްދަނީ ހޯދުމަށްޓަކައި ގަރެދެ ފަތެފޮޅި ތައްޔާރުކޮށް އުޅޭ މީހުންގެ ތެރެއިން އެކަކެވެ. އޭނާ މި މަސައްކަތުގައި އުޅޭތާ ދިހަވަރަކަށް އަހަރުވެފައިވާއިރު، މިއަދު އެހެން ގިނަ މީހުންނެކޭ އެއްފަދައިން މި މަސައްކަތަށް ބަރޯސާވެވޭކަށެެއް ނެތެވެ.

ގަމުގައި ގައްދޫ މީހުން ހެއްދި އަލަދަނޑުތައް އެއްކޮށްހެން މަރުވެ، މިފަދަ މަސައްކަތެއް ކުރާވަރަށް އަލަ ހޯދުމަކީ މިއަދު ވުން ހަމަ ނާދިރުކަމެކެވެ.

ސޫމާގެ މި ރެސިޕީއަކީ އެންމެ ކުރީއްސުރެވެސް މީހުން ގަރެދެ ފަތެފޮޅި ހަދަމުން އައި ގޮތެވެ. އެހެންނަމަވެސް ބަނބުކެޔޮ ފަތުގެ ބަދަލުގައި ކުރިން ބޭނުންކުރީ ވަކަ ގަހުގެ ފަތެވެ. އަދި ލުނބޯފަތް ފަދަ ތަކެއްޗަކީ މިފަހުން އަޅަންފެށި ބާވަތްތަކެކެވެ.

އެއާއެކު އަލަ ނުލިބޭތީ މިފަހަކަށް އައިސް ގިނަ ބަޔަކު އަލައިގެ ބަަދަލުގައި އަލުވި ވެސް ބޭނުންކުރެއެވެ. އެހެންނަމަވެސް ގިނަބަޔަކު ބުނަނީ އަލައިން ތައްޔާރުކުރާ ފަތަޮޅީގެ ރަހަ އެހެންއެއްވެސް އެއްޗަކުން ނުދޭނެ ކަމަށެވެ.

ގައްދޫގައި ތައްޔާރުކުރާ ގަރެދެ ފަތެފޮޅި --- ފޮޓޯ މާޝާ ނައީމް

ގަރެދެ ފަތަފޮޅު ތައްޔާރުކުރުމަކީ ޚަރަދު ބޮޑު އަދި މަސައްކަތްވެސް ބުރަކަމެކެވެ. ސޫމާ ބުނާގޮތުން އޭނާ ހަނދާންހުރީޢްސުރެ ގޭގައި މި ތައްޔާރުކުރެ އެވެ. އޭރު ދެރުފިޔާ ބަޔަށް ގަރެދެ ފަތެފޮޅިއެއް ލިބޭއިރު، ތަކެތީގެ އަގުބޮޑުވެ އަލަ ލިބުން ދަތިވުމާއިއެކު މިހާރު ގަރެދެ ފަތެފޮޅިއެއް ގައްދޫއިން ގަންނަން ލިބެނީ ދިހަ ރުފިޔާއަށެވެ.

ގައްދޫގައި އޮތް ބޮޑު ޑިމާންޑާއިއެކު، ކައިރި ކަނޑުހުޅުދޫއަށާއި ތިނަދޫ އާއި ހުވަދޫގެ ބައެއް ރަށްތަކުގެ އިތުރުން ފުވައްމުލަކަށްވެސް ވިއްކުމަށް ގަރެދެ ފަތެފޮޅި ތައްޔާރުކުރެއެވެ.

ދަރު އުނދުނެއްގައި ކޮންމެހެން ތައްޔާރުނުކުރެވުންސް ތަވާ މަތީގައި ފިހެލުމަށްފަހު އަވަނަށް ލައިގެން ވެސް މިފަހަކަށް އައިސް މާލޭގައި އުޅޭ ބައެއް ހުވަދޫ މީހުން މި ތައްޔާރުކުރެ އެވެ. އަޖުމަ ބަލާލަންވީއެއްނޫންހެއްޔެވެ؟

comment ކޮމެންޓް