ފުރަބަންދުގައި ޕީޖީން 45 މައްސަލައެއް ކޯޓަށް ފޮނުވައިފި

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާ މުއްދަތުގެ ތެރެއިން ހުސްވި މޭ މަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 45 މައްސަލައެއް ނިންމާ، ކްރިމިނަލް ކޯޓަށް ފޮނުވާފައިިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ހުރިހާ މައްސަލައެއް ވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އެ 45 މައްސަލައިގައި 77 ދައުވާ ޝީޓު ތައްޔާރުކޮށްފައިވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް ކަރުދާސް ފޮނުވުމުގެ ބަދަލުގައި، އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން މާބޮޑަށް ރަނގަޅު ކަމަށް ވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ޝަރީއަތުގެ ކަންކަމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވުމުގެ އިތުރުން ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ ވިދާޅުވެފައެވެ.

ލޮކްޑައުންގެ ތެރޭގައިި ޕީޖީ އޮފީހުން ވަނީ މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި 11 މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

އެ މައްސަލަ ކޯޓަށް ފޮނުވުމާ ގުޅިގެން ޕީޖީ ޝަމީމް މީގެކުރިން ވިދާޅުވީ އެ މައްސަލައިގައި 576 ސަފްހާގެ ދައުވާ ޝީޓެއް ޕީޖީން ތައްޔާރުކުރި ކަމަށެވެ. އަދި ފުރަބަންދުގެ މި ހާލަތުގައި އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް