އިތުރުގަޑީގެ ފައިސާ އުނިކުރި މައްސަލަ މަޖިލީހަށް

--- ފޮޓޯ/ މަޖިލިސް

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސިވިލް ސާވިސް މުވައްޒަފުންމަށް އިތުރުގަޑީ ފައިސާ ލިބޭ އުސޫލަށް ބަދަލު ގެނެސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ، މީގެކުރިން ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތްކުރެއްވި ގާނޫނީ ވަކީލާ ހައްވާ ޝަފީއާ ރިޒާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީށް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާ އުސޫލަށް ގެނައި ބަދަލުގައި ގާނޫނީ ގޮތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން އިތުރުގަޑީގެ ފައިސާ ދޭނީ ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތް ހަމަވުމުން ކަމަށެވެ.

ޝަފީއާގެ ސިޓީގަިއ ވިދާޅުވެފައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ކަނޑައަޅާފައި ވަނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށް ވާއިރު، އެ ގަވާއިދުގައި ސިވިލް ސާވިސް މުވައްޒަފެއް ލައްވައި ދުވާލަކު ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ އިތުރަށް މަސައްކަތް ކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތާ ހިލާފަށް، އަދި ގަވާއިދު ބަދަލުނުކޮށް، ސާކިއުލާތަކެއްގެ ޒަރިއްޔާއިން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދެވޭގޮތް ބަދަލުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް، ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއަށް ލިބިގެން ނުވާ ބާރެއްގެ ދަށުން ކަމަށް ފެންނަ ކަމަށެވެ.

މީގެއިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާއަކީ، ވަޒީފާ ދޭ ފަރާތުން އިތުރު ގަޑީގެ ފައިސާ ދޭން ލާޒިމްވާނެ މުއްދަތު ބަޔާންކޮށްދިނުމާ ބެހޭ މާއްދާއެއް ނޫން ކަމަށާއި، އެ މާއްދާގައި، އިތުރު ގަޑީގައި ނުހިމެނޭ ގޮތުން، ހަފްތާއަކު މީހަކު ލައްވައި 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވަނީ، މުވައްޒަފަކު ލައްވައި އެންމެ ގިނަވެގެން ހަފުތާއަކު މަސައްކަތް ކުރުވޭނެ ވަގުތު ބަޔާންކޮށްދިނުމުގެ މަގުސަދުގައި ކަން އެ މާއްދާގެ ސީދާ ނައްސަށް ބެލުމުން އެނގެން އޮންނަކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"މި ސަބަބަށްޓަކައި ގާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނު)ގެ އަލީގައި ބެލިނަަމަވެސް، ވަޒީފާއާ ބެހޭ ގާނޫނުނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ 48 ގަޑިއިރަކީ އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅުވޭނެ ކަމެއް ނޫންކަން އެނގެން އޮންނަކަން ފާހަގަކުރަމެވެ." ސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި އިތުރުގަޑީގެ ފައިސާ ދޭ އުސޫލު ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކުން ބަދަލުކޮށްފައިވުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނެފައި ވަނީ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މެނުވީ، އިތުރުގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ.

އަދި މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ¼1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½1 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެމުވައްޒަފަކަށް، ވަޒީފާދޭފަރާތުން ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"މިސާލަކަށް، ދިވެހިރާއްޖޭގައި މިވަގުތު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ކަމުގައި ހިމެނޭ މެޑިކަލް އޮފިސަރުންނާ އެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެއްބަސްވެފައިވާ ދިވެހި ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ 26 ވަނަ މާއްދާގައި، އިތުރު ގަޑީގައި މަސައްކަތްކުރުވައިފި ނަމަ ދިވެހި ސިވިލް ސާވިސް ގަވާއިދު 2014 ގެ 163 ވަނަ މާއްދާގެ ދަށުން އިތުރު ގަޑީގެ ފައިސާ ދެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ. މިގޮތުން ބުނެވިދިޔަ ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާ މިހާލަތަށް ތަޢުބީޤު ކުރާއިރު، މި ހާލަތުގައި ތިބި މުވައްޒަފުންްގެ އިތުރުގަޑީގެ ފައިސާ ދޭންޖެހޭނީ ސިވިލް ސާވިސް ގަވާއިދުގެ 163 މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަން އެނގެން އޮންނައިރު، އެއީ، ދުވާލަކަށް ކަނޑައެޅިފައިިވާ ރަސްމީ ގަޑީގެ އިތުރުން ހިނގާ ކޮންމެ ގަޑިއަކަށް ކަން އެނގެން އޮންނަކަން ފާހަގަކުރަމެވެ،" ސިޓީގައި ވެއެވެ.

ހަމައެއާއެކު އިތުރުގަޑީގެ ފައިސާ ދެވޭނީ ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށް އެނގުމުގެ ނަތީޖާއަކީ، ސިވިލް ސާވިސް މުވައްޒަފުން ރަސްމީ ގަޑީގެ އިތުރުން، އިތުރު ގަޑީގައި މަސައްކަތް ކުރި ނަމަވެސް، 48 ގަޑިއިރު ހަމަނުވާނަމަ، އިތުރަށް މަސައްކަތް ކުރި ގަޑިއަށް ފައިސާ ނުލިބުން ކަމަށެވެ. އެހެންކަމުން މިއީ ވެސް ގާނޫނާ ހިލާފުކަމެއް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފުންނަށް ލިބެންޖެހޭ އިނާޔަތްތަކަކީ ގާނޫނުއަސާސީގެ ދަށުން އެފަރާތްތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށްވާއިރު، އެ ހައްގަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން އަމަލުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ސިޓީގައި ވެއެވެ.

އަދި މި މައްސަލައިގައި ފިނޭންސް މިނިސްޓްރީއާއި ސިވިލް ސާވިސް ކޮމިޝަނުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށް އެފަރާތްތައް ޖަވާބުދާރީކުރުވުމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކުން ރައްޔިތުންގެ އަސާސީ ހައްގުތައް ހިފަހައްޓަމުންދާ ގޮތްތަކަށް ފާރަވެރިވެ ޖަވާބުދާރީކުރުވުން މުހިންމު ކަމަށް ފެންނާތީ، ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ސާފުކޮށްދިނުމަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅައިދިނުމަށް ސިޓީގައި އެދިފައިވެއެވެ.

comment ކޮމެންޓް