ޓޫރިޒަމް ސިނާއަތުގައި ނުގަވާއިދުން ބިދޭސީން ގެންގުޅޭނަމަ ފިޔަވަޅު އަޅަނީ

މެއި 14، 2020: ސްޕްލައި މަސައްކަތް ކުރުމުގައި ބިދޭސީންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތަކުގައި ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ޓޫރިޒަމްގެ އެކި މަސައްކަތްތަކުގައި ބޭނުންކުރާ ބިދޭސީންގެ ވޯކްޕާމިޓް އޮތްތޯ ބެލުމަށް މިހާރު ހިދުމަތް ދެމުންދާ ތަންތަނާއި އަލަށް ފަށައިގަންނަ ތަންތަނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން އެ ސިނާއަތުގައި އުޅޭ އޮޕަރޭޓަރުންގެ އިތުރުން ޑިވެލޮޕަރުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ބިދޭސީންގެ އަތުގައި ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކުރާ ލިޔެކިޔުން ހުރިތޯ ބަލަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަސައްކަތްތަކުގައި ބޭނުންކުރާ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމް ސިނާއަތް ހުއްޓުމަކަށް އައިސްފައިވާއިރު، ޓޫރިޒަމް އަލުން ފަށައިގަންނާނީ ދިވެހިން ބޭނުންވާ ފަދަ ބަދަލުތަކާއި ފުރުސަތުތަކާއެކު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހަމައެއާއެކު ވޯކް ޕާމިޓް ނެތް ބިދޭސީންނަށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި އެ ފުރުސަތު އެއްވެސް ކުންފުންޏަކަށް ނުލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެފައިވާއިރު، ކޮވިޑް19އާ ގުޅިގެން ލޮކްޑައުން ކުރުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެ ޕްރޮގްރާމުގެ ދަށުން 43،000 ވަރަކަށް ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާފައިވާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގަވާއިދުގެ ތެރެއަށް ބިދޭސީން ވެއްދުމުގެ އިތުރުން ކޮވިޑް19 ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު އެއްބަޔަކީ ބިދޭސީން ކަމަށްވުމާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިހާތަނަށް އައިއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށްޓަކައި ހަތަކަށް ވުރެ ގިނަ ދަތުރު ވަނީ ކޮށްފަ އެވެ.

މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 5،000އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށް އެންއީއޯސީން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް