އެމެރިކާގެ މުޒާހަރާތައް: ނޫސްވެރިންތަކަކަށް ގެއްލުން ދީފި

އެމެރިކާގައި ހިނގާ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންތަކަކަށް ވަނީ ރަބަރު ވަޒަން ހިމެނޭ ބަޑިން، ފުލުހުން ހަމަލާ ދީފައި --- ފޮޓޯ : ރޮއިޓާސް

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގެ މިނެސޯޓާގައި ކުރިއަށްދާ މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިންތަކަކަށް ފުލުހުންގެ ފަރާތުން ހަމަލާތަކެއް ރައްދުވެއްޖެ އެވެ.

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ކިޔާ މީހަކު މަރާލުމާ ގުޅިގެން އެ ސިޓީގައި ބައެއް ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.

އެ މުޒާހަރާ ކުރިއަށް ދިޔަ ތަނަށް އެއްވެ ތިބި މީހުން ފޮނުވާލުމަށްޓަކައި ފުލުހުން ވަނީ ޕެޕާ ސްޕްރޭގެ އިތުރުން ރަބަރު ވަޒަންވެސް ޖަހާފައެވެ.

އެގޮތުން އާންމުންނަށް ވަޒަންތައް ޖަހަމުންގޮސް އެ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިންތަކަކަށްވެސް ވަނީ ރަބަރު ވަޒަން ހިމެނޭ ބަޑި ޖަހާފައެވެ. ފުލުހުންގެ ފަރާތުން އަނިޔާ ރައްދުވެފައިވަނީ ރޮއިޓާސްގެ ނޫސްވެރިންތަކަކަށް ކަމަށް އެ ނޫހުން ބުނެއެވެ.

ވަޒަނުގެ އިތުރުން އެ ނޫހުގެ ކެމެރާމަނަށް އަނިޔާކޮށް އޭނާގެ ކެމެރާ ތަޅާލާފައިވާ ކަމަށްވެސް އެ ނޫހުން މައުލޫމާތު ދެއެވެ.

"އެތަނުގައި ހަރަކާތްތެރިވި ފުލުހެއް ހުރީ ހަމަ ސީދާ އަހަރެމެނާ ދިމާލަށް ރަބަރު ވަޒަން ރައިފަލް ދިއްކޮށްގެން. އެއަށްފަހު އެއްޗެކޭ ނުބުނެ ހަމަ ޖެހީ އެ ރައިފަލް،" ރޮއިޓާސްގެ ނޫސްވެރިޔެއް ކަމަށްވާ ހޫލިއޯ ސީޒާ ޝަވޭޒް ބުންޏެވެ.

comment ކޮމެންޓް