ކޮވިޑަށް ފަރުވާދިނުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ކާމިޔާބު އެއްމަސް

ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ފެންވަރުގައި ކޮވިޑް-19އަށް ފަރުވާދޭ މައި ފެސިލިޓީއެއްގެ ގޮތުގައި ހެދުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޓްރީ ޓޮޕް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ އެޕްރީލް، 26، 2020 ގަ އެވެ. އަދި މިކަން އެ ހޮސްޕިޓަލުގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފައިވަނީ މޭ، 1، 2020ގަ އެވެ.

ކޮރޯނާ ވައިރަހަށް ފަރުވާދިނުމަށްޓަކައި އެންމެ ފުރަތަމަ މީހާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މޭ، 6، 2020ގަ އެވެ. އެފަހުން އެއްމަސް ހަމަވާން ކައިރިވެފައިވާއިރު، މިހާތަނަށް އެ ހޮސްޕިޓަލުން ވަނީ ޖުމްލަ 28 ކޮވިޑް ބަލިމީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދީފަ އެވެ. މިއީ ސަރުކާރުގެ އެކި ކަރަންޓީން ސެންޓަރުތަކުން އައިޖީއެމްއެޗް މެދުވެރިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރި މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 25 ބޮޑެތި މީހުންނާއި ތިން ކުޑަ ކުދިންނެވެ. މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 13 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖްރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ދަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ އެކި ސްޓޭޖްގެ މީހުންނަށް 24 ގަޑިއިރު ހުއްޓުމެއްނެތި ފަރުވާ ކުރިއަށް ގެންދަމުންނެވެ. އެޑްމިޓްކުރި މީހުންގެ ތެރެއިން ފަސް މީހުންނަކީ ސީރިއަސް ކްރިޓިކަލް ކޭސްތަކެވެ.

މީގެ ތެރެއިން ވެންޓިލޭޓަރުގެ އެހީ ބޭނުންވެގެން ވެންޓިލޭޓަރަށް ލީ ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގާބިލު ޓީމުންވަނީ މިދިޔަ މަހުގައި ކޮރޯނާވައިރަހުގެ ބަލިމީހުންނަށް ބޭނުންވެފައިވާ އޮޕަރޭޝަންތަކާއި އަދި އެހެނިހެން ފަރުވާ ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮވިޑް 19އަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންދާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއި، ނަރުހުންނާއި، ކްލިނިކަލް ސްޓާފުންގެ ތެރޭގައި ހިމެނޭ ރޭޑިއޯގްރާފާސް އަދި ލެބޯޓަރީ ޓެކްނީޝަނުން، ހުއްޓުމެއްނެތި 24 ގަޑިއިރު ކޮރޯނާ ވައިރަސްގެ ބަލިމީހުންނަށް ފަރުވާ ދެމުންދާކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ފަރާތުން ޝުކުރު އަދާކުރެ އެވެ.

މި ފުރުސަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސަޕޯޓް ސާވިސަސް ޓީމްގައި ހިމެނޭ އިދާރީ ސްޓާފުންނާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން (އައި ސީ ޓީ) ޓީމް، ބަޔޯ މެޑިކަލް އެންޑް އިންޖިނިއަރިންގް، ފުޑް ސާވިސަސް، ސެކިއުރިޓީ އަދި ހައުސް ކީޕިން ސްޓާފުންނަކީ ބަލި މީހުންނަށް ބޭނުންވާ މުހިންމު ފަރުވާ ފޯރުކޮށްދިނުމުގައި އަގުހުރި އެހީ ފޯރުކޮށްދޭ ފަރާތްތަށް ކަމަށް ފާހަގަކޮށް މި މުވައްޒަފުންގެ އަގު ވަޒަންކުރާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ގައުމަށް ދިމާވެފައިމިވާ ނުރައްކާތެރި ސިއްހީ ކާރިސާގެ ވަގުތުކޮޅުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ގައުމަށް ހިދުމަތްކުރަން ލިބޭ ފުރުސަތަކީ ފަހުރެއްގެ ގޮތުގައި އެ ހޮސްޕިޓަލްގެ ޑިރެކްޓަރުންގެ ބޯޑުން ފާހަގަކުރެ އެވެ. އަދި ކޮވިޑް 19ގެ ކުރީ ސަފުގައި ބަލި މީހުންނަށް ހުއްޓުމެއްނެތި، ވަރުބަލި ކަމަކާނުލާ އެތައް ގުރުބާނީތަކަކާއެކު އެންމެ މޮޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ގައުމަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކާމެދު ފަހުރުވެރިވާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

މީގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތަކަށް އެހީވެދޭ ސަރުކާރުގެ އެންމެހާ އިދާރާތަކާއި ހާއްސަ ގޮތެއްގައި ހެލްތް މިނިސްޓްރީ އާއި ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ޓީމް، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓާސްކްފޯސް އަދި އައިޖީއެމްއެޗްގެ ފަރާތުން ލިބެމުންދާ އެހީއާއި އެއްބާރުލުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ޝުކުރެއް އަދާކުރެ އެވެ.

comment ކޮމެންޓް