އެންއައިސީ ފުރިހަމައަށް މަސައްކަތް ނުކުރާތީ އިމްރާންގެ ކަންބޮޑުވުން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ: ހޯމް މިނިސްޓްރީ

ފުލުހުންގެ ވަކި ވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް މިނިވަން މުސްތަގިއްލު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ފުރިހަމަ ގޮތުގައި ހިންގަމުން ދިޔުމަކީ ލާޒިމު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ކިޔާ މީހަކު މަރާލުމާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ދަނީ އާންމުން ފާޅުކުރަމުންނެވެ. އެ މައްސަލައިގައި ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެ މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންވެސް އަދި ޖަލުތަކުގައިވެސް ނަހަމައިން ކަންކަން ނުހިނގާނެހެން ސިޔާސަތު އެކުލަވާލުމަކީ ހޯމް މިނިސްޓްރީއިން ކުރާ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ވަކި ވަކި އޮފިސަރުންގެ ކަންތައްތައް ތަހުގީގު ކުރުމުގައި އިންޓަގްރިޓީ ކޮމިޝަން ފުރިހަމަ ގޮތުގައި ހިންގުމަކީ ލާޒިމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ފަރާތުން އާންމުންނަށް އަނިޔާ ލިބުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ހިޔާލު ފާޅުކުރައްވާފަ އެވެ.

ފުލުހުން އާންމުންނާ މެދު އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ބާރު ބޭނުން ކުރަން ޖެހޭނީ އާންމު މަސްލަހަތާއި ރައްޔިތުން ހިމާޔަތް ކުރުމަށް އެ ނޫން ގޮތެއް ނެތިގެން ކަމަށް ވިދާޅުވި އެވެ.

ފްލޮއިޑްގެ މަރާ އެކު އެމެރިކާގައި ފުލުހުން ކަޅު ނަސްލުގެ މީހުންނާ މެދު އަނިޔާވެރިވާ ކަމަށް ދެކެވޭ ވާހަތައް އަނެއްކާވެސް ވަނީ ވަރަށް ބާރަށް ދެކެވެން ފަށައި ފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް