ލަންކާ: އަވަހާރަވި މިނިސްޓަރުގެ މޫނު ދެކިލުމަށް ގިނަ ބަޔަކު ކާފިއުއާ ހިލާފުވެއްޖެ

މިނިސްޓަރު ތޮންޑާމަންއަށް އެންމެ ފަހު އިހުތިރާމް އަދާ ކުރުމަށް އެތައް ހާސް މީހުން އެއްވި -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޖޫން 1): މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ސްރީލަންކާގެ މިނިސްޓަރެއް ކަމަށްވާ އަރުމުގަމް ތޮންޑަމަންއަށް އެންމެ ފަހު އިހުތިރާމް އަދާކޮށް، އޭނާގެ މޫނު ދެކިލުމަށް އެތައް ހާސް މީހުން ކާފިއުއާ ހިލާފުވެއްޖެ އެވެ.

ލަންކާގެ ކޮމިއުނިޓީ އެމްޕަވާމެންޓް އެންޑް އެސްޓޭޓް އިންފްރާސްޓްރަކްޗާ ޑެވެލޮޕްމެންޓް މިނިސްޓަރު އަދި ސިލޯން ވޯކާސް ކޮންގްރެސް (ސީޑަބްލިޔުސީ)ގެ ލީޑަރުގެ ގޮތުގައި ހުންނެވި ތޮންޑަމަން އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކޮލަމްބޯގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފާއިތުވި 26 އަހަރު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ނޫރަލިޔާ ތަމްސީލުކޮށްދެއްވި ތޮންޑަމަންގެ ހަށިގަނޑު އެ ޑިސްޓްރިކްޓަށް ގެންދިޔައީ ހޮނިހިރު ދުވަހުގަ އެވެ. އަދި އޭނާގެ ޖަނާޒާ ބޭއްވީ އިއްޔެ އެވެ. އަދި އެ ދުވަހާއި އިއްޔެ ނޫރަލިޔާގައި ކާފިއު އިއުލާން ކުރި ނަމަވެސް ތޮންޑަމަންއަށް އިހުތިރާމް އަދާ ކުރުމަށް އެތައް ހާސް މީހުން އެއްވި އެވެ.

އެ އެއްވުންތަކުގައި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ތިބުން ފަދަ ގަވާއިދުތަކާ ގިނަ ބަޔަކު ހިލާފުވި ކަމަށް ބުނެ ސިއްހީ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލަންކާގެ ގަވަމެންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ޖީއެމްއޯއޭ)އިން ވަނީ އެގައުމުގައި މިހާރު ވައިރަހުގެ ކޭސްތައް ފެންނަމުން ދަނީ ކަނޑުގެ ސިފައިންގެ ކްލަސްޓާއަކާއި ބޭރު ގައުމުތަކުގައި ތިބެފައި އެގައުމަށްދާ ރައްޔިތުންގެ ފަރާތުން ކަމަށް ބުނެފަ އެވެ. ނަމަވެސް ތޮންޑަމަންއަށް އިހުތިރާމު އަދާ ކުރުމަށް ބޭއްވި އެއްވުންތަކުގެ ސަބަބުން ވައިރަހުގެ 'ދެވަނަ ރާޅެއް' އަރާފާނެ ކަމުގެ ބިރު މިހާރު އޮތް ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެފަރާތްތަކުން ވަނީ ވީހާވެސް ކުޑަ ޖަނާޒާތައް ބާއްވަންވީ މި ދަނޑިވަޅުގައި ސަރުކާރުން ތޮންޑަމަންގެ ޖަނާޒާ ދިގު ދަންމަން ހުއްދަ ދިނުމުން ނުރުހުން ފާޅުކޮށްފަ އެވެ.

ތޮންޑަމަން އަކީ ލަންކާގައި ދިރިއުޅޭ އިންޑިއާގެ ޓަމިލް ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މަޝްހޫރު ޓަމިލް ލީޑަރު އަދި ސީޑަބްލިޔުސީ އުފެއްދެވި ސަވުމިޔަމޫރުތީ ތޮންޑަމަންގެ ކާފަދަރިކަލުންނެވެ. އޭނާ ގެންދެވީ މިއަހަރުގެ ޕާލިމެންޓް އިންތިހާބުގައިވެސް ނޫރަލިޔާގެ ގޮނޑިއަށް ވާދަ ކުރައްވަން ތައްޔާރުވަމުން ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ސްރީލަންކާގައި މިހާތަނަށް 1633 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ވެލިސަރަ ނޭވީ ކޭމްޕާ ގުޅުން ހުރި މީހުންނެވެ. އަދި އެގައުމުން ބަލީގައި 11 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް