ސޫދާންގެ ކުރީގެ ސަރުކާރުން ހިޔާނަތްތެރިވެފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް ފަށައިފި

ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު -- ފޮޓޯ: ރޮއިޓާސް

ސޫދާންގެ ކުރީގެ ސަރުކާރުން ހިޔާނާތްތެރިވެފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ތިރީސް އަހަރުވަންދެން ވެރިކަން ކުރެއްވި ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަން ވެއްޓުނީ މިދިޔަ އޭޕްރީލް މަހު ގެނައި މިލިޓަރީ ކޫއަކުންނެވެ.

އުމަރު މިހާރު ވެސް ހުންނެވީ ކޮރަޕްޝަންގެ މައްސަލައެއްގައި ދެ އަހަރަށް ޖަލުގައެެވެ.

ސޫދާންގެ ސަރުކާރުން ބުނީ އުމަރު ލޫޓުވާލި ފައިސާގެ އަދަދު އެތަކެއް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓާއި އަދި އެކި ޕްރޮޕަޓީތައް ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ބައެއް އެސެޓްތައް އަނބުރާ ހޯދަން އުނދަގޫކަމަށް ސަރުކާރުން ބުނެ އެެވެ.

ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެކުލަވާލައިފައިވާ ކޮމެޓީގެ ތަރުޖަމާނު ސަލާހު މަނާ ވިދާޅުވީ ކުރީގެ ސަރުކާރު އިސް ބޭފޫޅުންގެ ނަންނަމުގައި ހުރި ރިއަލް އެސްޓޭޓާއި ޕްރޮޕަޓީތަކުގެ އަދަދު 3.5 އަކާއި ހަތަރެއް ބިލިއަން ޑޮލަރަށް އަރާނެ ކަަމަށެެވެ.

މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ކޮމެޓީން މިހާރު ވެސް ވަނީ ކޮރަޕްޝަނާ ގުޅޭ މައްސަަލަތަކާ ގުޅޭ ގިނަ ކަރުދާސްތަކެއް ހޯދައިފަ އެެވެ. އެގޮތުން ތިން ޓްރަކް ފުރޭވަރުގެ ލިޔުންތައް މިހާރު ފެނިފައިވާކަމަށް ވަނީ ބުނެފައެެވެ.

ކުރީގެ ސަރުކާރުގެ އިސްވެރިންނާއި އާއިލާގެ ބެފުޅުންގެ ނަންނަމުގައި ހުރި ހޮޓާތަކާއި ދަނޑުބިންތަކާއި ޝޮޕިން ސެންޓަރުތައް ވެސް މިހާރު ވަނީ ހޯދައިފަ އެވެެ.

ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެކުލަވާލައިފައިވާ ކޮމެޓީގެ ތަރުޖަމާނު ސަލާހު މަނާ ވިދާޅުވީ އެތަންތަނުގެ އަސްލު އަގު ހޯދަން ބޭރުގެ ތަޖުރިބާކާރުން ގެންނާނެ ކަމަށެވެ.

ސޫދާނުގެ އިކޮނިމިސްޓެއްކަމަށްވާ މުހައްމަދު އަލް ނަޔަރު ވިދާޅުވީ ރިއަލް އެސްޓޭޓާއި ޕްރޮޕަޓީތައް ނީލަން ކިޔައިގެން ހިއްސާގެ ކުންފުނިތަކުގައި އިންވެސްޓްކުރެވޭނެ ކަމަށެެވެ.--- އޭއެފްޕީ

ގުޅޭ ޓެގު
comment ކޮމެންޓް