ފުޓުބޯޅަ ދެން ކުރިއެކޭ އެއްގޮތެއް ނުވާނެ: މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ: ނިކޮލަސް މެގީ

ކޮރޯނާ ވައިރަހުގެ ވަބާއަށްފަހު ފުޓުބޯޅަ ކުރިން އޮތް ގޮތަށް ދެން ބަދަލު ނުވާނެ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރަޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަން ފަދަ ޔޫރޮޕުގެ ނަން މަޝްހޫރު ގައުމުތަކުގެ ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އަދި އެހެންމެ ބާކީ ހުރި ލީގުތައް ވެސް މި މަހުގެ ތެރޭގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ/

އެކަމަކު ދެން "ފުޓުބޯޅަ ކުރިން އޮތް ހާލަތަށް ރުޖޫއަ ނުވާނެ" ކަމަށް ގަބޫލު ކުރެވޭ ކަމަށް ބާސެލޯނާގެ ފޯވާޑް މެސީ ވަނީ ބުނެފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް ހަ ފަހަރެއްގެ މަތިން ހޯދި މެސީ ފުޓުބޯޅަ އެެއްކައިރިކޮށް ދިރިއުޅުން ވެސް ދެން ކުރިއެކޭ އެއްގޮތް ވާނެ ކަމަށް ނުބުލެވޭ ކަމަށެވެ.

"އަހަރުމެން އެންމެންނަށް ވެސް މިކަން މިހާރު މި ތަޖުރިބާ ކުރެވުނީ. މިކަން ދެން ދުވަހަކުވެސް ހަނދާނަކުން ނުފިލާނެ. މިކަމުގެ އަސަރެއް ވެސް ދެން ނުކެނޑޭނެ،" މެސީ ބުންޏެވެ.

މެސީ ބުނީ މި ވަަބާގެ ސަބަބުން ފުޓުބޯޅައަށާއި، އެހެން ކުޅިވަރުތަކަށް ވެސް އަގުނުކުރެވޭހާ ބޮޑެތި ގެެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި މިކަމުން އަރައިގަނެވުނަސް އެކަން އެއްކޮށް ފޫބެއްދުމަކީ ވާނޭ ކަމެއް ނޫން ކަމަށް މެސީ ބުންޏެވެ.

ވައިރަހުގެ ސަބަބުން މެދުކެނޑުމަކަށްފަހު ލީގުތައް ފެށި ނަމަވެސް މެދުތައް ކުޅެނީ ހަރުކަށި ފިޔަވަޅުތަކަކާ އެކު އެވެ. އެގޮތުން ދަނޑުތަކަށް އެއްވެސް ސަޕޯޓަރަކު ނުވެއްދުމާއި، ހުރިހާ ކުޅުންތެރިން ގަވާއިދުން ޓެސްޓް ކުރުމން ފަދަ ކަންކަން ހިމެނެ އެވެ.

comment ކޮމެންޓް