މަހްރެޒްގެ ގެއަށް ވަގުން ވަދެ އަގުބޮޑު ސާމާނުތަކެއް ލޫޓުވާލައިފި

މަހްރޭޒް ސިޓީގެ ޖާޒީގައި --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ސިޓީގެ ފޯވާޑް ރިޔާދް މަހްރެޒްގެ ގެޔަށް ވަގުންތަކެއް ވަދެ، އަގުބޮޑު ސާމާނުތަކެއް ލޫޓުވާލައިފި އެވެ.

އުމުރުން 29 އަހަރުގެ މަހްރެޒްގެ މެންޗެސްޓާ އެޕާޓްމެންޓަށް ގޭންގަކަށް ނިސްބަތްވާ ބަޔަކު ވަދެ 500،000 ޕައުންޑްގެ މުދާ ވަަގަށް ނަގާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ހަފުތާއެއްގެ މައްޗަށް 200،000 ޕައުންޑްގެ މުސާރައެއް މަހްރެޒްއަށް ލިބޭ އިރު އޭނާ މި އެޕާޓްމެންޓަށް ދާދި ފަހުން ބަދަލުވީ އޭނާގެ ކުރީގެ އަނބިމީހާ ރިޓާއާއި ވަރި ވުމަށްފަހު އެވެ. މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި، މަހްރޭޒްގެ ގެއަށް ވަގުން ވަދެ ވަނީ އޭނާގެ އަގުބޮޑު ތިން ގަޑިއާއި، ކުޅުންތެރިން އަތުން މަހްރޭޒް ހޯދާފައިވާ ޖާޒީތަކުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް ނަގައިފަ އެވެ.

އޭގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު އެއް އަތުކުރީ ގަޑި ކަމަށްވާ 230،000 ޕައުންޑްގެ ރިޗާޑް މައިލް ގަޑިއަކާއި، 40،000 ޕައުންޑުގެ ރޮލެކްސް ދެ ގަޑި ހިމެނޭ އިރު 50،000 ޕައުންޑްގެ ގަނޑު ފައިސާގެ އިތުރުން ވެސް މުހިއްމު ބައެއް އެއްޗެހި ވަނީ ނަގައިފަ އެވެ.

ރިޗާޑް މައިލް ގަޑިއަކީ ވަކި ވަކި ސެލަބްރިޓީންނަށް ހާއްސަކޮށްގެން ހަދާފައިވާ ވަން ޕީސް ގަޑިތަކެކެވެ. އެގޮތުން މަޝްހޫރު ލަވަ ކިޔުންތެރިޔާ އެޑް ޝީރަން އާއި، ކާންޔޭ ވެސްޓުގެ އިތުރުން ބްރެޒިލްފް ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާގެ އަތުގައި ވެސް އޭގެ ގަޑިއެއް އޮވެ އެވެ.

މި ވަގުންގެ ގްރޫޕް މަހްރޭޒްގެ އެޕާޓްމެންޓަށް ވަދެފައިވަނީ އޭނާ ޕްރެކްޓިސްއަށް ދިޔަ ވަގުތު ބަލައިފަ އެވެ. އެ މައްސަލަ ފުލުހުް ތަހުގީގު ކުރަމުންދާ އިރު އެޕާޓްމެންޓުގެ ސެކިއުރިޓީ މިހާރު ވަނީ ކުރިއަށް ވުރެން ވަރުގަދަ ކޮށްފަ އެވެ.

ދާދި ފަހުން ޓޮޓެންހަމުގެ ފޯވާޑް ޑެލޭ އަލީގެ ގެއަށް ވެސް ވަގުން ވަދެ ވަނީ އަގުބޮޑު މުދާތަކަކާ އެކު އޭނަގެ ގަޑި ކަލެކްޝަން ވެސް ވަގަށް ނަގައިފަ އެވެ.

comment ކޮމެންޓް